ރޭ އެމްޕީއެލް ޕޯޓް ސައިޓުގައި ކޮންޓެއިނާއެއް މަތިން ވެއްޓުނު މުވައްޒަފުގެ ވައަތުގެ ކޮނޑުހުޅާ އުޅަބޮއްޓާ ދޭތެރެ ވަނީ ބިނދިފައި ކަމަށް އެމްޕީއެލް އިން ބުނެފިއެވެ.
މި ހާދިސާ ހިނގައިފައިވަނީ ހަރުގަނޑެއް ބޭނުންކޮށްގެން 2 ބަރިއަށް ޖަހާފައިހުރި ކޮންޓެއިނަރު ބަރި މަތީ ހުރެފައި 3 ބަރިއަށް ޖަހާފަހުރި ބަރިއެއް މައްޗަށް އޭނާ އަރަން އުޅުމުގެ ތެރޭގައި ކަމަށް އެމްޕީއެލލް އިން ބުނެއެވެ.
އެމްޕީއެލްގެ ތަރުޖަމާނު ދާނިޝް ނިޒާމް "ދަ ޕްރެސް" އަށް ވިދާޅުވީ ރޭ 18:20 ހާއިރު ހިނގި މި ހާދިސާގައި ކޮންޓެއިނާ މަތިން ވެއްޓުނު އެ ކުންފުނީގެ މުވައްޒަފުގެ ވައަތުގެ ކޮނޑުހުޅާ އުޅަބޮއްޓާ ދޭތެރޭ ވަނީ ބިންދައިގެން ގޮސްފައި ކަމަށެވެ. މި އަނިޔާ ބޭރަށް ފެންނަން ނެތް ކަމަށާ ބިންދައިގެން ގޮސްފައިވާކަން އެނގުނީ ވެސް އެކްސްރޭ އެއް ނެގުމުން ކަމަށް ދާނިޝް ވިދާޅުވިއެވެ.
އަނިޔާވި މުވައްޒަފުގެ ހާލު ސްޓޭބަލް ކަން ފާހަގަކުރައްވާ ދާނިޝް ވިދާޅުވީ، ބިންދައިގެން ގޮސްފައިވާ އަތުގެ ސާޖަރީއެއް ހެދުމަށް މިހާރު ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ. ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކުރީ އައިޖީއެމްއެޗް އަދި އޭޑީކޭ ހޮސްޕިޓަލުގައި އަވަހަށް ސާޖަރީ ހެދެން ނެތުމުން ކަން ދާނިޝް ފާހަގަކުރެއްވިއެވެ.
ދާނިޝް އިތުރަށް ވިދާޅުވީ މި ހާދިސާގައި އެ ކުންފުނީގެ މުވައްޒަފު ވެއްޓުނީ ގާތްގަނޑަކަށް 9 ފޫޓު މަތިން ކަމަށާއި ވެއްޓުނު އިރު މުވައްޒަފު ހުރީ ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ހެލްމެޓް އަޅައިގެން ކަމަށެވެ.
މި ހާދިސާގައި އަނިޔާވި މުވައްޒަފުގެ ހާލު އެމްޕީއެލް އިން ގާތުން ބަލަމުންދާކަމަށް ދާނިޝް ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ތެރޭގައި އެމްޕީއެލްގައި މިފަދަ ހާދިސާއެއް ހިނގި މީ 3 ވަނަ ފަހަރެވެ. މިއަހަރުގެ ޖެނުއަރީމަހުގެ 7 ވަނަ ދުވަހު ވަނީ އެމްޕީއެލްގެ ބިއްލޫރި ޕަލެޓެއް ދަށުވި މީހަކު މަރުވެފައެވެ. އަދި ފެބަރުއަރީމަހުގެ 4 ވަނަ ދުވަހު އެމްޕީއެލް ޕޯޓް ސަރަހައްދުގައި ކާޕެޓްރޯލެއް ދަށުވެ ވެސް ވަނީ މީހަކު މަރުވެފައެވެ.