ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމާ ދެކޮޅަށް އާބާދީތަކަށް ދިފާއު ހޯދާދިނުމަށް ހިންގާ ވެކްސިން ކެމްޕޭންތަކުގައި އެންމެ ބޮޑު ހިއްސާއެއް އަދާ ކުރާ އެއް ބަޔަކީ ޗައިނާއެވެ. އޭޝިއާ ބައްރަށް ބަލާލި ކަމުގައި ވީ ނަމަވެސް، އެތައް މިލިއަން ބަޔަކު މިހާރު ވަނީ ޗައިނާގެ ސީނޯވެކް ނުވަތަ ސީނޯފާމްގެ ކޮވިޑް ވެކްސިން ޑޯޒްތައް ޖަހާފައެވެ.

ކޮވިޑް ދިފާއު ކެމްޕޭންތަކުގެ މައި މުލަކަށް ޗައިނާގެ ވެކްސިންތައް ހެދި ބައެއް ގައުމުތަކުން މިހާރު ވަނީ، އެހެން ވެކްސިންތަކަށް ބަރޯސާވާން ފަށާ ކަން އިއުލާން ކޮށްފައެވެ. މިއާއެކު ޗައިނާގެ ވެކްސިންތަކުގެ ކާމީޔާބީއާ މެދު ވަނީ ސުވާލު އުފެދިފައެވެ. އަދި ޗައިނާއިން އޭޝިއާގައި ގެންގުޅޭ ވެކްސިން ޑިޕްލޮމަސީއާ މެދުވެސް ފާޑުވެރި ނަޒަރަކުން ވަނީ ބެލެން ފަށާފައެވެ.

ޗައިނާގެ ޝަންހާއީގެ ހޮސްޕިޓަލެއްގެ މުވައްޒަފުން، އެމާޖެންސީ ޑްރިލްއެއްގައި ބައިވެރި ވަނީ / ފޮޓޯ: ޗައިނާ ނިއުސް ސާވިސް

ތައިލޭންޑްއާއި އިންޑޮނޭޝިއާގައި ވަނީ ކިހިނެއް؟

ހުސްވި ހަފުތާގައި ތައިލޭންޑުން ވަނީ އެ ގައުމުގެ ވެކްސިން ސިޔާސަތަށް ބަދަލު ގެންނާނެ ކަން އިއުލާން ކޮށްފައެވެ. ޗައިނާއިން ތަރައްގީ ކުރި ސީނޯވެކް ކޮވިޑް ވެކްސިނާއި، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކުރި ވެކްސިން އެއްކޮށްގެން ދިނުމަށް، ތައިލޭންޑްގެ ވެކްސިން ސިޔާސަތަށް ވަނީ ބަދަލު ގެނެސްފައެވެ.

2 ބްރޭންޑްގެ ވެކްސިން ޖެހުމަށް ނިންމީ، ސީނޯވެކް ކޮވިޑް ވެކްސިންގެ 2 ޑޯޒް ޖަހާފައިވާ އެތައް ސަތޭކަ ސިއްހީ ހިދުމަތްތެރިންނެއް ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން ކަމަށް ހަބަރު ލިބެއެވެ.

ތައިލޭންޑްގެ ކޮވިޑް ވެކްސިން ސިޔާސަތަށް ގެނައި ބަދަލާއެކު، ސީނޯވެކްގެ 2 ޑޯޒް ޖެހުމުގެ ބަދަލުގައި، ކޮންމެ މީހަކަށްވެސް ދެން ފުރަތަމަ ޑޯޒްގެ ގޮތުގައި ޖަހާނީ އަސްޓްރާޒެނީކާ ވެކްސިނެވެ.

އިންޑޮނޭޝިއާގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ހަގީގީ އަދަދުތައް ސަރުކާރުން ބުނާ ވަރަށް އިތުރު ވާނެ ކަމަށް ބެލެވޭ / ފޮޓޯ: ސީއެންއެން

ސީނޯވެކްގެ 2 ޑޯޒްއެކު ވެކްސިން ފުރިހަމަ ކޮށްފައި ވާ ސިއްހީ ހިދުމަތްތެރިންނަށް 3 ވަނަ ޑޯޒްއެއް ނުވަތަ ބޫސްޓާ ޑޯޒްއެއް ޖަހާނެއެވެ. އެއީ އަސްޓްރާޒެނީކާ ނުވަތަ ފައިޒާ/ބައޮއެންޓެކް ފަދަ އެމްއާރްއެންއޭ ވެކްސިނަކަށް ވާންޖެހެއެވެ. މި 2 ބާވަތުން، ތައިލޭންޑްގައި މިވަގުތު ލިބެން ހުރީ އަސްޓްރާޒެނީކާ އެކަންޏެވެ. ނަމަވެސް އެމެރިކާއިން ހަދިޔާ ކުރާ ފައިޒާ ވެކްސިން ޝިޕްމަންޓެއް، ވަރަށް އަވަހަށް ތައިލޭންޑަށް ފޯރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑޮނޭޝިއާއިންވެސް މިފަދަ ބަދަލެއް ގެންނަކަން އިއުލާން ކުރީ، އޭގެ ކުރި ހަފުތާގައެވެ. ސީނޯވެކް ކޮވިޑް ވެކްސިން ޖަހާފައިވާ ސިއްހީ ހިދުމަތްތެރިންނަށް، މޮޑާނާ ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒްއެއް ޖަހާ ގޮތަށް އިންޑޮނޭޝިއާއިން ވަނީ ނިންމާފައެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނަ އިންޑޮނޭޝިއާއަށް ވަނީ އޮކްސިޖަން ސަޕްލައިގެ މައްސަލަ ކުރިމަތިވެފަ / ފޮޓޯ: އިންސައިޑާ

އިންޑޮނޭޝިއާއިންވެސް މިފަދަ ނިންމުމެއް ނިންމީ، ވެކްސިން ޑޯޒް ފުރިހަމަ ކޮށްފައި ވާ ސިއްހީ ހިދުމަތްތެރިން، ކޮވިޑަށް ޕޮޒިޓިވް ވަމުން ދާތީއެވެ. މި ދެ ގައުމަކީވެސް މި ދުވަސްވަރު ރެކޯޑް އަދަދުތަކުން ޕޮޒިޓިވް ކޭސް ރެކޯޑް ކުރަމުން އަންނަ ދެ ގައުމެވެ.

މެލޭޝިއާއިންވެސް ވަނީ މިހާރު އެގައުމުގައި ހުރި ސީނޯވެކް ކޮވިޑް ވެކްސިންގެ ސަޕްލައި ހުސްވުމުން، ދެން ގެންނާނީ ފައިޒާގެ ކޮވިޑް ވެކްސިން ކަމަށް އިއުލާން ކޮށްފައެވެ.

ޗައިނާގެ ވެކްސިންތަކާއެކު އަދިވެސް ކުރިއަށް ދާން ތިބި ގައުމުތަކުގެ ތެރޭގައި ފިލިޕީންސް އަދި ކެމްބޯޑިއާ ފަދަ ގައުމުތައް ހިމެނެއެވެ.

ފިލިޕީންސްގެ ނުފޫޒުގަދަ ރައީސް ރޮޑްރީގޯ ދުތާރުތޭ (މ) ވެކްސިން ޖައްސަވަނީ / ފޮޓޯ: ޖަޕާން ޓައިމްސް

ޗައިނާގެ ވެކްސިން ކާމިޔާބުތަ؟

ސީނޯވެކް އަދި ސީނޯފާމްގެ ކޮވިޑް ވެކްސިނަކީ އިންއެކްޓިވޭޓަޑް ވެކްސިންގެ ގިންތީގައި ހިމެނޭ 2 ބްރޭންޑެއްގެ ވެކްސިނެވެ. އިންއެކްޓިވޭޓަޑް ވެކްސިނަކީ މަރުވެފައިވާ ވައިރަސް އެކުލެވޭ ވެކްސިނެކެވެ. ނުވަތަ، ބަލި ޖެއްސުމުގެ ބާރު ކެނޑިފައިވާ ވައިރަހުގެ ބައިތަކެއް އެކުލެވޭ ވެކްސިންތަކެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަދާފައި ވާ ދިރާސާތަކަށް ބަލާއިރު ޗައިނާގެ ވެކްސިންތަކަކީ ކޮވިޑް ޖެހި އަލާމާތްތައް ފެނުމުގެ ފުރުސަތު، 50 ޕަސެންޓާއި 79 ޕަސެންޓާ ދެމެދު މިންވަރަކަށް ކުޑަ ކޮށްދޭ ވެކްސިންތަކެކެވެ. އަދި ކޮވިޑް ޖެހި، ހާލު ސީރިއަސް ވުމާ ދެކޮޅަށް މަސައްކަތް ކުރުމުގައި އިންތިހާއަށް ކާމިޔާބު ވެކްސިނެއް ކަމަށް ބުނެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ސީނޯވެކް ކޮވިޑް ވެކްސިނަކީ ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭ ނިސްބަތް، ބޮޑުތަނުން ކުޑަ ކުރާ ވެކްސިނެކެވެ. އެގޮތުން މި ނިސްބަތް، ބްރެޒީލްގެ ދިރާސާތަކުގައި 100 ޕަސެންޓްގައި ހުރިއިރު، އިންޑޮނޭޝިއާގައި މި އަދަދު ހުރީ 98 ޕަސެންޓްގައެވެ.

ޗައިނާގެ ސީނޯފާމް ގުރޫޕުން ތަރައްގީ ކުރި ކޮވިޑްވެކްސިން / ފޮޓޯ: ޔޫރޯނިއުސް

ހޮންގްކޮންގް ޔުނިވާސިޓީގެ އެޕިޑެމިއޮލިޖިސްޓް، ޕްރޮފެސާ ބެންޖަމީން ކޯވްލިންގް ވިދާޅުވާ ގޮތުގައި ވެކްސިނާއެކުވެސް ކޭސް އިތުރުވުމުގައި އިތުރު ސަބަބުތަކެއް ހުރުން އެކަށީގެންވެއެވެ.

އެއް ސަބަބެއް ކަމަށް ވަނީ، އެހެން ވެކްސިންތައް ފަދައިން، ދުވަސް ވުމުން، ޗައިނާ ވެކްސިންގެ ބާރު ކެނޑުމެވެ. ތައިލޭންޑްގައި ދާދި ފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ސީނޯވެކްގެ 2 ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީޒް ހުންނަ މިންވަރު، ވެކްސިން ފުރިހަމަ ކުރާތާ 40 ދުވަހުގެ ތެރޭގައި 2 ބައިކުޅަ 1 ބަޔަށް ދަށްވެއެވެ.

ޖުލައި އަދި އޯގަސްޓް 2021 ގައި ލަންކާއަށް ގިނަ އަދަދެއްގެ ކޮވިޑް ވެކްސިން ޑޯޒް އެތެރެ ކުރާނެ ކަމަށް ބެލެވޭ / ފޮޓޯ: ދަ ހިންދޫ

އަނެއް ސަބަބަކަށް ވަނީ އިންޑިއާއިން ފެންމަތިވި ޑެލްޓާ ވޭރިއަންޓްއެވެ. އިންޑޮނޭޝިއާއިން މި ފަހުން ފެނުނު ކޭސްތަކުގެ 60 ޕަސެންޓް އަދި ތައިލޭންޑްގެ ވެރިރަށް ބެންކޮކްއިން ފެނުނު ކޭސްތަކުގެ 26 ޕަސެންޓް ހިއްސާ ކުރަނީ ޑެލްޓާ ވޭރިއަންޓްއެވެ. މި ވޭރިއަންޓަކީ، އެ ވޭރިއަންޓަކާ މެދު ދުނިޔޭގެ ސިއްހަތު ޖަމިއްޔަ (ޑަބްލިއުއެޗްއޮ)އިން ވެސް ކަންބޮޑުވާ ވޭރިއަންޓެކެވެ. ކޮވިޑް ވޭރިއަންޓްތަކާ ދެކޮޅަށް ޗައިނާގެ ވެކްސިންތައް ކާމިޔާބު ތޯ ނުވަތަ ނޫން ތޯ ބަޔާން ކޮށްދޭ، ސާބިތު ދިރާސާތަކެއްގެ ނަތީޖާ އަދި ނުލިބެއެވެ.

ޗައިނާގެ ވެކްސިން ޑިޕްލޮމަސީ

ޗައިނާއިން ތަރައްގީ ކޮށްފައި ވާ ކޮވިޑް ވެކްސިންތަކުގެ ބޮޑު އިންސައްތައެއް ބޭނުން ކޮށްފައި ވަނީ އޭޝިއާ ބައްރުގެ ގައުމުތަކުން ކަމުގައި ވީ ހިނދު، ޗައިނާގެ ވެކްސިން ޑިޕްލޮމަސީ އިސްތިރާޖުގައި އޭޝިއާއަކީ މުހިންމު ހިއްސާއެކެވެ.

ޗައިނާގެ ސީނޯފާމް ވެކްސިން / ފޮޓޯ: މިޑްލްއީސްޓްއޮންލައިން

އޭޝިއާ ސަރަހައްދުން 30 އަށް ވުރެ ގިނަ ގައުމުން ވަނީ ޗައިނާގެ ކޮވިޑް ވެކްސިން ގަނެފައެވެ. ނުވަތަ ހަދިޔާ ގޮތުގައި ވެކްސިން ލިބިގަނެފައެވެ. ސީނޯވެކް ކޮވިޑް ވެކްސިން އެންމެ ގިނަ އަދަދަކަށް ގަތް ގައުމުތަކުގެ ތެރޭގައި އިންޑޮނޭޝިއާ ހިމެނެއެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ތަރައްގީ ވެކްސިން ވިއްކާ، ހަދިޔާ ކުރުމަކީ ޗައިނާއިން އެންމެ ހާއްސަ ސަމާލުކަމެއް ދޭ އެއް މަޝްރޫއެވެ. މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ، މުޅި ދުނިޔެ އިނދަޖައްސާލި ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ގައުމަކީ ޗައިނާ ކަމަށް ވެފައި، ވައިރަހުގެ އަސްލު އޮތީވެސް ޗައިނާގައި ކަމަށް ގިނަ ބަޔަކު އަދިވެސް ތުހުމަތު ކުރަމުން ދާ ދިއުމެވެ.

މުއްސަނދި ގައުމުތަކުން ވަނީ އެހެން ބްރޭންޑްތަކުގެ ވެކްސިން ޑޯޒްތައް ހިސޯރުކޮށްފައެވެ. ފަގީރު ގައުމުތައް ގިނަ އޭޝިއާ ބައްރަށް، ޗައިނާގެ ވެކްސިނަށް މަރުހަބާ ކިއުން ނޫން ގޮތެއްވެސް ނެތުނީއެވެ. އެއްވެސް ވެކްސިނެއް ނުޖަހާ ތިބުމަށް ވުރެ، ކޮންމެވެސް ވަރެއްގެ ދިފާއެއް ލިއްބައިދޭ ވެކްސިނެއް ޖެހުން ބުއްދިވެރިވީއެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ޗައިނާގެ ސީނޯވެކް ބައޮޓެކް ކުންފުނިން ތަރައްގީ ކުރި ވެކްސިން

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކުރި ކޮވިޑް ވެކްސިންގެ ފޯމިއުލާއަށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްއިން ވެކްސިން އުފައްދާ، އިންޑިއާ ސަރުކާރުގެ ހެޔޮ އެދުންތަކާއެކު ގިނަ ގައުމުތަކަށް ކޮވިޝީލްޑް ވެކްސިން ހަދިޔާ ކުރަން ފެށިއެވެ. އިންޑިއާއަކީ ޗައިނާގެ ޒަމާންވީ އަދުއްވު ކަމުގައި ވީ ހިނދު، އެކަމާވެސް ކުރިމަތިލާން ޗައިނާއަށް މަޖުބޫރުވެ، ހަދިޔާ ފޮށިތައް ބަރުކުރަން ފެށިއެވެ.

ޗައިނާގެ ވެކްސިނަށް އިތުބާރު ކުޑަ ވާ ފަދަ ގޮތަކަށް އޭޝިއާގެ އާބާދީ ބޮޑު ބައެއް ގައުމުތަކުން ފިޔަވަޅުތަކެއް އަޅާ، ސިޔާސަތުތަކެއް ބަދަލު ކުރި ކަމުގައި ވިއަސް، ޗައިނާގެ ވެކްސިނަށް ބަރޯސާވެފައި ވާ ޗައިނާގެ ފަސްގަނޑުގައި ކޮވިޑް-19ގެ އިތުރު ހުޅުގަނޑެއް ފަޅައިގެން ގޮސްފައި ނުވާ ކަމީ، ޗައިނާގެ ވެކްސިނާ މެދު މުޅިން އިތުބާރު ގެއްލުވާ ނުލާންވީ އެއް ސަބަބު ކަމުގައިވެސް ގަބޫލު ކުރެވިދާނެއެވެ.