ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުން އިނގިރޭސިވިލާތުގެ އަސްކަރީ މަނަވަރު ދަތުރުކުރި މައްސަލާގައި އެކަމަށް ހިތްވަރު ދެނިވި ރޫހެއްގައި ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިޔާލު ފާޅުކުރެއްވުމާ ގުޅިގެން، ދިވެހިރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީއިން ރައްދު ދިނުމާއެކު، މިކަމުގައި ރައީސް ނަޝީދު ކުރިން ގެންގުޅުއްވި ރާގަށް ބަދަލު ގެންނަވައިފިއެވެ.

އިނގިރޭސިންގެ އަތުން ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނު ދުވަހު، އިނގިރޭސިވިލާތުގެ އަސްކަރީ މަނަވަރު، ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުން ދަތުރު ކުރި މަންޒަރު ބެއްލެވީ އުފާވެރި އިހުސާސްތަކާއެކުގައި ކަމަށާ، މިކަމަކީ، ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި އޮންނަ ސްޕްރެޓްލީ އައިލަންޑްސް ކައިރިން ދަތުރު ކުރުމަށް އޮތް ހައްގު ކަށަވަރުކޮށްދެނިވި ކަމެއްގެ ގޮތުގައިވެސް ރައީސް ނަޝީދު މީގެ ކުރިން ވަނީ ސިފަކުރައްވާފައެވެ.

މި ކަމާ ގުޅިގެން، ޗައިނާ އެމްބަސީއިން ކުރި ޓްވީޓްގައި ބުނެފައި ވަނީ، ބައިނަލްއަގުވާމީ ގާނޫނީ އިމުގެ ތެރެއިން، ޗައިނާގެ ކަނޑުގެ ސަރަހައްދުން ދަތުރު ކުރުމުގެ މިނިވަން ކަމަށް އެ ގައުމުންވެސް އިހުތިރާމް ކުރާ ކަމަށެވެ. ނަމަވެސް، ޗައިނާގެ އިސްތިގުލާލާއި ސަލާމަތަށް ނުރައްކާ ކުރަނިވި އަދި ސަރަހައްދީ ސުލްހައާއި ހަމަޖެހުން ނަގާލަނިވި އަމަލުތަކަށް ހިތްވަރު ދިނުމަކީ އެގައުމުން ކަނޑައެޅިގެން ދެކޮޅު ހަދާ ކަމެއް ކަމަށެވެ.

ޗައިނާގެ އެމްބަސީގެ ރައްދާ ގުޅިގެން ރައީސް ނަޝީދުވެސް ވަނީ އަނެއްކާވެސް ހިޔާލު ފާޅުކުރައްވާފައެވެ. އެގޮތުން ދިވެހި އެއްވެސް ރައްޔިތަކީ ޗައިނާއިން އެ ސިފަކުރި ޒާތުގެ މަންޒަރެއް ދެކެން ބޭނުން ވާނެ މީހެއް ނޫން ކަމަށް ވިދާޅުވިއެވެ.

ނަމަވެސް، ދިވެހިރާއްޖެއަކީވެސް ޖަޒީރާ ގައުމަކަށް ވާ ހިނދު، ކަނޑުތަކުގެ ގާނޫނުތަކަށް ހުރިހާ ގައުމަކުން އިހުތިރާމް ކުރުމަށް ދިވެހިރާއްޖެއިން އެދޭކަން، ޗައިނާގެ ސަފީރަށް ފަހުމްވެވަޑައިގަންނަވާނެ ކަމަށް ގަބޫލު ކުރައްވާނެ ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ޗައިނާއަށް ރައްދު ދެއްވާފައެވެ.

ޔޫކޭ ޑިފެންސް ޖާނަލްގެ ރިޕޯޓްތައް ބުނާ ގޮތުގައި، ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުން ދަތުރު ކޮށްފައި ވަނީ، އެ ގައުމުގެ އަސްކަރީ މަނަވަރު އެޗްއެމްއެސް ކުއީން އެލިޒަބަތުއެވެ. މިއީ އިނގިރޭސި ކަނޑުގެ އަސްކަރިއްޔާގެ އެންމެ ވަރުގަދަ ފްލީޓްތަކުގެ ތެރޭގައި ގުނާލެވޭ ފްލީޓެކެވެ.

ދެކުނު ޗައިނާ ކަނޑުގެ 1.3 މިލިއަން އަކަ މޭލުގެ ސަރަހައްދެއްގެ ފުރިހަމަ މިލްކުވެރި ކަމަށް ޗައިނާއިން ދައުވާ ކުރާއިރު، ބޭރު ގައުމުތަކުގެ އަސްކަރީ މަނަވަރުތަކުން އެ ސަރަހައްދުން ދަތުރުކޮށް، ސަރަހައްދީ ފެންވަރުގައި ނުތަނަވަސްކަން އުފައްދާ ކަމަށް ޗައިނާއިން ތުހުމަތު ކުރެއެވެ.

ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގެ މިލްކުވެރިކަމުގެ މައްސަލައަކީ، ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑެތި ދެބަސްވުންތަކެއް އުފެދިފައިވާ މައްސަލައެކެވެ. ޗައިނާއިން އެ ސަރަހައްދަށް އަތްގަދަ ކުރަމުންދާ ދިއުމަށް، އެމެރިކާއާއި ވިލާތާއި ހުޅަނގުގެ ބާރުތަކުން ތަކުރާރުކޮށް އިންކާރު ކުރެއެވެ.