ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު، 205 ބިލިއަން ޑޮލަރުގެ ޖެފް ބެޒޯސް މިއަދު ޖައްވައް އުދުއްސާލާނެއެވެ. އޭނާގެ އަމިއްލަ ރޮކެޓުގައި އަމިއްލަ އެއާ ސްޕޭއިން ޖައްވައް އުދުއްސާލާނީ ރާއްޖޭގެ ގަޑިން އިރުއޮއްސި 6 ޖަހާއިރުއެވެ.

ބެޒޯސްގެ މިދަތުރުގައި އޭނާގެ ބޭބެ މާކް ބެޒޯސް އާއި އުމުރުން 82 އަހަރު ވެފައިވާ، ސްޕޭސް އާ ބެހޭ ކަންކަމުގެ ތަޖުރިބާކާރަކާއި 18 އަހަރުގެ ޒުވާނަކު ހިމެނެއެވެ. 18 އަހަރުގެ މި ޒުވާނާއަކީ ކިޔާވާ ދަރިވަރެކެވެ.

އެމީހުން ޖައްވަށް ދަތުރުކުރާ އުޅަނދަކީ ޖައްވައް ދާން މިހާތަނަށް އުފެއްދި އުޅަނދުތަކުގެ ތެރެއިން އެންމެ ބޮޑު ކުޑަދޮރުތައް ލާފައި ހުރި އުޅަނދެވެ. އެކަމުގެ ސަބަބުން ރީތިކޮށް، ސާފުކޮށް ދުނިޔެ ފެންނާނެއެވެ.

ބައެއް އެހެން މަހުޖަނުންހެން ބެޒޯސްގެ އަމާޒަކީވެސް ވިޔަފާރިއެއްގެ ގޮތުގައި ޖައްވީ ދަތުރުތައް ކުރުމެވެ. އެގޮތުން މިއަދުގެ ދަތުރުގެ ތަޖުރިބާއިން ގިނަ މައުލޫމާތު އެއްކޮށް ކައިރި މުސްތަގުބަލެއްގައި ޖައްވައް ދިޔުން އާންމު ވިޔަފާރިއަށް ހުޅުވާލާނެއެވެ.

ޖައްވައްދާ ބެޒޯސްގެ ޓީމު ދަތުރުކުރާ ކެޕްސޫލް ބިމަށް ޖައްސާ ގޮތުގެ ކުރެހުމެއް / ފޮޓޯ: ބްލޫ އޮރިޖިން

ބެޒޯސްގެ މި ދަތުރުގައި، އެމީހުން ދަތުރުކުރާ ރޮކެޓް ދުނިޔޭގެ ސަތަހައިން 250،000 ފޫޓަށް އެރުމަށް ފަހު އެމީހުން ތިބޭ ކެޕްސޫލްއާ ވަކި ވާނެއެވެ. އަދި އެ ކެޕްސޫލް ޖައްވުގެ ތެރޭގައި މައްޗައް އަރާނެ ކަމަށާއި 350،000 ފޫޓަށް އަރާނެކަމަށް ހަބަރުތައް ބުނެއެވެ. އަދި 4 މިނެޓް ކެޕްސޫލް ތެރޭގައި ފްލޯޓް ކުރާނެ ކަމަށްވެސް ބުނެއެވެ. އެއީ ގްރެވިޓީ ނުހުންނަ ތަނެއްގައި ނުޖެހި އަތް ދޫކޮށްލައިގެން އޮވެވޭ ހިސާބު މައްޗެވެ.

ބެޒޯސް ޖައްވައް މި ދަތުރު ކުރާ އިރު އިނގިރޭސި ބިލިއަނަރު ރިޗާޑް ބްރޭންސަން ވަނީ އޭނާގެ އަމިއްލަ ކުންފުނީގެ އުޅަނދެއްގައި މީގެ 1 ހަފްތާ ކުރިން ޖައްވުގެ 250،000 ފޫޓު މައްޗަށް ގޮސްފައެވެ.