ގުރުއާން ކިޔެވުމަކީ ދިވެހިންގެ އާދަކާދައިގެ ތެރޭގައި ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭ ކަމެއް ނަމަވެސް ގުރުއާން އެއްކޮށް ހިތުދަސް ކުރުމަކީ މަދުބަޔަކަށް ނޫނީ ހާސިލުވާ ކަމެއް ނޫނެވެ. ހާއްސަކޮށް އެހާ ޅަ އުމުރުގައި އެހާ އަވަހަށް ގުރުއާން ހިތުދަސް ކުރެވުމަކީ ކޮންމެ ކޮންމެ ކުއްޖަކަށް ކުރަން ފަސޭހަ ކަމެއް ނޫނެވެ.

ބ. ހިތާދޫ ޑެއިޒީމާގެ އުމުރުން އެންމެ 6 އަހަރުގެ އަމަން އަހުމަދު އާތިފް އަކީ ކުޑައިރުންސުރެވެސް ގުރުއާނަށް ޝައުގުވެރިކަން ހުންނަ ކުއްޖެއްކަން އަމަންއާ ގުޅުން ހުރި ފަރާތްތަކެއް ވަނީ ފާހަގަ ކޮށްފައެވެ. "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އަމަންގެ މަންމަ ލުބާނަތު މުހައްމަދު ބުނީ އެންމެ ތުއްތުއިރުން ފެށިގެންވެސް އަބަދުވެސް އަމާން ކައިރީގައި ގުރުއާން ޖަހާފައި ބަހައްޓާ ކަމަށާއި ގާތްގަނޑަކަށް އަމާންގެ އުމުރުން ދެ އަހަރުން ފެށިގެން ގުރުއާން ޖަހައިދޭން ނޫނީ ގުރުއާން ކިޔައިދޭން އޭނާ އަމިއްލައަށް އެދޭކަމަށެވެ.

އަމަން ގުރުއާން ހިތުދަސް ކުރިގޮތް ކިޔައިދެމުން ލުބާނަތު ބުނީ ގުރުއާން ބެލުމަށާއި އަޑުއެހުމަށް އަމަން ޝައުގުވެރިކަން ހުންނާތީ މިދިޔަ އަަހަރު (2020) ނޮވެންބަރުގައި ޓެސްޓު ކުރަން ފެށީކަމަށެވެ. މުޅި ގުރުއާން އެއްކޮން ކިޔައިދީ ނިމުނީ މިދިޔަ (2021) ޖޫން މަހު ކަމަށް ވެސް އަމަންގެ މަންމަ ވަނީ ފާހަގަކޮށްފައެވެ.

އަމަން މަންމައާއި ބައްޕައާ އެކު ރައީސް އޮފީހުގައި / ފޮޓޯ: ރައީސް އޮފީސް
" ދެނަމާދު ދޭތެރޭގަ ކިޔުއްވަނީ ކޮންމެ ދުވަހަކު އާންމުކޮން 2 ސަފްހާ ކިޔުއްވަނީ. ކޮންމެ ދުވަހަކުވެސް ބަލައިގެން 3 ފަހަރު ކިޔުއްވާފާ ނުބަލާ ކިޔުއްވަނީ"
އަމަންގެ މަންމަ ލުބާނަތު މުހައްމަދު

އަމަންގެ އާއިލާގައި މަންމަ އާއި ބައްޕަގެ އިތުރުން 4 އަހަރުގެ ފިރިހެން ކޮއްކޮއެއް ހުރެއެވެ. އަމަންއަކީ ކޮއްކޮއާއި އަދި އެހެން މީހުންނާވެސް ވަރަށް ގުޅިގެން ވަރަށް ރަނގަޅަށް އުޅޭ އަދި ތިމާގެ މީހުންގެ ގެޔަށް ދިޔަޔަސް، ހުރިހާ ކުދިން ގޮވައިގެން ކުޅެ، ގުރުއާން ކިޔަވާ ހަދާ ކުއްޖެއްކަން އަމަންގެ މަންމަ ވަނީ ފާހަގަ ކޮށްފައެވެ.

އަމަން، ކޮއްކޮ ޔުމާން އަހުމަދު އާތިފް އާ އެކު / ފޮޓޯ: އާއިލާ

އަމަންގެ ޓީޗަރުން ބުނަނީ ކީކޭ؟

2018 ވަނަ އަހަރު އެކްސެލް އިންޓާނޭޝަނަލް ސްކޫލްގައި ކިޔަވަމުން އަންނަ އަމަން އާ ބެހޭ ގޮތުން "ދަ ޕްރެސް" އަށް ވާހަކަ ދައްކަމުން އެ ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލް މަރިޔަމް ހަބްލާ ވިދާޅުވީ އަމަން އަކީ ހުރިހާ މާއްދާ އަކަށްވެސް ވަރަށް މޮޮޅު އަދި އެހާމެ އަވަހަށް ކްލާހުގައިވެސް އެއްޗެހި ދަސްކުރާ ކުއްޖެއް ކަމަށެވެ.

އެ ސްކޫލުގައި ގުރުއާނުގެ ކަންކަން ކުރިއަށް ގެންދަނީ ކޯޑިނޭޓަރު ސީމާ އަބްދުލް ކަރީމްގެ ބެލުމުގެ ދަށުންނެވެ. ގަވައިދުން ގްރުއާން ކުލާސްތައްވެސް ބާއްވާ އެކްސެލް ސްކޫލުގައި މިދިޔަ އަަހަރު ނޫނީ ކޮންމެ އަހަރަކު ގްރުއާން މުބާރާތްވެސް ބާއްވައެވެ. އެ މުބާރާތްތަކުގައި ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލާ ކިޔެވުމުގެ ގޮފި ބާއްވާއިރު ގިނަ އަދަދެއްގެ ދަރިވަރުން ކޮންމެ އަހަރަކު ބައިވެރިވާކަން ފާހަގަ ކުރެވެއެވެ.

އަމަންއާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރަމުން ގުރުއާން ކޯޑިނޭޓަރު ސީމާ އަބްދުލް ކަރީމް "ދަ ޕްރެސް" އަށް ބުނީ އެކްސެލް އިންޓަނޭޝަނަލް ސްކޫލްގެ 47 ދުއާ ހިމެނޭ ދުއާ ފޮތް މިދިޔަ އަހަރު ތެރޭގައި އަމަން ކިޔައިދީފައި ވާއިރު މިއަހަރު ތެރޭގައި ނަމާދުގައި ކިޔާ ހުރިހާ އެއްޗެއް ކިޔައިދިފާއި ވާ ކަމަށެވެ. އިތުރަށް ސީމާ ވިދާޅުވީ އަމަންއަކީ ވަރަށް ތޫނުފިލި އަދި ހިތްއަލި ކުއްޖެއް ކަމަށެވެ.

އަމަން އަހުމަދު އާތިފް. 30 ޓްރޮފީއާއެކު / ފޮޓޯ: އެކްސެލް

އަމަން އަށް 30 ޓްރޮފީ!

ކީރިތި ގުރުއާނުގެ 30 ފޮތް ސްކޫލުގައި ކިޔައިދިނުމުން އިނާމެއްގެ ގޮތުގައި އަމަންއަށް ވަނީ 30 ޓްރޮފީ ދީފައެވެ.

ގޭގައި އަމަން ގުރުއާން ހިތުދަސްކުުރުމުގެ މަސައްކަތް ކުރަމުން ދާ ވާހަކަ މަންމަ ސްކޫލާ ހިއްސާކުރުމުން ސްކޫލުން އަމަން ޓެސްޓް ކުރަން ފެށީ ކަމަށާއި ކޮންމެ ދުވަހަކުވެސް ބުނާ ތާކުން ބުނާ ވަރަކަށް ކިޔައިދިން ކަަމަށް ސްކޫލުން ބުނެއެވެ. އަދި 15 ދުވަސް ތެރޭގައި މުޅި ގުރުއާން ހިތުން ކިޔައިދީފައިވާ ކަމަށްވެސް އެކްސެލްގެ ގުރުއާން ކޯޑިނޭޓާރު ސީމާ ވަނީ ފާހަގަކޮށްފައެވެ.

ކޮންމެ ދުވަހަކުވެސް ބުނާ ތާކުން ބުނާ ވަރަކަށް ކިޔައިދިން، އަދި 15 ދުވަސް ތެރޭގައި މުޅި ގުރުއާން ހިތުން ކިޔައިދީ
އެކްސެލް

އަމަންގެ ކްލާސް ޓީޗަރު ޝަނިއްޔާ ޝެހެނާޒް "ދަ ޕްރެސް" އަށް ވިދާޅުވީ އަމަން އަކީ ފިލާވަޅުތަކަށް ވަރަށް ފަރުވާތެރިވާ ކުއްޖެއް ކަމަށެވެ. ކޮވިޑްގެ މި ޕެންޑެމިކް ތެރޭގައި އޮންލައިން ކުލާސް ތަކުގައި ދޭ ފިލާވަޅުތައްވެސް ބަރާބަރަށް ނިންމާކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ. އަދި އަމަންއަކީ ކަންކަމުގައި އިސްނަގާ އެހެންކުދިންނަށް ވަރަށް އެހީވާ ކުއްޖެއްކަން ޝަނިއްޔާ ފާހަގަ ކުރެއެވެ.

އަމަން އަހުމަދު އާތިފް ކްލާހުގައި / ފޮޓޯ: އެކްސްއެލް

އަބަދުވެސް އަރަބި ކިޔާ ދަސްކުރާ ހިތްވާ އަމަން، ހުސްވަގުތު ތަކުގައި ދިވެހި ވާހަކަ ވަރަށް ކިޔާކަކަން އަމަންގެ މަންމަ ފާހަގަ ކުރާއިރު، ކުލާހުގައި އަމަންގެ އަމިއްލަ ހިޔާލަށް ވާހަކަ ކިޔާއިދޭ ކަމަށް ކުލާސް ޓީޗަރު ވެސް ވަނީ ބުނެފައެވެ. އަމަންގެ ކުލާސް ޓީޗަރު ފާހަގަ ކުރި ގޮތުގައި އަމަން ބޮޑުވެގެން ވާން ބޭނުން ވަނީ ފަޔާފައިޓަރަކަށް ކަމަށް އަބަދުވެސް ބުނަމުން އަންނަކަމަށެވެ.

" އަމަން ޝެއާ ކުރާނެ ކޮންމެ އެއްޗެއް ވިޔަސް އެހެން ކުދިންނަށް ކާ އެއްޗެއް ވިޔަސް ޝެއާ ކުރާނެ. ކުދިންނަށް ވަރަށް އެހީވެސް ވާނެ"
އެކްސެލް އިންޓާނޭޝަނަލް އެސިސްޓެންޓް ޕްރިންސިޕަލް މަރިޔަމް ހަބްލާ

އެކްސެލް އިންޓަނޭޝަނަލް ސްކޫލުގައި ކިޔަވާ އަމަން ހޯދި ކާމިޔާބީ ވަނީ އެ ސްކޫލުން ފާހަގަ ކޮށްފައެވެ. އަދި އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ފަސްޓްލޭޑީ ފަޒްނާ އަހުމަދު ވަނީ އަމަން އާއި އާއިލާ އަދި ސްކޫލުގެ މެނޭޖުމަންޓާ ރައީސް އޮފީހުގައި ބައްދަލު ކުރައްވާ އަމަންއަށް ހިތްވަރު ދެއްވާފައެވެ. އިއްޔެ ރައީސް އޮފީހުގައި ބޭއްވި ހަފްލާގައި އަމަން ވަނީ ސޫރަތުލް އިހްލާސް ކިޔައިދީފައެވެ.

އިއްޔެ އޮތް ހަފްލާގައި، އެހާ ޅަ އުމުރެއްގައި އަމަން، ކީރިތި ގުރްއާން ހިތުދަސް ކުރީތީ އެކަމަށް ތައުރީފް ކުރައްވައި އެކަމާ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަމަންގެ މައިންބަފައިން އެކަމަށްޓަކައި ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާ އަމަންގެ މަންމަ ލުބާނާ މުހައްމަދަށާއި ބައްޕަ އަހްމަދު އާތިފަށްވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ގުރުއާން ހިތުދަސްކުރި 6 އަހަރުގެ އަމަންއަށް ރައީސް ޓްރޮފީ ހަވާލުކޮށްދެއްވަނީ / ފޮޓޯ: ރައީސް އޮފީސް

އަމަން ކީރިތި ގުރުއާން ހިތުދަސްކުރުމާ ގުޅިގެން އެކްސެލް އިންޓަނޭޝަނަލް ސްކޫލްގެ ފަރާތުން ދިން ތަށްޓާއި ހަނދާނީ ލިޔުން މިއަދު އަމަންއާ ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި އަމަންގެ މަސައްކަތަށް ހިތްވަރު ދެއްވުމުގެ ގޮތުން ހާއްސަ އިނާމެއް އަމަންއަށް ރައީސު ވަނީ ދެއްވާފައެވެ.

އަމަން މަންމައާއި ބައްޕަ (ވ) އަދި އެކްސެލްގެ ވެރިން (ކ) އާ އެކު ރައީސްގެ ދެކަނބަލުންގެ އަރިހުގައި / ފޮޓޯ: ރައީސް އޮފީސް

އަމަން ހާފިޒަކަށް

އުމުރުން އެންމެ 6 އަހަރުގައި ގުރުއާން އެއްކޮށް ހިތުދަސް ވުމުގެ އުފާ އަމަންއާއި އާއިލާ އަދި ރައްޓެހިންނާއި އަމަންގެ މުދައްރިސުންނާއި ޓީޗަރުން ގެންދަނީ ފާހަގަ ކުރަމުންނެވެ.

އަމަންގެ ކާމިޔާބީގެ ސަބަބުން ވަރަށް އުފާވާ ކަމަށާއި އާއިލާގެ އެެހެން މެމްބަރުނަށް އަމަން ވީޑިއޯ ކޯލް މެދުވެރިކޮށް ޓްރޮޕީތައް ދައްކާ ހަދާކަމަށް އަމަންގެ މަންމަ ކިޔައިދިނެއެވެ.

އަމަން، ކީރިތި ގުރްއާން ހިތުދަސްކުރި ހާފިޒެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށްޓަކައި ހާފިޒު ކަމުގެ އިމްތިހާނުގައި ބައިވެރި ކުރުމަށް އެކްސެލް އިންޓަނޭޝަނަލް ސްކޫލުން މިހާރު ވަނީ ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒަށް ހުށަހަޅާފައެވެ.

އަމަންގެ އާއިލާއާއި އެކްސެލްއިން އެދުވަހުގެ އިންޒާރު ގައި ތިބި އިރު "ދަ ޕްރެސް" އިން އަމަންއަށް ފުރިހަމަ ކާމިޔާބީއަކަށް އެދެމެވެ.