ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ދުބާއީ އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅު ކުރައްވަން ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން މިމަހުގެ 31 ގެ ނިޔަލަށް ކަމަށެވެ.

މިދިޔަ އީދު ބަންދުގައިވެސް ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގަނެފައެވެ.

ރަައީސްގެ ދަތުރުފުޅުގެ ތެރެއިން ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައާ ވަނީ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތާއި، އެ މަސައްކަތުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އެގޮތުން، ފެސިލިޓީތަކަށް ބުރަ ނުވާނެ ގޮތަށް އެޅި ފިޔަވަޅުތައް ފާހަގަ ކުރައްވައި މި ބަލިމަޑުކަމުން އަރައި ގަތުމުގައި އެންމެ އިސްކަމެއް ދެއްވަނީ ވެކްސިން ފުރިހަމަ ކުރުމަށް ކަމުގައި ދެ ގައުމުގެ ވެރިން ވެސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ވެސް ނުރަސްމީ ދަތުރުފުޅެއްގައި ދުބާއީއަށް ވަޑައިގެންފައެވެ. އެ ފަހަރު ދުބާއީއަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ކޮއްކޯފުޅު އަހްމަދު މުހައްމަދު ސޯލިހް އަވަހާރަވުމާ ގުޅިގެން ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށެވެ.