ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް ބޭނުންވާ ބިން ކަނޑައެޅުމުގައި ހުރި ކަންބޮޑުވުންތަކާ މެދު މަޝްވަރާކޮށް، މިހާރު ވަނީ ހައްލެއް ހޯދިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޒަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތިލަދުންމަތީ ދެކުނުބުރިއަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގައި ހދ. ހަނިމާދޫ އަށް ވަޑައިގަތް އެރަށުގެ ރައްޔިތުންނާއި ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ ހަނިމާދޫގައި ހުންނަ ބެއަރފޫޓް ހޮޓެލްގައެވެ.

ރައީސް އޮފީހުގެ ތަރުޒަމާން މަބްރޫކް އަޒީޒް ވިދާޅުވީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއާ މެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ މެދުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވާ މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި މިމަޝްވަރާތަކުގައި ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވާ އެކަންބޮޑުވުންތައް މިހާރު ހައްލުކޮށްދެވިފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމަށް ރަށުގެ ބިމުން ބޮޑު ސަރަހައްދެއް ނެގުމާއި ގުޅިގެން ކައުންސިލާއި މަޝްވަރާކުރުމަށްފަހު ގެންނަންޖެހޭ ބަދަލެއް ގެންނަން ތައްޔާރު ކަމަށް ސަރުކާރުން މީގެ ކުރިން ވެސް ވަނީ ހާމަކުރައްވާފައެވެ.

ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަނިމާދޫ އެއާޕޯޓު ތަރައްގީކުރާ ބިމުގެ ސަރަހައްދަށް 853،937 އަކަފޫޓު އިތުރުކުރަން ޕްލޭނިން މިނިސްޓްރީން މިދިޔަ މާޗު މަހު އެ ރަށު ކައުންސިލަށް ހުށަހަޅާފައި ވެއެވެ. ނަމަވެސް ބޮޑު ބިމެއް ދިނުމުގައި ރަށުގެ ޖަމިއްޔާތަކާއި އާއްމުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމުން ފަހުން ވަނީ 400،000 އަކަފޫޓަށް ބިމުގެ ސައިޒު ކުޑަކުރަން ހުށަހަޅާފައެވެ. ނަމަވެސް އަދި އެ ރަށު ކައުންސިލުން ލޭންޑުޔޫސް ޕްލޭން އެގޮތަށް ނިންމާފައެއް ނުވެއެވެ.

ހަނިމާދޫގެ ރައްޔިތުން ވަނީ އެއާޕޯޓް ތަރައްގީ ކުރުމަށް މީހުން ދިރިއުޅޭ ސަރަހައްދު ބޮޑު ބިމެއް ނަގާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ހަނިމާދޫގެ ރައްޔިތުންނާއި އެ މީހުންގެ ދަރިފަސްކޮޅު، އަމިއްލަ ބިމުގައި ބިކަވެގެން ނުދާނެ ގޮތަށް ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަން ގޮވާލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރަށު 800 މީހުންގެ ސޮއިއާއެކު މިމަހު ވަނީ ޕެޓިޝަނެއް ހުށައަޅާފައެވެ.

އެ މަޝްރޫއާ ގުޅޭ ކަންބޮޑުވުންތައް ހިއްސާކޮށް ހަނިމާދޫގެ ތިން ޖަމިއްޔާއަކުން މިދިޔަ މަހުގެ 8 ގައި ވެސް ރައީސަށް ސިޓީއެއް ފޮނުވާފައި ވެއެވެ. ނަމަވެސް އެ ސިޓީއަށް އަދި ޖަވާބެއް ލިބިފައެއް ނުވެއެވެ. އަދި އެއާޕޯޓު ތަރައްގީކުރަން ނިންމާފައިވާ ގޮތާ ދެކޮޅަށް އޮންލައިން ޕެޓިޝަނެއް ވެސް މީގެ ކުރިން ވަނީ ހަދާފައެވެ. އަދި މިހާރު ކްލަބްހައުސްގައިވެސް އެބަހުސް ކުރިއަށް ދެއެވެ.

މި ދަތުރުފުޅު ކުރައްވަން ހަމަޖެހިފައި މިމަހުގެ 18ގެ ނިޔަލަށެވެ. މި ދަތުރުފުޅާކީ ތަރައްގީގެ މަޝްރޫއުތަކާއި ހިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކައި ރައީސް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ތިލަދުންމަތީ ދެކުނުބުރީގެ ކުޅުދުއްފުށި ސިޓީ، ހދ. ހަނިމާދޫ އަދި ހދ. ކުމުންދޫއަށް ރައީސް ސޯލިހް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.