ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ހިދުމަތް ދިނުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ގަވާއިދަށް އަމަލު ނުކުރުމުން އިތުރު ގެސްޓްހައުސެއްގެ ލައިސަންސް ޓޫރިޒަމް މިނިސްޓްރީން ހިފަހައްޓައިފިއެވެ. މިއަދުވެސް އެއީ ކޮން ގެސްޓްހައުސް އެއް ކަމެއް މިނިސްޓްރީއަކުން ނުބުންޏެވެ.

އޮޅުވާލައިގެން ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ހިދުމަތް ދެމުން ދިޔަ މާލެ ސަރަހައްދުގެ ތިން ގެސްޓްހައުސް އެއްގެ ލައިސަންސް އިއްޔެ ޓޫރިޒަމް މިނިސްޓްރީން ވަނީ ހިފަހައްޓާފައެވެ. އެ 3 ގެންސްޓްގައުސް ވެސް ހާމައެއް ނުކުރެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ދެކުނު އޭޝިއާގެ ފަތުރުވެރިންނަަށް ހިދުމަތް ދިނުމުގައި އޮންނަ އުސޫލަށް އަމަލު ކުރަމުންދޭތޯ ބެލުމަށް މިހާރު އެ މިނިސްޓްރީން ކުރިއަށް ގެންދާ އިންސްޕެކްޝަންތަކުގައި ގަވާއިދާ ހިލާފުވި ކަމަށް ފާހަގަ ވި މާލެ ސަރަހައްދުގެ 3 ގެސްޓްހައުސް އެއްގެ އޮޕަރޭޓިން ލައިސަންސް ސަސްޕެންޑް ކޮށްފައިވާ ކަމަށާއި އިމިގްރޭޝަންގެ ލިސްޓުން އެ ގެސްޓްހައުސްތައް އުނިކޮށްފައިވާ ކަމަށެވެ. އަދި އިތުރު 3 ގެސްޓްހައުސް އޮޕަރޭޓް ކުރާ ފަރާތްތަކަށް ވަނީ އިންޒާރު ދީފައެވެ.

މި ގެސްޓްހައުސް ތަކަކީ ހުޅުމާލޭގަ އާއި މާލޭގައި ހިންގަމުންދާ ގެސްޓް ހައުސްތަކެކެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު އައްސަދު ރިޒާ ވިދާޅުވީ، ދެކުނު އޭޝިއާގެ ފަތުރުވެރިން އައުމަށް މި މަހުގެ 15 ވަނަ ދުވަހު ދިން ހުއްދައާއެކު މާލެ ސަރަހައްދުގެ ގެސްޓްހައުސް ތަކާއި، މާފުއްޓަށްވެސް އެ ސަރަހައްދުގެ ފަތުރުވެރިން ގިނަ ދުވަސްތަކަށް ދިޔަ ކަން ފާހަގަ ކުރެވުނު ކަަމަށެވެ.

އައްސަދު ވިދާޅުވީ، ކުރިއަށް އޮތްތަނުގައިވެސް ހޮޓާތަކާއި ގެސްޓް ހައުސްތަކުގެ އިންސްޕެކްޝަން ކުރިއަށް ގެންދަވާނެއެވެ.

ދެކުނު އޭޝިއާގެ ފަތުރުވެރިން މާލޭގައި މަޑުކުުރުމަށް ހުއްދަ ދީފައި ވަނީ ވަކި އުސޫލެއްގެ ދަށުންނެވެ. އެގޮތުން އެފަދަ ފަތުރުވެރިންނަށް މާލޭގެ ގެސްޓްހައުސްތަކުގައި މަޑުކުރެވޭނީ ފުރުމަށްޓަކައި ޓްރާންސިޓް ވުމަށެވެ. އެއީ އެ ފަތުރުވެރިން 48 ގަޑިއިރަށް ވުރެ އިތުރު ނުވާ ގޮތަށް ތިބުމަށް ދީފައިވާ ހުއްދަ އެކެވެ.

ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކިން ކުރުމަށް ހުޅުވާލަން ނިންމީ ޖުލައި 30 ވަނަ ދުވަހުއެވެ.