ސައްހަ ނޫން ހޮޓެލް ބުކިން ހިފައިގެން ރާއްޖެ އެތެރެވާން އުޅުނު 248 ފަތުރުވެރިންގެ ތެރެއިން 168 މީހުންނަކީ އިންޑިއާގެ ރައްޔިތުން ކަމަށް އެ ގައުމުގެ ނޫހަކުން ބުނެފިއެވެ.

ފޭކް ބުކިންގައި ރާއްޖެ އެތެރެވާން އުޅެނިކޮށް ގިނަ ބަޔަކު ޑީޕޯޓް ކޮށްލާފައިވާ ކަމަށް ރާއްޖޭގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވި ނަމަވެސް އެއީ ކޮން ގައުމެއްގެ ބަައެއް ކަމެއް ވިދާޅެއްނުވެއެވެ.

އެކަމަކު "ޓައިމްސް އޮފް އިންޑިއާ" ގައި ރިޕޯޓްކުރި ގޮތުގައި އޭގެ ތެރެއިން 168 މީހަކު ނިސްބަތް ވަނީ އިންޑިއާއަށެވެ. އެ ނޫހުގައި ބުނެފައިވާ ވަނީ އެއީ މެދު އިރުމަތީގެ ގައުމުތަކަށް ވަޒީފާ އަށް ދިއުމުގެ ކުރިން ރާއްޖޭގައި ކަރަންޓީނުވުމަށް އައި ބައެއް ކަމަށެވެ.

ރާއްޖޭގެ އިމިގްރޭޝަނުން އެ މީހުން މުމްބާއީ އަށް އަނބުރާ ފޮނުވައިލުމާއެކު، އެ އިން ކޮންމެ މީހެއްގެ އަތުން 1.5 ލައްކަ ރުޕީސް އަތުލައި ވަޒީފާ ދޭނެ ކަމަށް ބުނެ މަކަރާއި ހީލަތް ހެދި މައްސަލަ އެ ގައުމުގެ ފުލުހުންނަށް ހުށަހަޅާފައި ކަމަށް ވެސް "ޓައިމްސް އޮފް އިންޑިއާ" ގައިވެއެވެ.

އެ މައްސަލައާ ގުޅިގެން އިންޑިއާގެ ފުލުހުން، ދެ އެޖެންޓަކު ވަނީ ހައްޔަރުކޮށްފައެވެ.

މެދު އިރުމަތީގެ ގައުމުތަކަށް ދަތުރުކުރުމަށް އިންޑިއާ އިން ރާއްޖެ އަށް މީހުން އަންނަނީ މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާ އާއި އެ ގައުމުތަކާ ދެމެދު ސީދާ ދަތުުރުކުރުން މެދުކަނޑާލާފައި އޮތުމުންނެވެ.

އިމިގްރޭޝަންގެ އާ ގަވައިދުގައިވާ ގޮތުން ރާއްޖެ އަށް އަންނަ ހުރިހާ ޓޫރިސްޓުން ވެސް ކުރިއާލައި ހޮޓެލް ބުކްކުރަން ޖެހޭނެއެވެ. އަދި އަންނަ ހުރިހާ ޓޫރިސްޓުން ވެސް ނެގެޓިވް ޕީސީއާރް ޓެސްޓެއް އޮންނަންޖެހޭނެއެވެ.

ސައްހަ ނޫން ލިޔެކިޔުން ހިފައިގެން ރާއްޖެއަށް އެތެރެވާން އުޅުނު ފަތުރުވެރިން ދެނެގަތް އިމިގްރޭޝަންގެ އޮފިސަރުންނަށް ހަނަފީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ގިނަ އަދަދެއްގެ ފަތުރުވެރިން ހިފަހައްޓާފައި ވާއިރު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ދެކުނުއޭޝިއާ ޓޫރިސްޓުންނަށް ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމަކީ ހައްލެއް ނޫން ކަމަށާއި ބޯޑަރުތައް ބަންދު ކުރަން ބޭނުން ނުވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޗެކް ކުރާ އިރު ފާސް ނުވެއްޖެ ނަމަ، ބަންދުކުރުން ނޫން ގޮތެއް ނެތް ކަމަށް މައުސޫމް ވަނީ ވިދާޅުވެފައެވެ. ދެކުނު އޭޝިއާ އިން ޓޫރިސްޓުންނާ ގުޅޭ އިންތަކާ މިންތައް ތަންފީޒު ކުރާ މިންވަރު ބަލަން ހޮޓެލް/ގެސްޓްހައުސް ޓޫރިޒަމް ޓީމުން ޗެކު ކުރަމުން ދާނެ ކަމަށް ވެސް މައުސޫމް ވިދާޅުވެފައި ވެއެވެ.

މިމަހު 15 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިއާގެ ގައުމުތަކުން އަންނަ ފަތުރުވެރިން ރާއްޖެއަށް އެތެރެވުމަށް ހުޅުވާލަށް ނިންމާފައިވާ އިރު، އެ އެޖެންސީން ވަކިގޮތެއް އަންގަންދެން ސައުތު އޭޝިއާގެ ގައުމުތަކުން އަންނަ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށާއި އެ ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ޗެކް އިން ނުވެވޭނެއެވެ. އެހެން ނަމަވެސް މާލޭގައި ފަތުރުވެރިން ފުރުމަށްޓަކާ ޓްރާންސިޓް ކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާ އުސޫލުގެ މަތިން އެ މިނިސްޓްރީން ކަނޑައަޅާފައިވާ ގެސްޓްހައުސްތަކުގައި ތިބޭ ތިބުން އިސްތިސްނާ ވާނެއެވެ.

އަދި، ސައުތު އޭޝިއާގެ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކްއިން ކުރުމަށް ހުޅުވާލުމުގައި އަމަލުކުރާނެ ގޮތްތައް ކަނޑައަޅައި އެކަން ޖުލައި 30، 2021 ގެ ކުރިން އަންގާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އެއީ އޭރު އިންޑިއާގައި ކޮވިޑް ކޭސްތައް ގިނަ ވުމުގެ ސަބަބުންނެވެ.