ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައި ވާ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ހުރިހާ މެންބަރުން ވެކްސިން ފުރިހަމަ ނުކުރާހާ ހިނދަކު، އެ ފަދަ އާއިލާތަކަށް ނިސްބަތްވާ ކުދިންނަށް، ސެޕްޓެމްބަރު މަހު ސްކޫލަށް ހާޒިރު ނުވެވޭނެ ކަމަށް ޗައިނާގެ ސަރަހައްދީ ސަރުކާރުތަކުން ކަނޑައަޅައިފިއެވެ.

ކޮވިޑް ވެކްސިން ފުރިހަމަ ނުކުރާ އާއިލާތަކަށް ނިސްބަތްވާ ކުދިންނަށް، ތައުލީމީ ދޮރޯށިތައް ބަންދު ކުރަން ޗައިނާއިން ނިންމާފައި ވާއިރު، ހޮސްޕިޓަލާއި ސުޕާމާޓު ފަދަ ތަންތަނެއް ވަނުމަށްޓަކާވެސް ކޮވިޑް ވެކްސިން ފުރިހަމަ ކުރަން ޖެހޭ ގޮތަށް، ޗައިނާގެ ބައެއް ސިޓީތަކުން ވަނީ ކަނޑައަޅާފައެވެ.

ޗައިނާގެ ސަރަހައްދީ ސަރުކާރުތަކާ ސިޓީތަކުން ކޮވިޑް ވެކްސިންއާ ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުން މިދަނީ، މި ހިނގާ 2021 ވަނަ އަހަރު ނިމޭއިރު ޗައިނާގެ އާބާދީގެ 64 ޕަސެންޓަކީ ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައި ވާ ބައެއް ކަމުގައި ހެދުމަށް އެގައުމުގެ ސަރުކާރުން ވަރުގަދަ އަމާޒެއް ހިފާފައިވާ ދަނޑިވަޅެއްގައެވެ.

ހަރީފު މޫސުމުގައި ދަރިވަރުންނަށް ސްކޫލްތަކަށް ހާޒިރު ވެވޭނީ އާއިލާތަކުން ވެކްސިން ފުރިހަމަ ކުރުމުން ކަމަށް ކަނޑައަޅާފައި ވާއިރު، ބައެއް މީހުން ދަނީ މިކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އެ ފަރާތްތަކުން ބުނަމުން ދަނީ މިއީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށެވެ. އަމިއްލަ އިހުތިޔާރުގައި އޮތް އެއްޗެއް، މިހާރު ގެނައި ބަދަލާއެކު މަޖުބޫރު ކަމަކަށް ވެފައި ވާ ކަމުގެ ޝަކުވާ، އެ ފަރާތްތަކުން ދަނީ ކުރަމުންނެވެ.

ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ޗައިނާއިން މިހާރު ވަނީ ކޮވިޑުން ދިފާއުވާން ތަރައްގީ ކޮށްފައި ވާ ވެކްސިންގެ 1.4 ބިލިއަނަށް ވުރެ ގިނަ ޑޯޒް ޖަހާފައެވެ. ނަމަވެސް އެ ގައުމުން ވެކްސިން ފުރިހަމަ ކޮށްފައި ވަނީ ކިހާ މީހުންނެއް ކަމެއް، ޗައިނާގެ ހެލްތު ކޮމިޝަނުން އަދި ހާމަކޮށްފައެއް ނުވެއެވެ.