ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ އެކްޓިވިސްޓުންނާއި ނޫސްވެރިން އަދި ގާނޫނީ ވަކީލުންނަށް، އިޒްރޭލުގެ ސާވޭލަންސް ކުންފުނި (އެންއެސްއޯ)އިން ފާރަލާދޭކަން ފަޅާ އަރައިފިއެވެ.

އިޒްރޭލުން މި ޖަރީމާ ހިންގާފައި ވަނީ ހުދުމުހުތާރު ސަރުކާރުތަކަކަށް ވިއްކާފައިވާ ފޯން މެލްވެއާއެއް މެދުވެރިކޮށް ކަމަށް ހަބަރު ލިބެއެވެ.

އެންއެސްއޯއިން ފޯން މެލްވެއާ މެދުވެރިކޮށް 50000 އެއްހާ ފޯނު ނަންބަރުގެ ހަރަކާތްތައް ޓްރެކް ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. ދުނިޔޭގެ ބޮޑެތި ބައެއް މީޑިއާތަކަށް މި ލިސްޓު ލިބިފައި ވާއިރު، އެ އިދާރާތަކަށް ލިސްޓު ލިބުނީ ކޮންތާކުން ކަމެއް އަދި ސާފެއް ނުވެއެވެ.

އެންއެސްއޯއިން ވަނީ ޖަރިމާއެއް ހިންގިކަމުގެ ހުރިހާ ތުހުމަތަކަށް އިންކާރު ކޮށްފައެވެ. އެންއެސްއޯއިން ބުނާ ގޮތުގައި ސޮފްޓްވެއާ ފަރުމާކޮށްފައި ވަނީ، ޖިނާއީ ކުށްވެރިންނާއި ޓެރަރިސްޓުންނަށް އަމާޒުކޮށްގެންނެވެ. އަދި އެ ސޮފްޓްވެއާއަކީ، އިންސާނީ ހައްގުތަކުގެ ރެކޯޑް ރަނގަޅު ގައުމުތަކުގެ އަސްކަރިއްޔާގެ އިތުރުން ތަންފީޒީ ބާރުގެ އިތުރުން ޖާސޫސީ އިދާރާތަކަށް އެކްސެސް އޮންނަ ސޮފްޓްވެއާއެއް ކަމަށްވެސް އެންއެސްއޯއިން ބުނެއެވެ.

"ޕެގަސުސް"ގެ ނަން ސީފައި ވާ މި ސޮފްޓްވެއާގެ "އިންފެކްޝަން" އިން، އެންޑްރޮއިޑް އަދި އައިފޯންތަކަށްވެސް ސަލާމަތް ނުލިބެއެވެ. މި ސޮފްޓްވެއާގެ އިންފެކްޝަން ފޯރުމާއެކު، ފޯނުގައި ވާ މެސެޖާއި، ފޮޓޯ އަދި އީމެއިލްގެ އިތުރުން ކޯލު ރެކޯޑްކޮށް، ސިއްރިއްޔާތުގައި މައިކްރޮފޯން އެކްޓިވޭޓް ކުރުމުގެ ބާރު، އޮޕަރޭޓަށް ލިއްބައިދެއެވެ.

މި ސޮފްޓްވެއާގެ އަމާޒުފަތްގަނޑަކަށް ހަދާފައި ވާ މީހުންގެ ތެރޭގައި 180 ނޫސްވެރިއަކު ހިމެނޭއިރު، އޭގެ ތެރޭގައި އޭއެފްޕީ، ސީއެންއެން އަދި ނިއުޔޯކް ޓައިމްސްއާއި އަލްޖަޒީރާގެ ނޫސްވެރިން ހިމެނެއެވެ. މީގެ އިތުރުން މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީއާއި ގާތް 2 އަންހެނަކުވެސް މި ލިސްޓުގައި ހިމެނެއެވެ.