މިއީ އަވަށްޓެރި އިންޑިއާގެ ގުޖުރާތު ސްޓޭޓްގައި ދުވަހު އުޖޫރައަށް މަސައްކަތް ކުރަމުން އަންނަ ދެމަފިރިއަކަށް ކުރިމަތިލާން ޖެހިފައިވާ ނަމާންކަމާއި ބިރުވެރިވެރިކަމުން ފުރިގެންވި ހިތްދަތި ވާހަކައެކެވެ. މިއީ އެ ދެމަފިރިންގެ ފިރިހެން ދަރިފުޅު ވަގަށް ގެންދިޔަ ވާހަކައެވެ. އެންމެ ފަހަރަކު ނޫނެވެ. ދެމަހެއްހާ ދުވަހުގެ ތެރޭގައި 2 ފަހަރަށް، އެ ތުއްތު ކުއްޖާ ވަގަށް ގެންގޮސްފިއެވެ.

"އަހަރެންގެ ދަރިފުޅު ލޯ ކުރިމަތި ގެއްލުނަ ނުދެން" ގުޖުރާތުގެ ގާންދީ ނަގަރުގައި ލޭބަރަކަށް އުޅޭ މީނާ ވާދީ ބުންޏެވެ.

އުމުރުން އެންމެ 25 އަހަރުގެ އެ މަންމަ ދަނީ، އޭނާ ބަނޑުއަޅާ ވިހޭ ދަރިފުޅު، 2 ފަހަރަށް އޭނާގެ އަތުން ޖަހައިގަނެގެން ދިޔަ ދިއުމުގެ ވޭން އިހުސާސް ކުރަމުންނެވެ.

މީނާގެ މި ނަމާން ހަޔާތް ފެށުނީ ދަރިފުޅު ވިހައިގެން ހޮސްޕިޓަލުން ގެއަށް އައިތާ 1 ވަނަ އަށް ވީ ދުވަހުއެވެ. އެއީ މިދިޔަ އޭޕްރިލް މަހުގެ 1 ވަނަ ދުވަހެވެވެ. މީނާ ކިޔައިން ދިން ގޮތުގައި، ހޮސްޕިޓަލުގެ ނަރުހެއް ކަމަށް ބުނާ އަންހެނަކު އޭނާގެ ގެއަށް އައެވެ. އަދި ދަރިފުޅަށް ވެކްސިން ޖަހަން ޖެހޭ ކަމަށް އެމީހާ ބުނިކަމަށް ވެއެވެ. އެހެންކަމުން ދަރިފުޅު ގޮވައިގެން އެ އަންހެން މީހާއާއެކު މީނާވެސް ހޮސްޕިޓަލަށް ދިޔައެވެ. އެހާ ހިސާބުން މީނާ އަތުން ދަރިފުޅު ނެގުމަށްފަހު، އެ ދަރިފުޅުގެ ފޮޓޯއެއް ނަގަންދެން މީނާ ގާތު މަޑުކޮށްލަން ބުންޏެވެ.

އަލަށް އުފަންވެފައިވާ ކުއްޖެއް / ފޮޓޯ: އިންޑިއަން އެކްސްޕްރެސް

އެ ގޮތުގައި އެތައް ގަޑިއިރެއް ފާއިތުވިއެވެ. ދަރިފުޅުގެ ފޮޓޯ ނަގަން ކަމަށް ބުނެ، ދިޔަ އަންހެން މީހާގެ ހިލަމެއް ނުވެއެވެ. ދަރިފުޅުގެ ހަބަރެއް ނެތެވެ. ހާސްވެފައި އިން މީނާ، ދަރިފުޅު ހޯދުމުގެ މަސައްކަތް ފެށިއެވެ.

"އަހަރެން ރޯ އަޑަށް ސެކިއުރިޓީ ގާޑު އެހީ ކީއްހޭ ވީ. އަހަރެން ވީ ގޮތް ކިޔައި ދިނީމަ، ފުލުހުންނަށް ގުޅީ އޭނަ" މިނާ ކިޔައިދިނެވެ.

އިންޑިއާގެ ވިމެން އެންޑް ޗައިލްޑް ޑިވަލޮޕްމަންޓް މިނިސްޓްރީގެ ރެކޯޑްތަކަށް ބަލާއިރު، މިދިޔަ އަހަރު އެކަނިވެސް އެގައުމުން 43000 ކުއްޖަކު ވަނީ ގެއްލިފައެވެ. ގުޖުރާތަށް ބަލާއިރު، އަހަރަކު 3500 އެއްހާ ކުދިން ގެއްލޭ ކަމަށް ރަސްމީ ރެކޯޑްތަކުން ދައްކައެވެ.

ކުޑަކުދިންގެ ހައްގަށް ވަކާލާތު ކުރާ އެކްޓިވިސްޓުން ގަބޫލުކުރާ ގޮތުގައި ހަގީގީ އަދަދުތައް އަދި މާ މަތިވާނެއެވެ. އެހެނީ ފަގީރު އާއިލާތަކުން މައްސަލަ ރިޕޯޓް ނުކޮށް ދާތީއެވެ. ނަމަވެސް މީނާއާއި އޭނާގެ ފިރިމީހާ ކާނޫ ވަނީ ވަނީ ފުލުހުންގެ އިދާރާއަށް، ވަގުތުން މައްސަލަ ހުށަހަޅާފައެވެ.

މީނާގެ ދަރިފުޅު ހޯދުމުގެ ތަހުގީގުތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ޕޮލީސް އިންސްޕެކްޓާ އެޗްޕީ ޒަލާ ވިދާޅުވީ، ދަރިފުޅު ގެންދިޔަ އަންހެން މީހާގެ އެއްވެސް މައުލޫމާތެއް މީނާއަށް ނޭނގޭ ކަމަށެވެ. އެ އަންހެން މީހާގެ ނަން ނޭނގޭއިރު، އެ މީހާ ސިފަކޮށްދޭކަށްވެސް މީނާއަކަށް ނޭނގުނެވެ.

ޒަލާއާއި އޭނާގެ ޓީމަށް މަޖުބޫރުވީ ސީސީޓީވީ ފުޓޭޖު ހޯދަށެވެ. ފުރަތަމަ އިޝާރާތް ލިބުނީ އެހާ ހިސާބުންނެވެ. އޭނާގެ ސާޅި ދަށުގައި ބަންޑެއްޔެއް ކަހަލަ އެއްޗެއް ފޮރުވައިގެންދާ އަންހެނަކު ފާހަގަވިއެވެ. އެއީ މީނާގެ ދަރިފުޅު ހެއްޔެވެ؟ އަދި ބުނާކަށް ނޭނގެއެވެ.

500 އެއްހާ ރިކްޝޯ ޑްރައިވަރުންނާ ސުވާލުކޮށް، ހޯދި ހޯދުންތަކުން، ސާޅި ދަށުލައިގެން ބަންޑެލި ގެންދިޔަ އަންހެން މީހާ ދަތުރުކުރީ އަވަށްޓެރި އަވަށަކަށް ކަން އެނގުނެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި، އެ އަންހެން މީހާގެ އަތުގައި ކުއްޖާ އޮތެވެ.

ސީސީޓީ ފުޓޭޖު ބަލައިގެން، ފުލުހުން އިތުރު މީހުންނާ ސުވާލުކޮށް، އިތުރު އިޝާރާތްތައް ހޯދާ، އެ ފަހަތުން ދިޔައެވެ. އެހާ ހިސާބުން ދެވުނީ އަނެއްކާވެސް އެހެން އަވަށަކަށެވެ. ބުނެވޭ ގޮތުގައި އެ އަވަށަކީ އެ އަންހެން މީހާ އެންމެ ފަހުން ފެނުނު އަވަށް ކަމަށް ބުނެވެއެވެ.

އޮޕަރޭޝަން ކުރިއަށް ގޮސް، ފުލުހުންނަށް ހުއްޓެވުނީ ފަޅުވެފައިވާ ދަނޑަކަށެވެ. އެތަނުން ފުލުހުންނަށް ފެނުނީ އެ އަންހެން މީހާގެ އަންނައުނެވެ. އަދި އަންދާރުގެ އައިޑީ ކާޑެކެވެ. އައިޑީ ކާޑުގައިވާ ގެއަށް ފުލުހުން ދިޔައެވެ. އެ ގޭގައި އަންހެން މީހާ އިނެވެ. އަދި ތުއްތު ދަރިފުޅުވެސް އޮތެވެ. ނަމަވެސް، އެއީ މީނާގެ ދަރިފުޅެއް ނޫނެވެ.

ފުލުހުން ގާތު އެ އަންހެން މީހާ ބުނީ، އޭނާގެ ފިރިމީހާ، އެހެން އަންހެނަކާއެކު ފިލާފައި ވާ ކަމަށެވެ. އަންހެން މީހާގެ އެއްޗިހިވެސް ހިފައިގެން ދިޔަ ކަމަށް ބުނާއިރު، ފުލުހުންނަށް ފެނުނު އައިޑީ ކާޑަކީވެސް ފިލި ފިރިމީހާ ގެންދިޔަ އެއްޗިހި ކަމަށް އަންހެން މީހާ ބުންނެވެ.

އެހެން އަންހެނަކާއެކު ފިލި ކަމަށް ބުނާ ފިރިހެން މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފެށިއެވެ. އަދި އެ ހޯދި ހޯދުމުން، ކުޑަ ކުއްޖަކާއެކު ދިރިއުޅެމުން ދިޔަ އަންހެނަކާ ފިރިހެނެއް ފެނުނެވެ. ޑީއެންއޭ ޓެސްޓުތަކުން، އެ ތުއްތު ކުއްޖަކީ މީނާގެ ދަރިފުޅުކަން ކަށަވަރުވިއެވެ.

މީނާގެ ދަރިފުޅު ކިޑްނެޕް ކުރި ކަމަށް އެ އަންހެން މީހާ އިއުތިރާފްވިއެވެ. އަދި ފިރިހެން މީހާގެ ދޮށީ އަނބީގެ ބޮލުގައި އިލްޒާމް އެޅުވުމަށް، އެކަން ކުރީ، އޭނާއަށް ހެދިގެން ކަމަށްވެސް ދެވަނަ އަންހެން މީހާ ބުންނެވެ. ނަމަވެސް، ފިރިހެން މީހާގެ ވާހަކަ ތަފާތެވެ. އޭނާ ބުނި ގޮތުގައި، މިއިން އެއްވެސް ކަމެއް އޭނާއަކަށް ނޭނގޭއެވެ. އެ ގޭގައި އޮތް ދަރިއަކީ، އޭނާގެ ދަރިއެއް ކަމަށް ހީކުރެވުނު ކަމަށް އެ ފިރިހެން މީހާ ވަނީ ބުނެފައެވެ.

އަންހެން މީހާ ބުނި ގޮތުގައި، އޭނާ ވިހޭ ދަރިފުޅު، އުފަން ވީ އިރުވެސް އޮތީ މަރުވެފައެވެ. އަދި ފިރިހެން ދަރިއަކާ ނުލާ ގެއަށް ހިނގައްޖެ ނަމަ، އޭނާ ދޫކޮށްލާފާނެ ކަމުގެ ބިރުވެރިކަން ހިތުގައި އުފެދުނީ ކަމަށް ބުންޏެވެ. މިކަމަކީ އަދިވެސް އިންޑިއާގައި، އިންތިހާއަށް އޮންނަ ކަމެކެވެ.

ލޯބިވާ ދަރިފުޅު ދިރިހުއްޓާ ފެނި، ލިބުމުން، މީނާއާއި ކާނޫ އުފަލުން ފޮޅުނެވެ. ނަމަވެސް އެކަންވީ ކުޑަ ވަގުތު ކޮޅެއްގެ ކަމަކަށެވެ.

ޖޫން މަހުގެ 9 ވަނަ ދުވަހެވެ. ދަރިފުޅު ގެއްލިގެން ހޯދާ ފެނުނު ފަހުން 2 މަހެއްހާ ދުވަސް ވީ ތަނާ، އަނެއްކާވެސް ދަރިފުޅު ގެއްލިއްޖެއެވެ.

ގަހެއްގެ ދަށުގައި ދަރިފުޅު ނިންދަވާފައި ބާއްވައިގެން މީނާ ދިޔައީ ކުނި ހޮވަމުންނެވެ. ނަމަވެސް، ކުނި ހޮވާ ނިމިގެން އައި އިރު، ދަރިފުޅު ނެތް ކަމަށް މީނާ ބުންޏެވެ.

ކާނޫއާއި މީނާ އަނެއްކާވެސް ފުލުހުންގެ އިދާރާއަށް ދިޔައެވެ.

ޒަލާ ވިދާޅުވި ގޮތުގައި މީނާގެ ދެމަފިރިން އެގޮތަށް ފެނުމުން އޭނާއަށް ހައިރާންކަން ލިބުނެވެ. މިފަހަރުވެސް ސީސީޓީވީ ފުޓޭޖު ބެލިއެވެ. މިފަހަރު ތުހުމަތު އަމާޒުވީ ފިރިހެނަކަށެވެ.

އެމީހާ ހޯދައިގެން ފުލުހުން ސުވާލު ކުރުމުން، އެއީ އޭނާ ނޫން ކަމަށާ، އެއީ އޭނާގެ ރައްޓެސެއް ކަމަށް ބުންޏެވެ. އެމީހަކު އުޅެނީ ރާޖަސްތާނުގައެވެ. ރާޖަސްތާނުގެ ފުލުހުންނާ ގުޅައިގެން އެ ބުނާ ގެއެއް ރެއިޑް ކުރިއެވެ. ދަރިފުޅު އޮތީ އެތަނުގައެވެ.

ރާޖަސްތާނުން ދެމަފިރިން ހައްޔަރު ކޮށްފައި ވާއިރު، އެމީހުން އެކަން ކުރީ އުފަން ދަރިއަކު ނެތިގެން ކަމަށް ބުނެފައި ވެއެވެ.

ދެ ވަނަ ފަހަރަށް ދަރިފުޅު ގެންދިޔަ ފިރިހެން މީހާއަކީ، ކާނޫއާއެކު ކޮންސްޓްރަކްޝަން މަސައްކަތުގައި އުޅޭ މީހެކެވެ. ކާނޫއަށް ދަރިއަކު ލިބުނު ކަން އެނގުމުން، އެ ދަރި ވަގަށް ނަގާނެ ގޮތެއް އޭނާ ރާވާ، އެކަން ކާމިޔާބު ކުރީއެވެ.

މީނާއާއި ކާނޫ މިހާރު އަނެއްކާވެސް ދިރިއުޅެމުން ދަނީ ދަރިފުޅާ އެކުގައެވެ. ފުލުހުންވެސް އެ ގެއަށް ޒިޔާރަތް ކޮށް، ހާލު ބަލާ ހަދައެވެ.