ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބޮޑުތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅަށް ފަހު މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި، ފުރަތަމަ ވަޑައިގެންނެވީ ކުޅުދުއްފުށި ސިޓީއަށެވެ. އެ ސިޓީގެ ކައުންސިލާއި، އަންހެނުންުގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިންނާއި، އެސިޓީގެ 3 ސުކޫލުގެ އިސްވެރިންގެ އިތުރުން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ އިސްވެރިންނާ ރައީސް ބައްްދަލު ކުރެއްވިއެވެ. ރައީސްގެ އަނބިކަނބަލުން ކުޅުދުއްފުށީ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެ މުއައްސަސާގެ އިސްވެރިންނާއި، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވިއެވެ.

ކުޅުދުއްފުށީ ސިޓީއިން ރައީސްގެ ދެކަނބަލުން ދެން ވަޑައިގަތީ ހދ. ކުމުންދޫއަށެވެ. އެރަށުގައި ރައީސް ވަނީ ހދ. ކުމުންދޫ ކައުންސިލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާ ބައްދަލުކުރައްވާފައެވެ. އަދި އެ ދެކަނބަލުން ވަނީ ހދ. ކުމުންދޫ ސިއްހީ މަރުކަޒަށާއި ސްކޫލަށް ޒިޔާރަތް ކުރައްވައި އެ ތަންތަނުގެ ހާލަތު ބައްލަވާލެއްވިއެވެ.

ތިން ދުވަހުގެ މި ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން އެދެކަނބަލުން ވަޑައިގެންނެވީ ހދ. ހަނިމާދުއަށެވެ. ހަނިމާދޫގައި ވެސް އެދެކަނބަލުން ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި މީގެ އިތުރުން އެދެކަނބަލުން ވަނީ ހަނިމާދޫގެ ސްކޫލަށާއި، ހެލްތު ސެންޓަރަށާއި، ބަނދަރަށް ޒިޔާރާތް ކުރައްވާ އެތަންތަނުގެ ހާލަތު ބައްލަވާލައްވާފައެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނިމާދޫ މަގުތަކުގެ ތާރު އެޅުމުގެ އަމަލީ މަސައްކަތް ފަށްޓަވައި ދެއްވާފައެވެ.

ރައީސްގެ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަަތެވެ.