ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ފައިޒާ-ބައޮއެންޓެކުން ތަރައްގީ ކޮށްފައި ވާ ވެކްސިންގެ ފުރަތަމަ ޑޯޒްއާއި ދެވަނަ ޑޯޒްއާ ދެމެދު ހޭދަ ކުރާ މުއްދަތު އިތުރު ކުރުމުން، ބަލިން ދިފާއު ކޮށްދޭ އެންޓިބޮޑީޒް އުފައްދާ މިންވަރު އިތުރު ވާ ކަމަށް، އިނގިރޭސިވިލާތުގެ ދިރާސާ ޓީމަކުން ދެނެގެންފިއެވެ.

އިނގިރޭސި ސަރުކާރުން ފަންޑު ކޮށްގެން ކުރިއަށް ގެންދިޔަ މި ދިރާސާގެ ޕްރީ ޕްރިންޓް އާންމު ކޮށްފައި ވާއިރު، މިއީ އިނގިރޭސިވިލާތުގައި ވެކްސިންގެ 2 ޑޯޒްގެ ދެމެދުގައި ހޭދަ ކުރާ މުއްދަތު ކަނޑައެޅުމަށް ގެންގުޅޭ އުސޫލަށް ތާއިދު ކުރާ ހޯދުންތަކެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ދިރާސާގެ ހޯދުންތަކަށް ބަލާއިރު ފައިޒާ ވެކްސިންގެ 2 ވަނަ ޑޯޒް ޖެހުމާ ދެމެދު 8 ހަފުތާ ހޭދަ ކުރުމަކީ، އިނގިރޭސިވިލާތަށް ފެތުރިފައިވާ ޑެލްޓާ ވޭރިއަންޓާ ކުރިމަތިލުމަށް އެންމެ އެކަށީގެންވާ މުއްދަތެވެ.

ފައިޒާގެ ކޮވިޑް ވެކްސިން އެންމެ ފުރަތަމަ ތައާރަފު ކުރީ 3 ނުވަތަ 4 ހަފުތާއިން 2 ޑޯޒް ފުރިހަމަ ކުރާ ގޮތަށެވެ. ނަމަވެސް 2020 ވަނަ އަހަރުގެ ފަހުކޮޅު، އިނގިރޭސިވިލާތުން ވަނީ 12 ހަފުތާއަށް މި މުއްދަތު ދަންމާލާފައެވެ. މިކަން ކުރީ، އާބާދީގެ ގިނަ ބަޔަކަށް ވެކްސިންގެ އެންމެ ޑޯޒެއް ނަމަވެސް ޖެހުމުގެ މަގުސަދުގައެވެ.

ދިރާސާގައި އިސްކޮށް މަސައްކަތް ކުރެއްވި، ނިއުކާސަލް ޔުނިވާސިޓީގެ ޑރ ރެބެކާ ޕޭން ވިދާޅުވީ، ކުރިއަށް ދެން އޮތީ ދިރާސާގެ ހޯދުންތައް އިތުރަށް ކަށަވަރުކޮށް، ކްލިނިކަލް ފެންވަރުގައި މިފަދަ ކަމެއްގެ މުހިންމުކަން ދެނެގަތުމުގެ މަސައްކަތް ކަމަށެވެ.

ހަގީގީ ދުނިޔެއިން ލިބެމުންދާ މައުލޫމާތަށް ބަލާއިރު، ފައިޒާގެ ވެކްސިނަކީ ކޮވިޑް-19 ޖެހިގެން ހާލު ސީރިއަސްވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުމުގެ ތަކުލީފާ ދެކޮޅަށް ކާމިޔާބު ވެކްސިނެކެވެ. އަދި މި ވެކްސިންގެ އެންމެ ޑޯޒްއަކުންވެސް ބޮޑު ދިފާއެއް ލިއްބައިދޭ ކަން ވަނީ ސާބިތުވެފައެވެ.