މިލްކުވެރިކަމުގެ މައްސަލާގައި ބައިނަލްއަގުވާމީ ފެންވަރުގައި ދެބަސްވުން އުފެދިފައިވާ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުން އިނގިރޭސިވިލާތުގެ އަސްކަރީ މަނަވަރެއް ދަތުރު ކުރި ކުރުމަށް ތައުރީފު ދެނިވި ރޫހެއްގައި، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިޔާލު ފާޅު ކުރެއްވުމާ ގުޅިގެން، ޗައިނާއިން އެމަނިކުފާނަށް ރައްދު ދީފިއެވެ.

އިނގިރޭސިންގެ އަތުން ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނު ދުވަހު، އިނގިރޭސިވިލާތުގެ އަސްކަރީ މަނަވަރު، ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުން ދަތުރު ކުރި މަންޒަރު ބެއްލެވީ އުފާވެރި އިހުސާސްތަކާއެކުގައި ކަމަށް، ދިވެހިރާއްޖޭގެ ކުރީގެ ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިކަމަކީ، ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި އޮންނަ ސްޕްރެޓްލީ އައިލަންޑްސް ކައިރިން ދަތުރު ކުރުމަށް އޮތް ހައްގު ކަށަވަރުކޮށްދެނިވި ކަމެއްގެ ގޮތުގައިވެސް ރައީސް ނަޝީދު ވަނީ ސިފަކުރައްވާފައެވެ.

ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގެ މިލްކުވެރިކަމުގެ މައްސަލައަކީ، ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑެތި ދެބަސްވުންތަކެއް އުފެދިފައިވާ މައްސަލައެކެވެ. ޗައިނާއިން އެ ސަރަހައްދަށް އަތްގަދަ ކުރަމުންދާ ދިއުމަށް، އެމެރިކާއާއި ވިލާތާއި ހުޅަނގުގެ ބާރުތަކުން ތަކުރާރުކޮށް އިންކާރު ކުރެއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި އިސްތިރާޖީ ގޮތުން ހައްސާސީ މައްސަލަތަކަކާ ގުޅިފައިވާ، އަދި އެސަރަހައްދުގެ ފުރިހަމަ މިލްކުވެރިކަމަށް ޗައިނާއިން ވަކާލާތު ކުރާ ސަރަހައްދުން އިނގިރޭސިވިލާތުގެ އަސްކަރީ މަނަވަރު ދަތުރު ކުރުމުން އެކަމަށް ތައުރީފު ކުރަނިވި ރޫހުގައި ނަޝީދު ކުރެއްވި ޓްވީޓާ ގުޅިގެން، ދިވެހިރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީއިން ނަޝީދު ޓެގު ކުރައްވާ ކުރި ޓްވީޓްގައި ބުނެފައި ވަނީ، ބައިނަލްއަގުވާމީ ގާނޫނީ އިމުގެ ތެރެއިން، ޗައިނާގެ ކަނޑުގެ ސަރަހައްދުން ދަތުރު ކުރުމުގެ މިނިވަން ކަމަށް އެ ގައުމުންވެސް އިހުތިރާމް ކުރާ ކަމަށެވެ. ނަމަވެސް، ޗައިނާގެ އިސްތިގުލާލާއި ސަލާމަތަށް ނުރައްކާ ކުރަނިވި އަދި ސަރަހައްދީ ސުލްހައާއި ހަމަޖެހުން ނަގާލަނިވި އަމަލުތަކަށް ހިތްވަރު ދިނުމަކީ އެގައުމުން ކަނޑައެޅިގެން ދެކޮޅު ހަދާ ކަމެއް ކަމަށެވެ.

ޔޫކޭ ޑިފެންސް ޖާނަލްގެ ރިޕޯޓްތައް ބުނާ ގޮތުގައި، ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުން ދަތުރު ކޮށްފައި ވަނީ، އެ ގައުމުގެ އަސްކަރީ މަނަވަރު އެޗްއެމްއެސް ކުއީން އެލިޒަބަތުއެވެ. މިއީ އިނގިރޭސި ކަނޑުގެ އަސްކަރިއްޔާގެ އެންމެ ވަރުގަދަ ފްލީޓްތަކުގެ ތެރޭގައި ގުނާލެވޭ ފްލީޓެކެވެ.

ދެކުނު ޗައިނާ ކަނޑުގެ 1.3 މިލިއަން އަކަ މޭލުގެ ސަރަހައްދެއްގެ ފުރިހަމަ މިލްކުވެރި ކަމަށް ޗައިނާއިން ދައުވާ ކުރާއިރު، ބޭރު ގައުމުތަކުގެ އަސްކަރީ މަނަވަރުތަކުން އެ ސަރަހައްދުން ދަތުރުކޮށް، ސަރަހައްދީ ފެންވަރުގައި ނުތަނަވަސްކަން އުފައްދާ ކަމަށް ޗައިނާއިން ތުހުމަތު ކުރެއެވެ.

އެމެރިކާއިން ވަނީ ދެކުނު ޗައިނާ ކަނޑުގައި ގުޅިފައިވާ އަސްކަރީ ތަމްރީނުތަކެއް ހިންގާފަ / ފޮޓޯ: ކްރިސްޓަފާ ބޯޝް | ޔޫއެސް ނޭވީ

ކަން މިހެން އޮތްއިރު، އެމެރިކާ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކަކީ، ކަނޑު ދަތުރުފަތުރު ކުރުމުގެ މިނިވަން ކަމުގެ ހައްގު އޮތް ކަން ސާބިތު ކޮށްދިނުމުގެ ގޮތުން، މި ސަރަހައްދުން ސިލްސިލާ ގޮތެއްގައި ދަތުރު ކުރާ ގައުމުތަކެކެވެ.