މާލެ ސަރަހައްދުގައި ކޮވިޑް ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްގެން ގާއިމުކުރި ހުޅުމާލެ މެޑިކަލް ފެސިލިޓީ ގައި ފަރުވާ ދެމުން ގެންދިޔަ ހުރިހާ ބަލި މީހުން ބަލިން ރަނގަޅުވެ، އެތަނުން ދޫކޮށްލުމުން ފުރަތަމަ ފަހަރަށް ފަރުވާދޭނެ އެއްވެސް ބަލި މީހަކު ނެތި މުޅި ފެސިލިޓީ ހުސްވެއްޖެއެވެ.

ކޮވިޑް ޖެހިގެން މާލެ ސަރަހައްދުގައި އެޑްމިޓް ކޮށްގެން އިއްޔެ ތިން މީހަކަށް ފަރުވާދެވެމުން ދިޔައެވެ. އޭގެ ތެރެއިން ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ ބަލި މީހާ ރޭ ދޫކޮށްލުމުން މާލޭ ސަރަހައްދުގައި މިހާރު ކޮވިޑް ބަލި މީހުންގެ ގޮތުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ ދެމީހަކަށެވެ. އެ ދެ މީހުންނަށް ފަރުވާދެމުން ދަނީ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.

މިހާރު ކޮވިޑް ޖެހިގެން މުޅި ރާއްޖޭގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 13 މީހަކަށެވެ. އޭގެ ތެރެއިން ދެމީހުން ފިޔަވައި އެހެން ހުރިހާ އެންމެންނަށް ވެސް ފަރުވާ ދެމުން ގެންދަނީ އަތޮޅުތެރޭގެ އެކި ރަށްރަށުގައި ހުރި ކޮވިޑް ފެސިލިޓީތަކުގައެވެ.

މާލޭ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް މިދިޔަ އަހަރުގެ ޖޫން މަހު ގާއިމު ކުރި ފެސިލިޓީން ބަލި މީހުން އިއްޔެ ހުސްވި ނަމަވެސް މިދިޔަ މެއި މަހު އެތަނުގައި އެޑްމިޓް ކުރަން ޖެހުނު މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، ފެސިލިޓީގެ ހާލަތު ގޯސްވެގެން ދިޔައެވެ.

މެއި މަހު އެވްރެޖްކޮށް ދުވާލަކު 1100 މީހުން ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވް ވަމުން ދިޔައެވެ. އަދި އެވްރެޖްކޮށް ކޮންމެ ދުވަހަކު ވެސް 244 މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން ގޮސްފައި

މި ހިނގާ ޖުލައި މަހު ރާއްޖެ އިން ދުވާލަކު 117 މީހަކު ކޮވިޑަށް ޕޮޒިޓިވް ވަމުން ދިޔަ ނަމަވެސް ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އެވްރެޖް ހުރީ 17 ގައެވެ.