ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މިއަދު މަރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، އެމީހާއަކީ ކޮވިޑް ބައްޔަށް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިއާއެކު މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ ވަނީ 244 އަށް އަރާފައެވެ.

އަދި މިއީ މި މަހުގެ ތެރޭގައި މަރުވި ފުރަތަމަ މީހާއެވެ. މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 195 މީހަކު މަރުވެފައެވެ.

މިދިޔަ އަހަރުގެ މާޗް 27 ވަނަ ދުވަހު ފުރަތަމަ ފަހަރަށް ރާއްޖެއިން ދިވެއްސަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވާ އިރު މިއަދާ ހަމައަށް މި ބަލި ރާއްޖެއިން ފެނުނުތާ މި ވަނީ 457 ދުވަސް ވެފައެވެ. މި ވޭތުވެ ދިޔަ 19 މަސް ދުވަހަށް ބަލާ އިރު އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުއެވެ.