2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ފަހުކޮޅު، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ވޫހާން ސިޓީއިން އަނެއްކާވެސް އެ ބަލީގެ ކޭސްތައް ފެނުމާ ގުޅިގެން، މުޅި ސިޓީގެ އާބާދީ، ކޮވިޑަށް ޓެސްޓު ކުރަން، ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ނިންމައިފިއެވެ.

ވޫހާންއިން ލޯކަލް ޓްރާންސްމިޝަންގެ ގޮތުގައި 7 ކޭހެއް ފާހަގަ ކުރެވިފައި ވާ އިރު، މިއީ ފާއިތުވީ އަހަރަކަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި އެ ސިޓީއިން ލޯކަލް އިންފެކްޝަން ކޭސްތަކެއް ފެނުނު ފުރަތަމަ ފަހަރެވެ.

ވޫހާން ސީޓީއަކީ 11 މިލިއަނެއްހާ މީހުން ދިރިއުޅެމުން އަންނަ ސިޓީއަކަށް ވާއިރު، މި ދަނޑިވަޅަކީ، ޗައިނާގެ އެކި ސަރަހައްދުތަކުގައި ކޮވިޑް ކޭސްތައް އިތުރު ވަމުން އަންނަ ދަނޑިވަޅެކެވެ. ކޮވިޑް ކޮންޓްރޯލް ކުރަން ކާމިޔާބު މަސައްކަތްތަކެއް ކުރި ޗައިނާއިން، ފާއިތުވީ 10 ވަރަކަށް ދުވަހުގެ ތެރޭގައި 100 ކޭސް ފެނިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ޗައިނާގައި މިހާރު ކޭސް އިތުރު ވަމުން ދަނީ، އިންޑިއާއިން ފެންމަތިވި ޑެލްޓާ ވޭރިއަންޓްގެ ސަބަބުން ކަމަށް، ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ. އަދި މި ދުވަސްވަރަކީ ޗައިނާގެ އެތެރޭގެ ފަތުރުވެރި މޫސުމެއް ކަމަށް ވެސް ހަބަރު ލިބެއެވެ.