އަފްގާނިސްތާނުން ޕާކިސްތާނަށް ހުރަސް ކުރެވޭ ގޮތަށް ބޯޑަރު ސަރަހައްދުގައި އޮންނަ މައި މަގެއް، އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފިއެވެ.

މިއީ ވިއްސަކަށް އަހަރުވީ ހަނގުރާމަ ނިންމާލުމަށްފަހު އެމެރިކާގެ އަސްކަރީ ފައުޖުތަކުން އަފްގާނިސްތާނުން ރަމްޒީ ސިފައެއްގައި ފޭބިފަހުން، ތޯލިބާނުން ހޯދި އެންމެ ވަރުގަދަ ކުރިއެރުން ކަމަށް ހަބަރު ލިބެއެވެ.

ތޯލިބާން ޖަމާއަތުން އާންމު ކޮށްފައި ވާ މަންޒަރުތަކަށް ބަލާއިރު، އަފްގާނިސްތާނުގް ވިޝް އަވަށުން، ޕާކިސްތާނުގެ ޗަމަން އަވަށަށް ދެވެން އޮންނަ މަގުގެ އަފްގާނިސްތާނާ ވީ ފަޅީގައި ހުންނަ "ފްރެންޑްޝިޕް ގޭޓް"ގައި، ތޯލިބާނުންގެ ދިދަ ނަގާފައި ހުރި ކަން ފާހަގަވެއެވެ.

އަދި އެމެރިކާއާއި އެމެރިކާގެ ޕަޕެޓުން 20 އަހަރު ދުވަސް ވަންދެން ހިންގި ޖަރީމާތަކަށް ފަހު، އެ ސަރަހައްދު، ތޯލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައި ވާ ކަމަށް، އެ ޖަމާއަތުގެ ހަނގުރާމަވެރިއަކު ކެމެރާއަށް ބުނެއެވެ. އަދުއްވުންގެ ބާރުތައް ކަނޑުވާ، އަދުއްވުންގެ ފައުޖުތައް ފައްސާލީ ހަނގުރާމަވެރިންގެ ހިތްވަރުން ކަމަށްވެސް އެ ހަނގުރާމަވެރިޔާ ބުނެއެވެ.

ތޯލިބާނުންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައި މިވާ ސްޕިން ބޯލްޑަކް ޑިސްޓްރިކްޓްއަކީ، އެއްގަމު މަގުން ހުރިހާ ފަރާތަކުން ބެދިފައިވާ އަފްގާނިސްތާނަށް ވަދެ ނިކުތުމަށް އޮންނަ މައި މަގެކެވެ. އަދި މިއީ ޕާކިސްތާނުގެ ކަނޑުގެ ބަނދަރުތަކުން އަފްގާނިސްތާނަށް ވިޔަފާރި ގާފިލާތައް ދަތުރުކޮށް ހަދާ މައި މަގެއްވެސް ވެއެވެ. އަފްގާނިސްތާނު ސަރުކާރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ދުވާލެއްގެ މައްޗަށް 900 ޓްރަކެއް، މި ސަރަހައްދު ހުރަސް ހުރަސް ކުރެއެވެ.

ކޮންޓްރޯލް ނަގާފައި ވާ ކަމަށް ތޯލިބާނުން ބުނާ އިރު، އަފްގާން ސަރުކާރުގެ އޮފިޝަލުން ވިދާޅުވީ ތޯލިބާނުން ފަހަތައް ޖައްސާފައި ވާކަމަށާ، ޑިސްޓްރިކްޓްގެ ކޮންޓްރޯލް އޮތީ ސަރުކާރަށް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، އާންމު ރައްޔިތުންނާއި ޕާކިސްތާނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އެ ސަރަހައްދުގެ ކޮންޓްރޯލް އޮތީ ތޯލިބާނުންގެ އަތުގައެވެ.

ސެޕްޓެމްބަރު 11، 2001 ވަނަ އަހަރު އެމެރިކާއަށް ދިން ވަރުގަދަ ޓެރަރިސްޓް ހަމަލާއަށްފަހު، އެމެރިކާ ސިފައިން އަފްގާނިސްތާނަށް އަރާ، ފެށި ހަނގުރާމަ، ކޮޅެއްގައި ނުޖެހި ނިމުމަކަށް ގެނެސްފައި ވާއިރު، އެމެރިކާގެ ފައުޖުތައް، އޯގަސްޓް 31، 2021 ވަނަ ދުވަހަށް އަފްގާނިސްތާނުން ފައިބާނެ ކަމަށް އެމެރިކާއިން ވަނީ ކަނޑައަޅާފައެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބަމުން ދާ މި ދަނޑީވަޅަކީ، ތޯލިބާން ހަނގުރާމަވެރިންގެ ބާރު ގަދަ ވަމުން އަންނަ ދަނޑިވަޅަކަށް ވާއިރު، ހަނގުރާމައިގެ ދުވަސްވަރު އެމެރިކާ ސިފައިންނަށް އެއްބާރުލުން ދިން އަފްގާން ރައްޔިތުންނަށް ހިމާޔަތާ ރައްކާތެރިކަން ފޯރުކޮށްދިނުމަށްވެސް އެމެރިކާއިން ދަނީ ތައްޔާރީތަކެއް ވަމުންނެވެ.