މާލެ އާއި ހުޅުމާލެ 1 ކަރަންޓަކުން ގުޅާލައިފިއެވެ.

އެ ކުންފުނިން ބުނީ މާލެއާއި، ހުޅުމާލޭގެ އިންޖީނުގެ މިހާރު ވަނީ ގްރޭޓާ މާލެ ގްރިޑް މެދުވެރިކޮށް ކާމިޔާބު ކަމާއެކު ސިންކްރޮނައިޒް ކުރެވިފައި ކަމަށެވެ. އަދި މިހާރު މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކަރަންޓު ފޯރުކޮށްދެވޭނޭ ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ގްރޭޓާމާލެ ގްރިޑާއިއެކު އަޅުގަނޑުމެން މިވަނީ ހަކަތައިގެ ސިނާއަތުގެ މުޅިން އައު ހަރުފަތެއް ގިރާކޮށްފައި. އިރާދަކުރެއްވިއްޔާ މި ގްރިޑާއެކު އަޅުގަނޑުމެން ދެމުންގެންދާ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، އެކަމުގެ ފައިދާތައް ރައްޔިތުންނަށް ލިބެމުންދާނެ.
ސްޓެލްކޯ

އެ ކުންފުނިން އިތުރަށް ބުނީ ކޮވިޑްގެ ދަތި ހާލަތުގައިވެސް މަސައްކަތައް ހުއްޓުމެއް ނައިސް މި މަސައްކަތް ކާމިޔާބުކަމާއެކު، ނިންމާލުމަށްޓަކައި ރެއާއި ދުވާލު މަސައްކަތް ކުރަމުންގެންދާ އެ ކުންފުނީގެ އެންމެހާ މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށެވެ.

އެކުންފުނިން މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 17، 18 އަދި 21، 22 ގައި ކަމަށެވެ. އެގޮތުން އިއްޔެ ހެނދުނު 8:00 އިން ހަވީރު 5:00 އަށް ފުރަތަމަ ދުވަހުގެ މަސައްކަތް ކޮށްފައިވާ އިރު، ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ސްޓެލްކޯއިން ވަނީ މީގެ ކުރިން ބުނެފައެވެ.

ގްރޭޓާމާލޭ ގްރިޑްގެ ދެވަނަ ސާކިޓް އެނަޖައިޒް ކުރުމަށް ރޭވިފައި ވަނީ އަންނަ ބުދަ ދުވަހުގެ ހެންދުނު 8:00 އިން 5:00 އަށެވެ. އެ މަސައްކަތް ކުރިޔަށްދާ އިރު މާލެއާއި، ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އެއަށް ފަހު އަންނަ ބުރާސްފަތި ދުވަހު ކުރިޔަށް ދާނީ ހުޅުމާލޭގެ ސަބްސްޓޭޝަން އެނަޖައިޒް ކުރުމުގެ މަސައްކަތެވެ.

ގްރޭޓާމާލެ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132 ކޭވީ ގެ 7 ކިލޯމީޓަރުގެ ދެ ސާކިޓުން ގުޅާލާ މަޝްއޫއެކެވެ. އަދި މި މަޝްއޫގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ 4 ޓްރާންސްފޯމަރާއި، އަދި ހުޅުލޭގައި 8 އެމްވީއޭގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފައެވެ. މި ކަރަންޓު ވިއުގައިން ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.