ކީރިތި ގުރުއާން ހިތުދަސް ކުރި އުމުރުން 6 އަހަރުގެ އަމަން އަހުމަދު އާތިފް އަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ހިތްވަރު ދެއްވައިފިއެވެ.
އެކްސެލް އިންޓާނޭޝަނަލް ސްކޫލްގެ ދަރިވަރު އަމަން އާ ރައީސްގެ ދެ ކަނބަލުން މިއަދު ވަނީ ބައްދަލު ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އަމަންއަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ. އަދި މިހާ ޅަ އުމުރެއްގައި އަމަން، ކީރިތި ގުރްއާން ހިތުދަސް ކުރީތީ އެކަމަށް ތައުރީފް ކުރައްވައި އެކަމާ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އަމަންގެ މައިންބަފައިން އެކަމަށްޓަކައި ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާ އަމަންގެ މަންމަ ލުބާނާ މުހައްމަދަށާއި ބައްޕަ އަހްމަދު އާތިފަށްވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.
މިބައްދަލުކޮށްލެއްވުމުގައި ކީރިތި ގުރުއާން ހިތުދަސް ކުރުމަށް އަމަން ޝައުގުވެރިވި ގޮތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މައުލޫމާތު އޮޅުން ފިލުއްވިއެވެ.
އަމަން އަހްމަދު އާތިފް ކީރިތި ގުރުއާން ހިތުދަސްކުރުމާ ގުޅިގެން އެކްސެލް އިންޓާނޭޝަނަލް ސްކޫލްގެ ފަރާތުން ދިން ތަށްޓާއި ހަނދާނީ ލިޔުން މި ބައްދަލުކުރެއްވުމުގައި އަމަންއާ ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި އަމަންގެ މަސައްކަތަށް ހިތްވަރު ދެއްވުމުގެ ގޮތުން ހާއްސަ އިނާމެއް އަމަންއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
އަމަންގެ މަންމަ ލުބާނާ މުހައްމަދާއި ބައްޕަ އަހްމަދު އާތިފް ދެއްކެވި ވާހަކައިގައި އަމަންއަކީ ވަރަށް ކުޑައިރުއްސުރެ ކީރިތި ގުރުއާން އަޑުއެހުމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ބަހައްޓަމުން ގެންދިޔަ ކުއްޖެއްކަން ފާހަގަކުރެއްވިއެވެ. އަދި އަމަންއާ ބައްދަލުކުރައްވައި އެކަމުގެ އަގު ވަޒަންކުރެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ޝުކުރު ދެންނެވިއެވެ.
އަމަން، ކީރިތި ގުރްއާން ހިތުދަސްކުރި ހާފިޒެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށްޓަކައި ހާފިޒު ކަމުގެ އިމްތިހާނުގައި ބައިވެރިކުރެއްވުމަށް އެކްސެލް އިންޓާނޭޝަނަލް ސްކޫލުން މިހާރު ވަނީ ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒަށް ހުށަހަޅުއްވާފައެވެ.
އެކްސެލް އިންޓާނޭޝަނަލް ސްކޫލަކީ 2013 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓްރީ ކޮށްގެން އެމެރިކާގެ ކަރިކިޔުލަމަކަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ. އަދި ކޯ ކަރިކިޔުލަމްގެ ގޮތުގައި ކީރިތި ގުރުއާން އާއި އިސްލާމް އާއި އަރަބި އަދި ދިވެހިބަސް މި ސްކޫލުގައި ކިޔަވައިދެމުން ގެންދެއެވެ.