ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާފަދަ ކަމެއް މި ސަރުކާރުން ނުކުރާނެކަމަށް ވިދާޅުވާ ވާހަކަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަނެއްކާވެސް ތަކުރާރުކުރައްވައިފިއެވެ.

މީގެ ކުރިންވެސް ރައީސް ވަނީ މިފަދައިން ވިދާޅުވެފައެވެ.

ރައީސް މިފަދައިން ވިދާޅުވީ ތިލަދުންމަތީ ދެކުނުބުރިއަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގައި ހދ. ހަނިމާދޫ އަށް ވަޑައިގަތް އެރަށުގެ ރައްޔިތުންނާއި ރައީސް ވަނީ ބައްދަލުކުރަށްވައެވެ. މި ބައްދަލުކުރެއްވުން އޮތީ ހަނިމާދޫގައި ހުންނަ ބެއާފޫޓް ހޮޓެލްގައެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް އެއްވެސް ބުރުލެއް އަރާފަދަ ކަމެއް މި ސަރުކާރުން ނުކުރައްވާނެކަމަށާއި އަދި ކުރިޔަށް އަންނަ ސަރުކާރުތަކުންވެސް އެފަދަކަމެއް ކުރާނެކަމަށް ގަބޫނުކުރައްވާ ކަމަށެވެ.

މި ބައްދަލުވުން ފައްޓަވައިދެއްވަމުން ރައީސް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ހަނިމާދޫގައި ފެންވަރު ރަނގަޅު އިންޓަނޭޝަނަލް އެއާޕޯޓެއް އޮތުމުގެ މުހިންމުކަމައި އޭގެ ސަބަބުން ހަނިމާދޫއާ މުޅި ބޮޑު ތިލަދުންމައްޗަށް ލިބިގެންދާނެ މަންފާތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި މި އެއާޕޯޓާ ގުޅިގެން އެކިފަރާތްތަކުން ފާޅުކުރަމުންގެންދާ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސް ވަނީ ހަނިމާދޫ އެއާޕޯޓު އަޅަން ލޯނު ނަގަނީ ސަރުކާރުން ކަމަށާއި އަދި ތަނުގެ ހިންގުމާއި މިލްކުވެރިކަންވެސް އޮންނާނީ ސަރުކާރަށް ކަމާއި އެތަނުގައި ބޭރު ގައުމެއްގެ ސިފައިންގެ ބަޔަކު ނުތިބޭ ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ބައެއް އާންމުފަރާތްތަކުން ވަނީ ކަންބޮޑުވުން އެންމެ ބޮޑަށް އޮތީ އެމްއެންޑީއެފްއަށް ބިން ހާއަސްކުރަން ހުށަހަޅާފައިވާ ސަރަހައްދާއި އެއާޕޯޓް ރަންވޭ އެކްސްޕޭންޝަންއަށް ހާއްސަކުރާ ބިމާމެދު ކަމަށް ފާހަގަކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ފަރާތްތަކުން ހުށަހެޅިގޮތްތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އެގޮތުން ހާއްސަކޮށް އެމްއެންޑީއެފްއަށް ހާއްސަކުރާ ބިމަކީ މުޅި އެމްއެންޑީއެފްގެ މުޅި ނޮދާން ކޮމާންޑު އެކީގައި ހަނިމާދުއަށް ބަދަލުކުރުމަށްޓަކައި ހާއްސަކުރާ ބިމެއްކަމަށާއި އެއީ މުޅި އުތުރުގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ފަސޭހަކުރުމުގެ ގޮތުން ގެންނަވާ ބަދަލެއް ކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ،

ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަނިމާދޫ އެއާޕޯޓު ތަރައްގީކުރާ ބިމުގެ ސަރަހައްދަށް 853،937 އަކަފޫޓު އިތުރުކުރަން ޕްލޭނިން މިނިސްޓްރީން މިދިޔަ މާޗު މަހު އެ ރަށު ކައުންސިލަށް ހުށަހަޅާފައި ވެއެވެ. ނަމަވެސް ބޮޑު ބިމެއް ދިނުމުގައި ރަށުގެ ޖަމިއްޔާތަކާއި އާއްމުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމުން ފަހުން ވަނީ 400،000 އަކަފޫޓަށް ބިމުގެ ސައިޒު ކުޑަކުރަން ހުށަހަޅާފައެވެ. ނަމަވެސް އަދި އެ ރަށު ކައުންސިލުން ލޭންޑުޔޫސް ޕްލޭން އެގޮތަށް ނިންމާފައެއް ނުވެއެވެ.

ހަނިމާދޫގެ ރައްޔިތުން ވަނީ އެއާޕޯޓް ތަރައްގީ ކުރުމަށް މީހުން ދިރިއުޅޭ ސަރަހައްދު ބޮޑު ބިމެއް ނަގާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ހަނިމާދޫގެ ރައްޔިތުންނާއި އެ މީހުންގެ ދަރިފަސްކޮޅު، އަމިއްލަ ބިމުގައި ބިކަވެގެން ނުދާނެ ގޮތަށް ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަން ގޮވާލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރަށު 800 މީހުންގެ ސޮއިއާއެކު މިމަހު ވަނީ ޕެޓިޝަނެއް ހުށައަޅާފައެވެ.

އެ މަޝްރޫއާ ގުޅޭ ކަންބޮޑުވުންތައް ހިއްސާކޮށް ހަނިމާދޫގެ ތިން ޖަމިއްޔާއަކުން މިދިޔަ މަހުގެ 8 ގައި ވެސް ރައީސަށް ސިޓީއެއް ފޮނުވާފައި ވެއެވެ. ނަމަވެސް އެ ސިޓީއަށް އަދި ޖަވާބެއް ލިބިފައެއް ނުވެއެވެ. އަދި އެއާޕޯޓު ތަރައްގީކުރަން ނިންމާފައިވާ ގޮތާ ދެކޮޅަށް އޮންލައިން ޕެޓިޝަނެއް ވެސް މީގެ ކުރިން ވަނީ ހަދާފައެވެ. އަދި މިހާރު ކްލަބްހައުސްގައިވެސް އެބަހުސް ކުރިއަށް ދެއެވެ.

މި ދަތުރުފުޅު ކުރައްވަން ހަމަޖެހިފައި މިމަހުގެ 18ގެ ނިޔަލަށެވެ. މި ދަތުރުފުޅާކީ ތަރައްގީގެ މަޝްރޫއުތަކާއި ހިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކައި ރައީސް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ތިލަދުންމަތީ ދެކުނުބުރީގެ ކުޅުދުއްފުށި ސިޓީ، ހދ. ހަނިމާދޫ އަދި ހދ. ކުމުންދޫއަށް ރައީސް ސޯލިހް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.