ފުލުހުންގެ ގާނޫނު ތަންފީޒުކުރުމުގައި ފަސްނުޖެހި ކުރިޔަށް ދިއުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފުލުހުންނަށް އިލްތިމާސްކުރައްވައިފިއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނު އުތުރުގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެން އެރަށު ޕޮލިސް ސްޓޭޝަންގެ އިސްވެރިންނާ ބައްދަލު ކުރައްވައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވަނީ ފުލުހުންގެ އާ ގާނޫނާއެކު ލާމަރުކަޒުކޮށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަާ އެކަމަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުން ހަމަޖައްސަވައިދެއްވާނެކަމަށް ވިދާލުވެފައެވެ. އެގޮތުން ރާއްޖޭގައި ފުލުހުންގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން 61 ޕޮލިސް ސްޓޭޝަނެއް އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާލުވީ މުޖުތަމައުއަށް އެންމެ ބޮޑަށް ބޭނުންވަނީ ގާނޫނުތައް ހިންގުމަށް ކަމަށާ އެކަމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ ފުލުހުންގެ އަތްމަތީގައި ކަމަށެވެ. އަދި ފާއިތުވެ ދިޔަ 2 އަހަރުގެ ތެރޭގައިއި ފުލުހުންގެ ހިދުމަތަށް ރަނގަޅު ބަދަލުތަކެއް ގެނެސްފައިވާ ކަމަށާ އާންމުން ފުލުހުންނަށް ކުރާ އިތުބާރު އިތުރުކޮށްފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
މި ބައްދަކުރެއްވުމުގައި ޕޮލިސް ސްޓޭޝަނުގެ ފަރާތުން ވަނީ އެ ސްޓޭޝަނުގެ ހިދުމަތް އިތުރަށް ފުޅާކޮށް ފުރިހަމަކުރުމަށް ބޭނުންވާ ކަންކަން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، ވަސީލަތާއި އުމްރާނީ ގޮތުން ބޭނުންވާ ކަންކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފުލުހުންގެ މަސައްކަތްކުރިޔަށްގެންދިއުމުގައި ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުންވެސް ޕޮލިސް ސްޓޭޝަނުގެ ފަރާތުން ރައީސަށް މައުލޫމާތު ހިއްސާ ކުރެއްވިއެވެ.
އެގޮތުން ފުލުހުންގެ މަސައްކަތާ ގުޅިފައިވާ އެހެން މުއައްސަސާތަކުން ވެސް ފުލުހުންނާ ގުޅޭ ގޮތުން ބާރު ސްޕީޑުގައި ކަންކަން ކުރިއަށް ގެންދެވޭނެ ގޮތައް ކަންކަން އިންތިޒާމުވެފައި އޮތުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
އަދި ފުލުހުންގެ އާގާނޫނުގެ ދަށުން ގެނެވޭ ބަދަލުތަކާއި އަދި މީހުން ބިނާކުރުންފަދަ ފުލުހުންގެ ހިދުމަތުގެ ތަރައްޤީއަށް މިހާރު ކުރަމުންގެންދާ ބައެއް މަސައްކަތްތައް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ ކުޅުދުއްފުށީގެ އިތުރުން ހަނިމާދޫ އަދި ކުމުންދޫއަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައެވެ. އެމަނިކުފާނާއެކު ދަތުރުފުޅުގައި ފަސްޓް ލޭޑީވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ. ރައީސްގެ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.