އެމެރިކާގެ ވެރިރަށް ވޮޝިންޓަނާ 6 ގަޑިއިރުގެ ރާސްތާއެއްގައި އޮންނަ އޮރެގަން ސިޓީގައި ރޯވެ އަނދަމުންދާ އަލިފާންގަނޑުގެ ސަބަބުން 2000 މީހުން ގެދޮރު ދޫކޮށް ގޮސްފި ކަމަށް އޮފިޝަލުން ބުނެފިއެވެ.

އެމެރިކާގެ ތާރީހުގައި ރޯވި ބޮޑު 13 އަލިފާންގަނޑާ އަޅާބަލާއިރު އޮރެގަންގައި ރޯވެ އަނދަމުންދާ އަލިފާންގަނޑަކީ އެ ބާތުގެ އެންމެ ބޮޑު އަލިފާން ގަނޑެވެ. ހަބަރުތައް ބުނާގޮތުން މިހާތަނަށް 160 ގެއެއް ވަނީ އަނދާފައެވެ. މިހާރު އަލިފާން ރޯވެ އަނދަމުންދާ ސަރަހައްދުތަކަކީ ރަށްފުށުގެ ސަރަހައްދުތައް ކަމަށްވެސް ހަބަރު ލިބެއެވެ.

ގަދަ ހޫނުގެ ސަބަބުން ރޯވެ އަނދަމުންދާ އަލިފާންގަނޑުގެ ހަތަރުބައިކުޅަ އެއްބައި ކޮންޓްރޯލް ކުރެވިފައި ވާ އިރު މިހާރުވެސް ލޮސް އެންޖަލިސް ވަރުގެ ސަރަހައްދެއް އަނދައިގެން ގޮސްފިއެވެ. އޮފިޝަލުން ބުނާ ގޮތުން މިހާތަނަށް 300،000 އޭކާރުގެ ސަރަހައްދެއް އަނދާފައި ވާއިރު ވަޔާއި މޫސުން ހުރި ގޮތުން އަދިވެސް އަލިފާންގަނޑު ފެތުރެމުން ދާނެއެވެ. އަދި އިތުރު އެތައްހާސް އިމާރާތެއް ހަލާކުވެގެން ދާނެ ކަމަށްވެސް ބުނެއެވެ.

އެމެރިކާގައި ކެލިފޯނިއާ އަދި އޮރެގަން ފަދަ ސިޓީ ތަކަކީ އަލިފާނުގެ ހާދިސާ ދޭތެރެ ދޭތެރެއިން ހިނގަމުން އަންނަ ސިޓީތަކެވެ. އޮފިޝަލުން ހަބަރު ދޭ ގޮތުގައި މިއަހަރު އެކަނިވެސް 4000 ފަހަރަކު އަލިފާނުގެ ތަފާތު ހާދިސާތައް އެމެރިކާގައި ވަނީ ހިނގާފައެވެ.

އޮރެގަންގެ އަލިފާން ނިއްވުމުގައި 2000 އެއްހާ ފަޔާފައިޓަރުން ހަރަކާތްތެރިވަމުން އެބަ ގެންދެއެވެ.