ޗައިނާއަށް މިހާރު ކުރަމުން ދާ ގަދަ ވިއްސާރާގައި އެ ގައުމުގެ މެދުތެރޭ ހިސާބުތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާ، ރޭލު ސްޓޭޝަންތަކާ މަގުތައް ޣަރަގުވެ، އެތައް ބައެއްގެ ފުރާނައަށް ނުރައްކާވެއްޖެއެވެ.

ގަދަ ވިއްސާރައާއި ފެންބޮޑުވުމުގެ ހާދިސާތަކުން ސަލާމަތް ވުމަށް، ހިނާން ޕްރޮވިންސުން އެކަނިވެސް 10000 އަށް ވުރެ ގިނަ މީހުން، ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ހިނާން ޕްރޮވިންސްގައި މިހާރު ވަނީ، އެންމެ މަތީ ދަރަޖައިގެ މޫސުމީ އިންޒާރުވެސް އިއުލާން ކޮށްފައެވެ.

ފެންބޮޑުވުމުގެ ހާދިސާތައް ހިނގަން ފެށި ފަހުން ޝެންގްޝޫ ސިޓީއިން 12 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށް، ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ޗައިނާގެ 12 އަށް ވުރެ ގިނަ ސިޓީއަށް ގަދަ ވިއްސާރައިގެ ސަބަބުން އަސަރު ކުރަމުން ދާއިރު، މައި މަގުތައް ބަންދު ކުރަން ޖެހުމުގެ އިތުރުން، ވައިގެ އުދުހުންތައްވެސް ކެންސަލް ކޮށްފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ޗައިނާއަށް މިހާރު ކުރިމަތިލާން ޖެހިފައިވަނީ މޫސުމީ ކާރިސާއަކާ ކަމަށް ބުނެވެއެވެ. ދުނިޔެ ހޫނުވުމުގެ ސަބަބުން އަންނަ މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ވިއްސާރައާއި ފެންބޮޑުވުމުގެ ހާދިސާތަކުގެ ސަބަބުން ހާލުގައި ޖެހިފައި ވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާއިރު، އިމާރާތްތަކުގެ ތެރޭގައި އިތުރު ބަޔަކު ތާށިވެފައި ވާ ކަން ނުވަތަ ނޫންކަންވެސް ކަށަވަރެއް ނުވެއެވެ.

ސޯޝަލް މީޑިއާއަށް ޕޯސްޓެއް ދޫކޮށްލި މީހަކު ވަނީ، އޭނާގެ މޭ ކަށިގަނޑާ ހިސާބަށް ފެން އަރާފައި ވާ ކަމަށާ، އޭނާއަށް ވާހަކަ ދައްކަން ދަތި ވާ ކަމަށް ބުނެފައެވެ. ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ، އެމީހާ ރައްކާތެރި ހިސާބަކަށް ބަދަލު ކޮށްފައި ވާ ކަމަށް ބުނެފައެވެ.

މި ދަނޑިވަޅަކީ ވިލާތުގެ ބައެއް ގައުމުތަކަށްވެސް މޫސުމީ ގަދަ ވިއްސާރަ ކުރަމުން އަންނަ ދަނޑިވަޅެކެވެ. ވިލާތަށް ކުރަމުންދާ ގަދަ ވިއްސާރާގައި މަރުވި މީހުންގެ އަދަދު، މިހާރު ވަނީ 200 އަށް އަރާފައެވެ.