ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ނަމުގައި މުޅި އިންޑިއާ ކަނޑުގެ ސަރަހައްދަށް އަތްގަދަ ކުރަމުން އަންނަ އަވަށްޓެރި އިންޑިއާއިން، މޮރިޝަސްގެ ޖަޒީރާއެއްގައި، ކަނޑުގެ ސިފައިންގެ އަސްކަރީ މަރުކަޒެއް ތަރައްގީ ކުރަމުން އަންނަ ކަމަށް، އަޑި ނޭނގޭ ގިނަ ހަބަރުތަކެއްގެ އެންމެ ފުނަށް ފީނައިގެން ހަބަރާއި މައުލޫމާތު ގެނެސްދިނުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ އަލްޖަޒީރާއިން ރިޕޯޓް ކޮށްފިއެވެ.
އަލްޖަޒީރާގެ ތަހުގީގު ޔުނިޓުގެ މަސައްކަތްތަކާ ހަވާލާދީ، އެ މީޑިއާއިން އާންމު ކުރި ރިޕޯޓެއްގައި ބުނެފައި ވަނީ، ސެޓެލައިޓް މަންޒަރުގެ އިތުރުން، މާލީ ތަފާސް ހިސާބުތަކާ، ސީދާ މައިދާނުން ލިބިފައި ވާ މައުލޫމާތަށް ބަލާއިރު، މޮރިޝަސްގެ ޖަޒީރާއެއް ކަމަށް ވާ އަގަލޭގާގައި، އިންޑިއާއިން ކަނޑުގެ ސިފައިންގެ ފެސިލިޓީއެއް ތަރައްގީ ކުރަމުން އަންނަ ކަމުގެ ހެކި ލިބިފައި ވާ ކަމަށެވެ.
އަސްކަރީ ތަޖުރިބާކާރުންނާ ހަވާލާދީ އަލްޖަޒީރާއިން ބުނީ، މޮރިޝަސްގައި އިންޑިއާއިން ތަރައްގީ ކުރަމުން އަންނަނީ ވައިގެ ބަނދަރެއް ކަމަށާ، މި އެއާސްޓްރިޕް ނުވަތަ ރަންވޭ، ހަމަ ޔަގީނުންވެސް ބޭނުން ކުރާނީ އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއިން ހިންގާ ކަނޑުމަތީގެ ޕެޓްރޯލް މިޝަންތަކަށް ކަމަށެވެ.
އިންޑިއާއިން މިފަދަ މަޝްރޫއެއް ހިންގާ ކަމުގެ އަޑުތައް އެންމެ ފުރަތަމަ ފެންމަތިވީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް، އިންޑިއާއާއި މޮރިޝަސްއިން އޭރު ވަނީ އެ ވާހަކަތައް ދޮގު ކޮށްފައެވެ. އެ ގޮތުން އެ ވާހަކަތަކުގައި ރިއާޔަތް ކުރެވުނު މަޝްރޫއަކީ އަސްކަރީ މަގުސަދެއް އެކުލެވޭ މަޝްރޫއެއް ނޫން ކަމަށާ، ނަމަވެސް އެ މަޝްރޫއަކީ، މޮރިޝަސްގެ ޖަޒީރާ ރަށްވެހިންގެ ފައިދާއަށް ހިންގާ މަޝްރޫއެއް ކަމަށް ވަނީ ބުނެފައެވެ.
މޮރިޝަސްގެ މައި ރަށާ ގާތްގަނޑަކަށް 1100 ކިލޯމީޓަރު ދުރުގައި އޮންނަ އަގަލޭގާގައި ތަރައްގީ ކުރަމުން އަންނަ މަޝްރޫއުގެ ތަފްސީލު، ސެޓެލައިޓް ފޮޓޯތަކާ ހަވާލަދީ، އަލްޖަޒީރާއިން ބުނީ، ބޮޑު 2 ޖެޓީއެއްގެ އިތުރުން 3 ކިލޯމީޓަރަށް ވުރެ ދިގު ރަންވޭއެއްގެ މަސައްކަތް ހިނގަމުން ދާ ކަމަށެވެ. އަގަލޭގާއަކީ ގާތްގަނޑަކަށް 300 އެއްހާ މީހުން ދިރިއުޅެމުން އަންނަ ސަރަހައްދެއް ކަމަށް މައުލޫމާތު ލިބެއެވެ.
އަގަލޭގައި މަތިންދާ ބޯޓު ޖައްސަން މިހާރު ބޭނުން ކުރާ ރަންވޭއަކީ، މޮރިޝަސްގެ ކޯސްޓްގާޑުން ބޭނުން ކުރާ ބުރަފަތިލީ މަތިންދާ ބޯޓުތަކަށް ކިރިއާ ފުދޭ ވަރުގެ ކުރު ރަންވޭއެކެވެ. އެއީ އެންމެ 800 އެއްހާ މީޓަރު ކުރު ރަންވޭއެކެވެ. ނަމަވެސް މިހާރު ތަރައްގީ ކުރަމުން އަންނަ އެއާސްޓްރިޕްއަކީ، ދުނިޔޭގެ ފެންވަރުގެ، ބައިނަލްއަގުވާމީ އެއާޕޯޓްތަކުގައި އޮޕަރޭޓް ކުރާ ވަރުގެ، އެންމެ ބޮޑެތި މަތިންދާބޯޓުތައް ޖެއްސޭ ވަރުގެ ތަނެއް ކަމަށް އަލްޖަޒީރާއިން ބުނެއެވެ.
ސެޓެލައިޓް ފޮޓޯތަކުގެ އިތުރުން، އަލްޖަޒީރާއިން ވަނީ އިންޑިއާގެ ކަނޑު އުޅަނދު ފަހަރުގެ ހަރަކާތްތަކުގެ މައުލުމާތުވެސް އެއްކޮށްފައެވެ. އެގޮތުން އިންޑިއާގެ ބަނދަރުތަކުން، އުމްރާނީ ބިނާވެށީގެ މަޝްރޫއަށް ބޭނުންވާ ސާމާނު ބަރުކޮށްގެން، މުދާ އުފުލާ ބޮޑެތި ބޯޓުފަހަރު، އަގަލޭގާއަށް ދަތުރު ކޮށްފައި ވާ ކަމަށް އަލްޖަޒީރާއިން ބުނެއެވެ.
އަދި 2 އަހަރެއްހާ ދުވަހުގެ ތެރޭގައި، ކޮންސްޓްރަކްޝަން މަސައްކަތްތެރިން ގިނަ މަންޒިލަކަށް އަގަލޭގާ ވެފައި ވާ ކަމަށްވެސް އަލްޖަޒީރާއިން ބުނެއެވެ. ބައެއް މީހުންނަކީ ސެމީ-ޕާމަނަންޓް އުސޫލުން އެ ސަރަހައްދުގައި ކޭމްޕު ކޮށްފައި ވާ މީހުން ކަމަށް މައުލޫމާތު ލިބެއެވެ.
މިހާރު އަގަލޭގާ ތަރައްގީ ކުރަމުން އަންނަ ފެސިލިޓީގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި އިންޑިއާއާއި މޮރިޝަސްއިން ސޮއި ކޮށްފައި ވަނީ 2015 ވަނަ އަހަރުއެވެ.
އިންޑިއާއިން މިފަދަ ފެސިލިޓީއެއް ތަރައްގީ ކުރުމުގެ ހަގީގީ މަގުސަދަކީ، އިންޑިއާގެ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ ބާރު ކަނޑުވާލުން ކަމަށް ވަކާލާތު ކުރެވެއެވެ. މިކަން ކަށަވަރު ކުރުމަށް އިންޑިއާއިން މިހާރުވެސް ވަނީ ފިޔަވަޅުތަކެއް އަޅާ، ޗައިނާއަށް ބާރު ހިންގޭނެ މަގުތައް ހަނިކޮށްފައެވެ. އެގޮތުން މޮރިޝަސްގެ އިތުރުން ދިވެހިރާއްޖެއަށްވެސް އިންޑިއާއިން ރޭޑާ ސިސްޓަމް ހަދިޔާ ކޮށްފައި ވާ ކަން އަލްޖަޒީރާއިން ފާހަގަ ކުރެއެވެ.
ހަނިމާދޫގަ
މީ އިންޑިއާ ސަރަހައްދު.. މި ސަރަހައްދުގަ ހިންގާ ކަންކަން އިންޑިއާ އިން ހިންގަމުން އަންނަނީ އެމެރިކާގެ ރުހުމާއި އެކު ކަމައް ވީއިރު މި ސަރަހައްދުގެ ގައުމުތަކުގެ ސަލާމަތާ ރައްކާތެރިކަން އޮތީ މިކަންކަން ކޮއްގެން ކަން ޑިޕޮލޮމެޓިކް ލެވަލްގަ ގަބޫލު ކުރަންޖެހޭ.. ސަބަބަކީ މިފަހަކައް އައިސް މި ސަރަހައްދުގަ އަތް ގަދަކުރުމުގެ ސިޔާސަތުގެ ދަށުން ޗައިނާއިން ހަރަކާތްތައް ހިންގަން ފެށުން.. ހަގީގަތަކީ ޗައިނާއައް އަތްގަދަ ކުރުމުގެ ފުރުސަތެއް އިންޑިއާ އާއި އެމެރިކާ ނުދޭނެކަން…..