ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރު އިންޑިއާ ލޮކްޑައުން ކޮށްފައި އޮތް އިރު، ކޮންމެ 10 އަންހެނަކުން 9 އަންހެނަކު ކެއީ މަދުން ކަމަށާ، އެ ކަމުގެ އަސަރު، އެމީހުންގެ ހަށިގަނޑުގެ ނިއުޓްރިޝަން ލެވަލްއަށްވެސް ފޯރާފައި ވާ ކަމަށް ދިރާސާއެއް ބުނެފިއެވެ.

ޓާޓާ-ކޯނެލް އިންސްޓިޓިއުޓް ފޮ އެގްރިކަލްޗާ އެންޑް ނިއުޓްރިޝަންއިން ކުރިއަށް ގެންދިޔަ ދިރާސާއަށް މައުލޫމާތު އެއްކޮށްފައި ވަނީ އުއްތަރަ ޕްރަދޭޝް، ބިހާރު އަދި އޮރިއްސާގައެވެ. ގައުމީ، ސްޓޭޓް އަދި ޑިސްޓްރިކްޓް ފެންވަރުގައި ދިރާސާ ކުރިއަށް ގެން ގޮސްފައި ވާއިރު، ކާބޯތަކެއްޗަށް މީހުން ކުރި ހަރަދާއި، ނިއުޓްރިޝަން ފަދަ އެހެން އިންޑިކޭޓާތަކަށް ރިއާޔަތް ކޮށްފައި ވެއެވެ.

ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 90 ޕަސެންޓް މީހުން، ކެއީ މަދުން ކަމަށް ބުނެފައި ވާ އިރު، 95 ޕަސެންޓް މީހުން ވަނީ، ކެއުމުގައި ބޭނުން ކުރީ މަދު ބާވަތްތަކެއްގެ ތަކެތި ކަމަށް ބުނެފައެވެ. ކެއުން މަދު ކުރި ބާވާތްތަކުގެ ތެރޭގައި އެއްގަމު މަހާ، ބިސް، ތަރުކާރީ އަދި މޭވާގެ ބާވަތްތައް ހިމެނެއެވެ.

ޓީސީއައިގެ ރިސާޗް އިކޮނޮމިސްޓެއް ކަމަށް ވާ، ސޯމްޔާ ގުޕްތާ ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރިންވެސް، ކެއުމުގެ މުހިންމު ބައިތަކެއް އުނިވެފައި ވާ ކަމަށާ، ނަމަވެސް ކޮވިޑް-19އާއެކު ހާލަތު އިތުރަށް ގޯސްވީ ކަމަށެވެ.

ގާތުން ކިރު ދޭ މައިންނާއި މާ ބަނޑު މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ހިންގި މަރުކަޒުތައް ބަންދު ކުރުމުގެ ސަބަބުން، 72 ޕަސެންޓް ގޭބިސީއަށް އެކަމުގެ އަސަރު ފޯރި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން އިންޑިއާއިން ގައުމީ ފެންވަރުގައި ލޮކްޑައުންގެ ހަރުކަށި އަމުރު ތަންފީޒު ކުރީ މާޗް 24، 2020 އިން މެއި 30، 2020 ގެ ނިޔަލަށެވެ. އޭގެ ފަހުން ލޮކްޑައުން ކޮށްފައި ވަނީ އެކި ސަހަރުތައް ވަކިވަކިންނެވެ.