ޗައިނާ ސަރަހައްދުގައި އުފެދިފައިވާ ތޫފާން އިން-ފާ އާ ގުޅިގެން، ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، ޗައިނާގެ ވިޔަފާރި ހަބު ކަމުގައިވާ ޝަންހާއީގެ ދަތުރުފަތުރުގެ ހިދުމަތް ހުއްޓުމަކަށް ގެނެސް، ހަރަކާތްތައް މަޑުޖައްސާލައިފިއެވެ.

ޗައިނާގެ އިރުމަތީ ސަރަހައްދުތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހެމުން ދާއިރު، ޝަންހާއީގައި އޮންނަ، ބައިނަލްއަގުވާމީ 2 އެއާޕޯޓްގެ އޮޕަރޭޝަންތައް ވަނީ މެދުކަނޑާލާފައެވެ. މީގެ އިތުރުން ބޭރު ތެރޭގައި ހުރިހާ ޒާތެއްގެ ހަރަކާތްތައް ހިންގުންވެސް ވަނީ މަނާ ކޮށްފައެވެ.

ހަބަރު ލިބޭ ގޮތުގައި، ޗައިނާ ގަޑިން މިއަދު މެންދުރު 12:30 ގައި، ތޫފާން އިން-ފާ ވަނީ، ޖޯޝާން ސިޓީއަށް އަރާފައެވެ. އިރުމަތީ އައްސޭރިފަށުގެ ޝޯޝިއާންގް ޕްރޮވިންސްގައި އޮންނަ ޖޯޝާން ސިޓީއަކީ، ޗައިނާގެ އިރުމަތި ބިތުގެ މައި ބަނދަރެކެވެ.

ތޫފާން އިން-ފާއާ ކުރިމަތިލާން ޗައިނާއަށް ޖެހިފައި މިވަނީ، އެ ގައުމުގެ މެދު ތެރޭ ހިސާބުތަކަށް މޫސުމީ ގަދަ ވިއްސާރަކޮށް، 58 މީހެއްގެ ފުރާނަ ގެއްލިފައި ވާ ދަނޑިވަޅެއްގައެވެ.

ވިޔަފާރި މައި ހަބެއްގެ ގޮތުގައި ޗައިނާގެ ވައިގެ އުދުހުންތަކާ ކަނޑުދަތުރު ފަތުރުގެ ރޫޓިންއަށް ބުރޫ އަރާފައި ވާއިރު، މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރިއަށް ކުރާނެ ސީދާ އަސަރުތަކާ ބެހޭ މާ ބޮޑު ތަފްސީލެއް އަދި ނުލިބެއެވެ. ނަމަވެސް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ބައިނަލްއަގުވާމީ ދަތުރުތައް ހިސާބަކަށް މަޑުޖެހިފައި ވާ މި ދަނޑިވަޅުގައި، ތޫފާނުގެ ސަބަބުން ދަތުރުތައް ހުއްޓާލުމުން، އިތުރު މަޑުޖެހުމެއް، އެކްސްޕޯޓްތަކަށް އަންނާނެ ކަމަށް ބެލެވެއެވެ.