ޓެރަރިސްޓުންގެ ގޮތުގައި ބައިނަލްއަގުވާމީ މުޖުތަމައުން ސިފަކުރަމުން އަންނަ ތޯލިބާނުންނަކީ ހަނގުރާމަވެރި ބައެއް ނޫން ކަމަށާ، ނަމަވެސް އެއީ އާންމު، މަދަނީ ރައްޔިތުން ކަމަށް، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ޕީބީއެސް ނެޓްވޯކަށް ދެއްވި ބަސްދީގަތުމެއްގައި އިމްރާން ވަނީ، ޕާކިސްތާނުގެ އަވަށްޓެރި އަފްގާނިސްތާނުގެ 3 މިލިއަނެއްހާ "ރެފިއުޖީންނަށް" ޕާކިސްތާނުގައި ހިޔާވަހިކަން ފޯރުކޮށްދެމުން އަންނަ ކަމަށްވެސް ވިދާޅުވެފައެވެ.

ޓެރަރިޒަމްގެ ނަމުގައި ތޯލިބާނުން ބަލިކުރުމަށް އަފްގާނިސްތާނަށް އަރާ، އެ ގައުމުގައި އެމެރިކާއިން ހަނގުރާމަ ކުރި ކުރުމުގެ ފަހަތުގައި އޮތް މަގުސަދާ މެދުވެސް އިމްރާން ވަނީ ސުވާލު އުފައްދަވާފައެވެ. އަދި އެމެރިކާއިން އަފްގާނިސްތާނުގައި "ހަޑި ހަވާފައި" ވާ ކަމަށްވެސް އިމްރާން ވަނީ ސިފަކުރައްވާފައެވެ.

ތޯލިބާނުންނަކީ ހަނގުރާމަވެރިން ނޫން ކަމަށާ ނަމަވެސް، މަދަނީ ރައްޔިތުން ކަމުގައި ސިފަކުރައްވަމުން އިމްރާން ވަނީ، މަދަނީ ރައްޔިތުންތަކެއް، ޕާކިސްތާނުން ޝިކާރަ ކުރާނީ ކިހިނަކުން ތޯ ސުވާލު ކުރައްވާފައެވެ.

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާނުންނަށް ހިމާޔަތާއި ރައްކާތެރިކަން ދެނީ ޕާކިސްތާނުން ކަމަށް، ސިލްސިލާ ގޮތެއްގައި އަފްގާނިސްތާނާއި ބައިނަލްއަގުވާމީ މުޖުތަމައުން ސިފަކުރެއެވެ. ނަމަވެސް އެ ތުހުމަތުތަކާ ގުޅިގެން ޕާކިސްތާނުން ކުޅެނީ ދިފާއަށެވެ.