މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުއާތްވާއި ޓޮނިކްތަކެއް ނައްތާލައިފިއެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެތި ނައްތާލާފައި ވަނީ ކ. ތިލަފުށީ ކުނި ނައްތާލާ ސަރަހައްދުގައި ޖުލައި 22، 2021 ވަނަ ދުވަހުގައި ކަމަށެވެ. އެގޮތުން 12،013 ލީޓަރުގެ ބަނގުއާތްވާއި 3،535 ލީޓަރުގެ ޓޮނިކް ނައްތާލައިފައި ވާކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެތި ނައްތާލައިފައި ވަނީ ކަސްޓްމްސްގެ އާންމު ގަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއާހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މި ނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި ކަސްޓަންސް އިން އަމަލުކުރާ އުސޫލުގެ ދަށުން ކަމަށެވެ.

އަދި އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސް ގައި ހިފެހައްޓާފައި ހުންނަ ތަކެތި ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ނައްތާލާނެ ކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.