ގައުމެއްގެ ހަޔާތުގައި ފާހަގަ ކުރާ ދުވަސްތަކުގެ ތެރެއިން، އެންމެ އުފާވެރި އަދި އެންމެ ފަހުރުވެރި ދުވަހަކީ، އެ ގައުމެއްގެ މިނިވަން ދުވަހެވެ. މިއީ ކޮންމެ ގައުމެއްގެ ވެސް އެކަން ހިނގާ ގޮތެވެ. ޖުލައި 26 ވަނަ ދުވަހަކީ ކޮންމެ އަހަރަކުމެ ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ. މިއީ، އިނގިރޭސީންގެ ހިމާޔަތުން ފުރިހަމަ މިނިވަންކަމެއް ލިބި ސިޔާސީ ގޮތުން ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަހެވެ. އަދި މިއަދަކީ ރާއްޖެއަށް މިނިވަން ކަން ލިބުނުތާ 56 އަހަރު ފުރޭ ދުވަހެވެ.
މި އަހަރުގެ މި މިނިވަން ދުވަސް އައި އިރު އިގްތިސޯދީ ގޮތުން މި ވަނީ އުނދަގޫ ދުވަސްތަކަކާ ކުރިމަތިލާން ޖެހިފައެވެ. ކޮވިޑްގެ ސަބަބުން އެތައް ހުރަސްތަކެއް ކުރިމަތިވަމުން އައިސް އިގްތިސޯދީ ގޮތުން ދިމާވަމުން އައި ދަތިތަކުން ރާއްޖެ އަރައިގަންނަން ގިނަ މަސައްކަތްތަކެއް ކުރަމުން ދަނިކޮށް މީގެ ދުވަސްކޮޅެއް ކުރިން މިވަނީ ގައުމު ސިއްސުވާލާވަރުގެ ނިރުބަވެރި ހާދިސާއެއް ހިނގާފައެވެ.
އެއީ މެއި މަހުގެ 6 ވަނަ ދުވަހުގެ ރެއެވެ. ރައްޔިތުން މަޖިލީހުގެ ރައީސަށް އަމާޒުކޮށް ދިން ޓެރަރިޒަމް ހަމަލާއާ އެކު މުޅި ގައުމު މިވަނީ ސިޔާސީ ގޮތުން ހަލަބޮލިވެފައެވެ. މުޅި ގައުމު ބޮޑު ހަލަބޮލި ކަމެއްގެ ތެރޭގައި ފީނަމުންދާ ދުވަސްވަރެއްގައި އައި މި މިނިވަން ދުވަހު ދިވެހިންގެ ހިތްތަކުގައި ގައުމުގެ މިނިވަންކަމާ މެދު މިވަނީ ސުވާލު އުފެދެން ފަށާފައެވެ.
މިތުރުން ހަތުރުންނަށް، ލީޑަރުން ބައިބައިވެ ކޯޅުން އިންތިހާއަށް!
އަބަދުވެސް "ބެސްޓީސް" އަދި އާއިލީ ރަހުމަތްތެރިގެ ގޮތުގައި ވެރިކަން ކުރާ މައި ޕާޓީގައި ތިއްބެވި ދެ ލީޑަރުންގެ ދެމެދަށް މިއީ އެޅިގެން ދިޔަ ބޮޑު ހިޔަންޏެކެވެ. ރައީސް ނަޝީދުގެ ފުރާނަ ދުއްވާލަން ދިން ހަމަލާ އާ ގުޅިގެން ސަރުކާރުން މައްސަލަ ބަލައި އިންސާފު ހޯދައި ދޭނެކަމާ މެދު ރައީސް ނަޝީދު ދަނީ އެތައް ސުވާލުތަކެއް އުފައްދަވަމުންނެވެ. އެހެންކަމުން އެ ހަމަލާއެކު އައި ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ޒަމާންވީ އެކުވެރިކަމުގެ ގުޅުމަށް މިވަނީ އަސަރު ކޮށްފައެވެ. އެއް ބައެއްގެ ގޮތުގައި ދެކެމުން ދިޔަ މައި ޕާޓީ ދެބައި ވެއްޖެ ފަދަ ރާގަކުން ވާހަކަތައް ވެސް ދެކެވެން ފެށީ އެ ހާދިސާއަށް ފަހުއެވެ.
އެންމެ ބާރަށް މި ވަގުތު ދެކެވެމުންދާ އެއް ވާހަކައަކީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުންގެ އަމަލުތަކާއި އެ ފިކުރުގެ މީހުންގެ ހަރަކާތްތަކުގެ ވާހަަކައެވެ. އިނގިލި ދިއްނުކުރެވޭ ދިމާއެއް ނެތެވެ. ފުލުހުންގެ މުއައްސަސާއަށާއި ސަލާމަތީ ބާރުތަކަށާއި ބައެއް ވަޒީރުންނަށާއި ލީޑަރުންނަށް ވެސް މި ކަމުގައި އިނގިލި ދިއްކުރެވެން ވަނީ ފަށާފައެވެ.
ގައުމެއްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ތިބެން ޖެހޭ މުއައްސަސާތަކުގެ ތެރޭގައި ހިންގާފައިވާ ކަންކަމުގެ ވާހަކަތައް ތިލަވެގެން އައިސްފައި މިވަނީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ތައްޔާރު ކުރި ރިޕޯޓް އާންމު ކުރި ހިސާބުންނެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ކަންކަމުން ނުރައްކަލެއް އައިސްދާނެ ކަމަށް ތައްޔާރުވުމުގައި ސަލާމަތީ ބާރުތަކުން ހެދިފައި ހުރި ގޯސްތައް ފެންނަން ހުއްޓެވެ. ގޯސްތައް ފެންނަން ހުރީ އެންމެ ދަށު ފަންތީން ނޫން ކަން އެ ރިޕޯޓުން ހާމަވެގެން ދިޔައެވެ. އެންމެ އިސް މަގާމު ކަމުގައިވާ ޑިފެންސް މިނިސްޓަރާ ހިސާބުން "މިސްޓޭކް" ހެދިފައިވާ ކަން އެ ރިޕޯޓުން ފެންނަން އެބަ އޮތެވެ.
ހަމަލާއަށް ފަހު ދެން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ވެއްދި ނަފްރަތުގެ ބިލު ވެގެން ދިޔައީ ގިނަ ބަޔަކު ބަހުސަކަށް ގޮސް އެމްޑީޕީ ރޫޅިގެން ދިއުމުގައި ބޮޑު ރޯލެއް އަދާކުރި އެއް ކަމަށެވެ. އެ ބިލުގެ ސަބަބުން ކޯލިޝަން ތެރޭގައި އޮތް އަދާލަތު ޕާޓީ ވަނީ ދެކޮޅަށް ވާހަކަ ދައްކާފައެވެ. އަދި ބޮމުގެ ހަމަލާއާ ނަފްރަތުގެ ބިލާ އެކުވެގެން އެއްބަޔަކީ "ހަރުކަށި ފިކުރަށް" ތާއީދު ކުރާ ބައެއް ކަމަށް ލޭބަލް ކުރެވި އަނެއް ބަޔަކީ "ލާދީނީ" ބައެއް ކަމަށް ލޭބަލް ކުރެވި ބަހުގެ ހަމަލާތައް ހޫނުވެގެން ދިޔައެވެ.
ހަރުކަށި ފިކުރާ ގުޅޭ ގޮތުން ދެކެވެން ފެށި ވާހަކަތަކުގެ ތެރެއިން އަދާލަތު ޕާޓީއާ ދެކޮޅަށް ރައީސް ނަޝީދު ދައްކަވަން ފެއްޓެވި ވާހަކަތަކަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމަށް ކުރިމަތިވި ގޮންޖެހުން ތަކެކެވެ. ރައީސް ނަޝީދުގެ އެންމެ އަރިސް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ހޯމް މިނިސްޓްރީ އާއި މި ސަރުކާރުގެ ތެރޭގައި ވެސް ދީނީ ގޮތުން ހަރުކަށި ފިކުރުގެ ބަޔަކު އެބަ ތިއްބެވެ. އަދި ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ ޖަލުތަކަކީ ހަރުކަށި ފިކުރާ ގުޅޭ މީހުން ތަމްރީންވާ ތަނެއް ކަމުގައި ވެސް ވާހަކަތައް ދައްކަން ފެށުނެވެ.
އަދާލަތު ޕާޓީން ނަފްރަތުގެ ބިލާ ދެކޮޅަށް ވާހަކަ ދެއްކުމާ އާންމުންގެ ގިނަ ޕްރެޝާއާއި، އެމްއާރުއެމްއައި ޖޭޕީގެ ދެކޮޅުހެދުމާއި އަދި މަޖިލީހުގެ ބައެއް އެމްޕީންގެ ދެކޮޅުހެދުމާއެކު ނަފްރަތުގެ ބިލު ވަނީ އަނބުރާ ކޮމިޓީއަށް ގެންގޮސްފައެވެ. މި ހުރިހާ ކަމެއް އޮތް ނަމަވެސް ރައީސް ނަޝީދުގެ ޓާގެޓަކީ އަދާލަތު ޕާޓީއެވެ. ކޯލިޝަންގެ އެހީތެރިކަމާ އެކު، މި ސަރުކާރަށް ވެރިކަން ލިބުނަސް ރައީސް ސޯލިހްގެ ކޮންމެ ނިންމެވުމެއް ބިނާވެފައި ވަނީ ކޯލިޝަންގެ ކުޑަ ކުޑަ ހިއްސާއެއް އޮންނަ އަދާލަތު ޕާޓީގެ ބަހަށް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެއީ ސަރުކާރު ކޯލިޝަންގެ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އަދާލަތުން ރައީސް ނަޝީދަށް ރައްދު ދެއްވުމުން އިއްޔެ ނަޝިދު ވަނީ ހޯމް މިނިސްޓްރީ ސީދާ ރައީސް ސޯލިހްގެ ބެއްލެވުމުގެ ދަށަށް ގެންދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި މި ވަގުތަކީ މި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހޭ ވަގުތު ކަމަށް ވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
މިނިވަން ދުވަހާ ކުރިމަތިލީ އިރު، ސަރުކާރު ހިންގާ މައި ޕާޓީން މި ވަނީ ރާއްޖެއަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރު ފާސްކޮށްފައެވެ. މި ގާރާރު ފާސްކޮށްފައި ވަނީ ރޭ ބޭއްވި 180 ވަނަ އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ބައިވެރިވި 39 މެންބަރުންގެ އިއްތިފާގުންނެވެ. ގައުމީ މަޖިލީހަކީ 147 މެންބަރުން ތިބޭ ތަނެއް ނަމަވެސް ރޭ ގަރާރު ފާސްކުރަން ތިބީ ނަޝީދު ފެކްޝަން އެކަންޏެވެ.
ގަރާރު ހުށަހެޅި އިރު ރާއްޖެއަށް ގެއްލުންވާނެ ކަން ނަޝީދަށް އެނގޭ!
ގައުމެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފި ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ. ގައުމުގައި ތިން ބާރު ވަކި ކޮށްފައި އޮތް ނަމަވެސް ކުއްލި ހާލަތު އިއުލާން ކުރުމުން ބާރުތައް ހިފެހެއްޓިގެން ދާނެއެވެ. އަދި އެގޮތަށް ގައުމުގެ ހާލަތު ބަދަލު ވެއްޖެ ނަމަ އެކަމުން ގައުމަށް ދިމާވާނެ ގޮންޖެހުންތަކައް ބަލައިލަން ޖެހެއެވެ.
ޓޫރިޒަމަށް ބަރޯސާ ވެފައިވާ މި ކުޑަ ކުޑަ ދިވެހިރާއްޖެ އިގްތިސޯދީ ގޮތުން މި ވަގުތު އޮތް ހާލަތުގައި ޓޫރިޒަމަށް ހުރަސް އެޅޭ ފަދަ ކަމެއް ކުރުމަކީ ބުއްދިވެރިކަމެއް ހެއްޔެވެ. ކޮވިޑް ބަލި ރާއްޖެއިން ފެނުުނުތާ މިއަދާ ހަމައަށް 506 ދުވަސް ވެފައިވާ އިރު، ގައުމުގެ އިގްތިސޯދު ދަށަށް ދިޔަ ދިއުން ހިފެހެއްޓުމަށްޓަކައި އެންމެ ބޮޑު މަސައްކަތެއް ކުރަމުން އަންނަ އެއް ސިނާއަތަކީ ޓޫރިޒަމޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
ރޭ ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރަކީ މުޅި ގައުމު ބަރޯސާ ވެފައި އޮތް ޓޫރިޒަމް ހުއްޓުމަކަށް ގެނުވާނެ ކަމެއް ކަން ހުދު އެމަނިކުފާނަށް ވެސް އެނގިވަޑައިގަންނަވައެވެ. ގަރާރު ހުށަހެޅުއްވި އިރު އެކަމުގެ މަގްސަދު ހާމަ ކުރައްވަމުން ރައީސް ނަޝީދު ވަނީ ފުލުހުންނަށް ބާރުތަކެއް ދިނުމަކީ މިވަގުތު ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް ކުރަން މުހިއްމު ކަމެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން ޓޫރިޒަމަށް ހީނަރުކަމެއް އައިސްދާނެ ކަން އެނގިވަޑައިގަންނަވާ ކަމަށާއި ދުވަސްކޮޅަކުން އެކަންވެސް ހަމައަކަށް އެޅިގެން ދާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ކޮވިޑުގެ ސަބަބުން ވެއްޓިގެން ދިޔަ ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖެހުމަށް އެތައް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ރާއްޖެ އިސްތިހާރުކޮށް މުޅި ދުނިޔޭގެ އެކި ސަރަހައްދުތަކުން ޓޫރިސްޓުން ރާއްޖެއަށް ގެނައުމަށްޓަކައި ހޭދަތަކަކާއި އެތައް ބަޔަކު އެކުވެގެން ވަނީ މިންނަތް މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް މި ދުވަސްވަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފި ނަމަ އެއް އަހަރު ދުވަހުގެ ތެރޭ ޓޫރިޒަމް ކޮޅަށް ޖެހުމަށް ކުރި ހުރިހާ މަސައްކަތެއް ވެއްޔާ މޮޑެވިގެންދާނެ ކަން ޔަގީނެވެ.
ގައުމެއްގެ މިނިވަންކަމަށް ނުރަނގަޅު ނުފޫޒުތައް ފޯރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ކަމަކީ އިގްތިސޯދަށް ކުރިމަތިވާ ހީނަރު ކަމެވެ. އެއީ ގަބޫލު ކުރަންޖެހޭ ހަގީގަތެކެވެ. އިގްތިސޯދީ ހަރަކާތްތައް ސިންދަފާތު ކުރުމަށް އަމާޒު ހިފަންވީ ވަގުތު ސިޔާސީ ހަލަބޮލިކަމަކާ ހުރެ މުޅި ގައުމު އަނދަވަޅަކަށް ވެއްޓިއްޖެ ނަމަ ގައުމަށް ދިމާވެދާނެ ނުރައްކަލަކީ މިއަދު ވިސްނާލަން ޖެހޭ ކަމެއް ނޫން ހެއްޔެވެ.
ދިވެހިން ދެކެލޯބިވާ މީހަކު މިފަދަ ބަލިމަޑު ކަމަކުން ސަލާމަތް ނުވެގެން އުޅޭއިރު ބަޔަކު ހައްޔަރުކޮށް ގައުމައް ވައްނަ ޑޮލަރު ގެ މަގު ބައްދު ކުރުވާކައް ނޫޅެނެ