ނަފްރަތުގެ ބިލާ ދެކޮޅަށް ބަޔަކު ވާހަކަ ދައްކާ އިރު، ދިފާއުގައި ސަރުކާރުން ބަހެއް ނުބުނަނީ އެމްޑީޕީގެ އަސާސްތަކަށް މި ސަރުކާރު އިހްތިރާމް ނުކުރާތީ ކަަމަށް އެމްޑީޕީގެ ޒުވާނުންގެ ހިއްވަރުން ބުނެފިއެވެ.
އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުން ބުނީ، ސަރުކާރާއި އިއްތިހާދުވެފައި ވާ ބައެއް ޕާޓީތައް ރުއްސުމުގެ މަގްސަދުގައި އެމްޑީޕީގެ ޒަމާންވީ އުސޫލުތަކާ އަސާސްތައް ބޮލާލައި ނުޖެހުމަށް އެމްޑީޕީގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ. އަދި އެ ޕާޓިން އަބަދުވެސް ވަކާލާތު ކުރާ އެންމެ މުހިއްމު އެއް އަސާސަކީ އަނިޔާވެރި ކަމާއި ދެކޮޅުވުން ކަމަށާއި އެކަން ހުއްޓުވަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ނަފްރަތުގެ ބިލު ފާސްކޮށް, ވަކިވަކި ފަރުދުންނާ މެދު ނަފްރަތު އުފެއްދުމަކީ ގާނޫނީ ކުށަކަށް ހަދައިގެން ކަން އެމްޑީޕީގެ ޒުވާނުންގެ ހިއްވަރަށް ސާފުވާ ކަމަށް ބުނެއެވެ.
އެގޮތުން 2018 ގެ ރިޔާސީ އިންތިހާބުގައި އާއި 2019 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އެމްޑީޕީން ވީ އެންމެ މުހިއްމު އެއް ވައުދަކީ ގޮތް ނޭނގި ގެއްލުވާލައި މަރާލާފައިވާ މީހުންނަށް އިންސާފު ހޯދައިދީ, އެފަދަ އަނިޔާވެރި އަމަލުތައް ރާއްޖޭގައި ތަކުރާރު ވިޔަ ނުދޭން ފިޔަވަޅު އަޅާނެކަމުގެ ވައުދު ކަމަށް އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުން ބުނެއެވެ. ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުއްالله އާއި ބްލޮގަރު ޔާމީން ރަޝީދު އާއި ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަނިޔާ ވެރި ގޮތަކަށް މަރާލުމަށް ފަހު، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ހަމައަށް ކަންކަން ދިޔައީ, ބަޔަކު ރޭވުންތެރިކަމާ އެކު އެމީހުންގެ ބޮލުގައި ވަކި ލޭބަލްތަކެއް އަޅުވައި މުޖުތަމައުގައި ނަފްރަތު އުފެއްދައިގެން ކަން ސާފުކޮށް ފެންނަން އޮތް ކަމަށް އެ ފަރާތުން ބުނެއެވެ.
އެމްޑީޕީގެ ވައުދުތަކާއި އެއްގޮތަށް އެފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވޭނީ ނަފްރަތުގެ ބިލު ފާސްކޮށްގެން ކަމުގައި ދެކޭ ކަމުގައިވީ ނަމަވެސް, ސަރުކާރުގެ އިއްތިހާތުގައި ހިމެނޭ ބައެއް ޕާޓީތަކުން ނުރުހުން ފާޅުކުރިއެވެ. އެ ހިސާބުން އެ ބިލު ސަރުކާރުން ދިފާއު ނުކޮށް މުޖުތަމައުގައި ނަފްރަތު އުފެއްދުން ހުއްޓުވާ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީން ވީ ވައުދު ސަރުކާރުން ހަނދާން ނައްތާލުމަކީ ޕާޓީގެ އަސާސްތަކާ ހިލާފަށް ސަރުކާރުން ނިންމި ނިންމުމެއް ކަމަށް އެމްޑީޕީ ޒުވާނުންގެ ހިއްވަރުން ބުނެއެވެ.
މިރާއްޖޭގެ ޒުވާނުންގެ މުސްތަގުބަލު ސަލާމަތްކުރެވެން އޮތީ ވަގުތީ ސިޔާސީ މަންފާއަށް ވުރެ ރައްޔިތުންގެ އަސަސީ ހައްގުތައް ހިމާޔަތްކުރުން އިސްކޮށްގެން ކަމަށާއި އެމްޑީޕީން ރައްޔިތުންނަށް ވިއްކި ވައުދުތައް ފުއްދުން އަވަސްކޮށްގެން ކަމަށް އެމްޑީޕީ ޒުވާނުންގެ ހިއްވަރުން ގޮވާލާފައި ވެއެވެ.
އެމްޑީޕީގެ އަސާސްތަކަށް ކޯލިޝަން ސަރުކާރު ވެރިން ޢަމަލު ކުރާކަށް ނުޖެހޭނެ ވަރަށް ވަރަށް ސާފް