ކޮވިޑްގެ މި ހާލަތުގައި ރާއްޖޭގެ އިގްތިސޯދު ހިފެހެއްޓުމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްދައުރެއް އަދާކޮށްފައިވާކަމަށް ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާލުވެއްޖެއެވެ.
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ޓިމް ސޯޔާ ވަނީ ކޮވިޑްގެ ބަލިމަޑުމަކުގައި ގައުމަށް އެހީވުމަށް ބޭންކުން އަދާކުރި މުހިންމު ދައުރު ފާހަގަ ކުރައްވައިފައެވެ. އަދި މި ހައްސާސްދަތި އުދަނގޫ ދަނޑިވަޅުގައިވެސް ދިވެހި ރައްޔިތުންނަށް އެހީތެރިވުމުގައި ބީއެމްއެލް ދެމިއޮންނާނެކަން ވަނީ ތަކުރާރު ކުރައްވާފައެވެ.
ޓިމް ސޯޔާ ވިދާޅުވީ ރާއްޖެއަކީ މި ބަލިމަޑުގެ އަސަރު އެންމެ ބޮޑަށް ކުރި އެއްގައުމެވެ. އަދި ކޮވިޑްގެ ސަބަބުން ރާއްޖެއަށް ދިމާވެދާނެ އިގްތިސޯދީ ހީނަރުކަން ކުރިން ދެނެގަނެވި ގައުމަށް އެހީވުމަށާ އިގްތިސޯދު ހީނަރުވެ ނުދިނުމަށް އެ ކުންފުނިން ސްޓްރެޓަޖީއެއް އެކުލަވާލާފަ ވާނެ ކަމަށްވެސް ޓިމް ސޯޔާ ވިދާލުވެފައިވެއެވެ.
ޓިމް ސޯޔާ ވިދާޅުވީ މި ދަނޑިވަޅުގައި ބީއެމްއެލްގެ ކަސްޓަމަރުންނަށް ވަރަށް ބޮޑެތި ލުއިތައް ލޯނު ދެއްކުމުގައި ދެވިފައިވާނޭ ކަމަށެވެ. އެގޮތުން ބޭންކުން ނަގާފައިވާ ލޯނު ދެއްކުން ފަސްކުރަން ބޭނުންނަމަ އެ ފުރުސަތާ ލޯން ސްކީމްތައް މެނޭޖްކުރުމުގައި ވެސް އެހީތެރިވެދީފައިވާނޭ ކަމަށް ޓިމް ސޯޔާ ވިދާޅުވެފައިވެއެވެ.
އީއައިބީ ކޮވިޑް-19 ރިކަވަރީ ލޯނާއި ދާދި ފަހުން ފެށުނު އިކޮނޮމިކް ސްޓިމިއުލަސް ލޯނު ދޫކުރުމަށް އެހީތެރިވުމާއި ކޮވިޑް ސްޓްރެޓަޖީގެ މުހިންމު ބަޔަކަށްވީ ލިކުއިޑިޓީ ޕްރެޝާ ކުޑަކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ފަންޑިން ރާއްޖޭން ބޭރުން ހޯދުމުގައިވެސް ބޭންކު އިސްރޯލެއް އަދާކޮށްފައި ވާކަމަށް ޓިމް ސޯޔާ ވިދާލުވިއެވެ.
މިދިޔައަހަރު ބީއެމްއެލް އަށް ލިބުނު ނަތީޖާއަށް އަލިއަޅުވާލަމުން ޓިމް ސޯޔާ ވިދާޅުވީ މިދިޔައަހަރު ކާމިޔާބުކަމާއެކު ފެށިގެންއައި ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އާމްދަނީ ވަރަށް ބޮޑަށް ދަށްވެ ބޭންކަށް އެކަމުގެ ނޭދެވޭ ބޮޑު އަސަރެއް ކޮށްފައިވާކަމަށެވެ. އެގޮތުން މިދިޔައަހަރު ނިމުނު އިރު ޓެކްސް އަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 325 މިލިއަން ރުފިޔާ ބީއެމްއެލް އަށް ލިބިފައިވެއެވެ. އެއީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު 60 އިންސައްތައިގެ ދަށްވުމެކެވެ.
ޓިމް ސޯޔާ ވިދާޅުވީ ބޭންކަށް ލިބެމުންދިޔަ ކުރިއެރުމުގެ ސަބަބުން 12،000 އާ ކަސްޓަމަރުން ބޭންކާ ގުޅިފައިވާ ކަމަށެވެ. އަދި މިދިޔައަހަރު 3 ބިލިއަން ރުފިޔާ އާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށެވެ.
ބީއެމްއެލް އިން މުޅިން އަލަށް ތައާރަފްކުރާ ޕްރޮޑަކްޓްތަކާ ހިދުމަތްތައް ކުރިޔަށްއޮތް ދުވަސްތަކުގައި ހާމަކުރެވިގެންދާނެ ކަމަށް ޓިމް ސޯޔާ ވިދާޅުވިއެވެ.