ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޕީޖީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ބައްދަލުކުރައްވައިފިއެވެ.

އަލީ އާޒިމް ވިދާޅުވީ މިރޭގެ ވަގުތެއްގައި ރައީސް ސޯލިހާ ބައްދަލުވެފައިވާ ކަމަށާއި މި ބައްދަލުވުމަކީ މި ސަރުކާރުގެ އެޖެންޑާ އާ ބެހޭ ގޮތުން ވަރަށް އޮށްޓަރުހުރި ވާހަކަތަކެއް ދެކެވުނު ބައްދަލުވުމެއް ކަމަށެވެ.

އަލީ އާޒިމް އިތުރަށް ވިދާޅުވީ އުންމީދަކީ ކުރިޔަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލީހާއި އެހެނިހެން މުއައްސަސާތަކާ އޮންނަ ގުޅުން ހަރުދަނާ ވެގެން ދިޔުން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ރައީސް ދިރިއުޅުއްވާ މުލިއާގެއަށް އަލީ އާޒިމްގެ އިތުރަށް މަޖިލީހުގެ 10 މެންބަރަކު ވަކިވަކިން ވަޑައިގެން ރައީސާ ބައްދަލުކުރައްވާފައި ވެއެވެ.

ވަކި ވަކި އެމްޕީން ރައީސް އާ ބައްދަލު ކުރައްވަމުން ގެންދަވާ އިރު، ވެރިކަން ކުރާ އެމްޑީޕީގެ ތެރޭގައި ވަނީ ސިޔާސީ ހަލަބޮލިކަން އުފެދިފައެވެ. ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ ބޭއްވި އިރުވެސް އެ ޕާޓީގައި ރައީސް ސޯލިހާއި ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ ފަރާތްތައް ތިބީ ދެބަޔަކަށް ބެހިފައެވެ.

ޓެރަރިޒަމާ ދެކޮޅަށް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރު އެމްޑީޕީގެ ގައުމީ މަޖިލީހުގައި ތިބި ރައީސް ނަޝީދުގެ ފެކްޝަންގެ މެންބަރުން ރޭ ވަނީ ފާސްކޮށްފައެވެ. މި ބައްދަލުވުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ވަނީ ބޯއިކޮޓް ކޮށްފައެވެ.