ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މި މަހުގެ 16 ވަނަ ދުވަހު ފަށަން ތާވަލު ކޮށްފިއެވެ.

މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާތައް މި މަހު 16 ގައި ފެށުމަށް ނިންމާ އެކަން މެންބަރުންނަށް ވަނީ އަންގާފައެވެ.

މަޖިލީހުގެ ދެވަނަ ދައުރަށް ފަހު މެންބަރުން ޗުއްޓީއަށް ވަޑައިގެންފައި ވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓު މިދިޔަ މަހުގެ 13 ވަނަ ދުވަހު ފާސްކުރެއްވު މަށް ފަހުއެވެ.

ނަޝީދަށް ދިން ހަމަލާ އާ ގުޅިގެން ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދެއްވުމަށް މިހާރު ހުންނެވީ ރާއްޖެއިން ބޭރުގައެވެ. އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް އަދި ހާމައެއް ނުކުރައްވައެވެ.

ދެވަނަ ދައުރުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާފައި ވަނީ ނައިބު ރައީސް އީވާ އަބްދުﷲއެވެ.

މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.