އުމުރުން 16 އަހަރުން ދަށުގެ ކުދިންގެ ނަމުގައި ހަދާފައިވާ އިންސްޓަގްރާމް އެކައުންޓްތައް ޑިފޯލްޓުން ހުންނާނީ ޕްރައިވެޓް ކޮށް ކަމަށް، ދުނިޔޭގެ އެންމެ މަގުބޫލު ފޮޓޯ ބްލޮގްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން އަންނަ އިންސްޓަގްރާމުން ކަނޑައަޅައިފިއެވެ.

މިއާއެކު، 16 އަހަރުން ދަށުގެ ކުދިން ހިންގާ އިންސްޓަގްރާމް އެކައުންޓްތަކުގެ ތަފްސީލުތައް ދެން ފެންނާނީ، އަދި ލައިކް ކޮށް، ކޮމެންޓް ކުރެވޭނީ، އެކުދިން އިޒުނަ ދޭ ބަޔަކަށެވެ.

އިންސްޓަގްރާމްއިން ބުނީ މިހާތަނަށް ބެލި ބެލުމުން، ޑިފޯލްޓް ކޮށް އެކައުންޓްތައް ޕްރައިވެޓް ކޮށްފައި ވާއިރު، ޕަބްލިކް ނުވަތަ ބޭނުން މީހަކަށް ބެލޭ ގޮތަށް ޕްރައިވަސީ ސެޓިންގްސް ބަދަލު ކޮށްފައި ވަނީ ކޮންމެ 5 އެކައުންޓަކުން 1 އެކައުންޓް ކަމަށެވެ.

އާ ބަދަލުގެ މައުލޫމާތު، މިހާރު ބޭނުން ކުރާ އިންސްޓަގްރާމް އެކައުންޓްތަކާވެސް ހިއްސާކޮށް، އެކަމުގެ ފައިދާ ބަޔާން ކޮށްދެމުން ދާނެ ކަމަށް، އިންސްޓަގްރަމްއިން ބުނެއެވެ.

އިންސްޓަގްރާމްއިން ދަނީ އުމުރުން 13 އަހަރުން ދަށުގެ ކުދިންނަށް ވަކި އެޕެއް ތައާރަފު ކުރުމަށްވެސް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ގިނަ ބަޔަކު ވަނީ މިކަމަށް ފާޑުކިއާފައެވެ.

އިންސްޓަގްރާމްގެ ބެލެނިވެރި، ފޭސްބުކް ކުންފުނިން ވަނީ، އިންޓަނެޓް ޕްލެޓްފޯމްގައި މީސްމީހުންގެ ހަގީގީ އުމުރު އޮޅުވާލައިގެން އުޅޭ އުޅުމަށް ސައްތަ އިންސައްތަ ހައްލެއް އަދިވެސް ހޯދިފައި ނުވާ ކަމަށެވެ.