އީދު ކުޅިވަރު ކުޅުމުގައި ހިނގި މާރާމާރިއަކާ ގުޅިގެން ޒުވާނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ގއ. ދާންދޫގައި ދެ މީހެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގެ މައްސަލަ މި މަހު 21 ވަނަ ދުވަހުގެ ހަވީރު 5:00 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި އެރަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 23 އަހަރުގެ ޒުވާނާ ވަނީ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

އެ ރަށުގައި އީދު ކުޅިވަރު ކުޅެނިކޮށް ދެމީހެއްގެ ދެމެދުގައި މާރާމާރީ ހިންގާފައި ވަނީ ކުލަޖެހުމުގެ ތެރެއިން ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާގައި އަނިޔާވެފައި ވަނީ އެރަށުގެ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ނައިބު ރައީސާއަށް ކަމަށް މައުލޫމާތު ލުބެއެވެ. އަދި އޭނާއަށް ލިބުނު އަނިޔާތަކަށް އެ ރަށު ސިއްހީ މަރުކަޒުން ވަނީ ފަރުވާ ދީފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ދާންދޫގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

މި މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ އަންހެނުންތަކެއް ނުކުމެ ވަނީ އެ ރަށުގައި މުޒާހަރާ ކޮށްފައެވެ. އެ މުޒާހަރާގައި 70 އެއްހާ މީހުން ބައިވެރިވެފައިވާއިރު، މުޒާހަރާގެ ބައިވެރިން ވަނީ އަނިޔާވި އަންހެންމީހާއަށް އިންސާފު ހޯދައި ދިނުމަށާއި އަވަހަށް މައްސަލަ ބެލުމަށާއި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ގޮވާލާފައެވެ.

އަޟްހާ އީދަކީ ރަށްރަށުގައި ވަރަށް ކުަލަގަދަކޮށް ފާހަގަ ކުރާ ދުވަހެކެވެ. ގިނަ ސަގާފީ ކުޅިވަރުތަކެއް ކުޅޭ އިރު ކުލަޖެހުމާއި ކޯޑި ކެޑުން ފަދަ އެތައް ކުޅިވަރެއް އީދާ ދިމާކޮށް ރަށްރަށުގައި މީހުން ކުޅެއެވެ.