2019 ވަނަ އަހަރުގެ ފަހު ކޮޅު ޗައިނާއިން އެންމެ ފުރަތަމަ ރިޕޯޓް ކުރި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް މުޅި ދުނިޔެއަށް ފެތުރި، އަދިވެސް އެ ބަލިމަޑުކަމުން އަރައިގަނެވިފައި ނުވި ނަމަވެސް، ބަލި ކޮންޓްރޯލް ކުރަން ތަންފީޒު ކުރަމުން ދިޔަ ހަރުކަށި ފިޔަވަޅުތަކަށް ބައެއް ގައުމުތަކުން ލުއި ދެމުންދާ މި ދަނޑިވަޅުގައި، ވިލާތު ބައްރު އަނެއްކާވެސް ކޮވިޑް ސާޖަކާ ދިމާއަށް މިސްރާބު ޖަހައިފިއެވެ.
އިނގިރޭސިވިލާތުން ވަނީ ބަލި ކޮންޓްރޯލް ކުރަން ތަންފީޒު ކުރަމުން ދިޔަ ހަރުކަށި ހުރިހާ ފިޔަވަޅަކަށް، ހޯމަ ދުވަހު ލުއި ދީފައެވެ. ނަމަވެސް ހޯމަ ދުވަހު އިނގިރޭސިވިލާތުން ވަނީ ކޮވިޑް 46558 އާ ކޭސް ރިޕޯޓް ކޮށްފައެވެ. ފާއިތުވީ 7 ދުވަހުގެ ތެރޭގައި އެ ގައުމުން ކޮވިޑްގެ ކޭސްތައް ފެނުނު މިންވަރު ވަނީ 40 ޕަސެންޓް އިތުރު ވެފައެވެ.
ފަރަންސޭސިވިލާތުގެ ސިއްހަތާ ބެހޭ ވަޒީރު އޮލިވިއޭ ވެޣާން ވަނީ އެ ގައުމުގައިވެސް ކޮވިޑް ސާޖެއް އުޅޭ ކަމުގެ އިންޒާރު ދެއްވާފައެވެ. އެގޮތުން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކޭސް އިތުރު މިންވަރު އުޅެނީ 150 ޕަސެންޓްގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަލްފާ، ބީޓާ އަދި ގާމާ ވޭރިއަންޓާ އެކުގައިވެސް މިހާ ހަލުވި ދުވެއްޔެއްގައި ކޭސް އިތުރު ވެފައި ނުވާ ކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
އާދީއްތަ ދުވަހު ފަރަންސޭސިވިލާތުން ވަނީ 12500 އާ ކޭސް ރިޕޯޓް ކޮށްފައެވެ. މިއާއެކު އެ ގައުމުން ފެނުނު ކޮވިޑް ކޭސްތަކުގެ ޖުމުލަ އަދަދު ވަނީ 5.87 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ. ފަރަންސޭސި ރައީސް އިމެނުއަލް މެކަޣޯން މިހާރު ގެންދަވަނީ، ރެސްޓޯރަންޓްތަކަށް ވަނުމަށްޓަކާ "ކޮވިޑް-19 ފްރީ" ސެޓްފިކެޓެއް ތައާރަފު ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ. މި ދަނޑިވަޅަކީ، އިންޑިއާއިން ފެންމަތިވި ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް ފަރަންސޭސިވިލާތުން ހަނގުރާމަ ކުރަމުން އަންނަ ދަނޑިވަޅެކެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިންވެސް ވަނީ އިންޑިއާއިން ފެންމަތިވި ޑެލްޓާ ވޭރިއަންޓާ މެދު ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަދި އަވަސް މުސްތަގުބަލެއްގައި ކޮވިޑްގެ ކާރިސާއަށް ނިމުން ނެތް ކަމަށްވެސް އެ އިދާރާއިން ދަނީ އިޝާރާތް ކުރަމުންނެވެ.