މާލެއިން ގޯއްޗެއް ބައްލަވައިގަތީ ލޯނެއް ނަންގަވައިގެންކަމަށް، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މިއަދު ވިދާޅުވެއްޖެއެވެ.

އަމްރު ވަނީ 49 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތް ކުރެއްވި ހަބީބާ ހުސެއިން ހަބީބުގެ ގެ ކަމަށްވާ ގ.ވައިލެޓު އަބީރު 8.4 މިލިއަން ރުފިޔާއަށް ބައްލަވައިގެންފައެވެ. އެ ގޯއްޗަކީ 1183.7 އަކަފޫޓުގެ ބިމެކެވެ.

އަމްރު މި ގޯތި ބައްލަވައިގަތުމާއެކު ބައެއް ފަރާތްތަކުން ވަނީ އެކި ކަހަލަ ތުހުމަތުތައް ކޮށްފައެވެ. އެ ގޮތުން ވައްކަން ކޮށްގެން ނޫނީ އެ ހުރިހައި ފައިސާ އަމްރުއަކަށް ލިބިނުލައްވާނެކަމާއި، އަމްރުގެ މުސާރައަށް ބަލާއިރު, އޭނާއަށް އެ ގޯތި ބައްލަވައިގަނެވޭނީ ކިތައް އަހަރުންތޯ ވެސް ސުވާލުކޮށްފައިވެއެވެ.

މިކަން ސާފުކޮށްދެއްވަމުން އަމްރު ވިދާޅުވީ 2017 ވަނަ އަހަރު އޭނާ ކުއްޔަށް ނަންގަވައިގެން 03 ބުރީގެ އިމާރާތެއް ހަދައި، ރެސްޓޯރަންޓެއް ހިންގަން ތައްޔާރުވި ހިނދު, އެ ގޯތީގެ ވެރި ފަރާތުން ގޯތި ވިއްކައިލުމަށް ބޭނުންވި ކަމަށެވެ.

”2017 ވަނަ އަހަރު އަޅުގަޑު ކުއްޔަށް ނަގައިގެން 3 ބުރީގެ އިމާރާތެއް ހަދައި، ރެސްޓޯރެންޓެއް ހިންގަން ތައްޔާރުވި ތަނުން އެ ގޯތީގެ ވެރިފަރާތުން އެ ގޯތި ވިއްކާލުމަށް ބޭނުންވި. އެ ގޯތި އެހެންމީހަކު ގަނެފިނަމަ އަޅުގަނޑު އެ ތަން ހަދަން ކުރި އިންވެސްޓްމެންޓް ގެއްލިދާނެތީ އެ ގޯތި ގަތުމަށް ‏2017 ގަ އިންވެސްޓްކޮށްފައި ހުރި ފައިސާއަކީ ވެސް، އަޅުގަނޑު މަސައްކަތް ކޮށްގެން ހޯދައިފައިވާ ހަލާލު ފައިސާކަން ޔަގީންކުރުމަށް ފަހު 2020 ވަނަ އަހަރު ލޯނު އެޕްރޫވްވި.“
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު

އެސްޓީއޯގެ އެމްޑީގެ މަގާމާއި ހަވާލުވެވަޑައިގެންނެވިއިރު އަމްރުގެ މިލްކިއްޔާތުގައި މާ ގިނަ މުދާ ނެތް ނަމަވެސް ދުވަސްކޮޅެއްވީ ތަނާހެން އަމްރު މާ ބޮޑަށް މުއްސަނދިވި ކަމަށާއި އެ ގޮތުން ޑޮމެއިންޖެހި އަގުބޮޑު ކާރެއް ދުއްވާއިރު އަގުބޮޑު އަތުކުރީ ގަޑިއެއް ގެންގުޅުއްވާކަމަށް އޮންލައިން ނޫހެއްގައި ތުހުމަތުކޮށްފައިވެއެވެ.

”މި އާޓިކަލްގައި ކާރެއްގެ ވާހަކަ ވެސް އެބައޮތް. އެ ބުނާ ކާރަކީ އެސްޓީއޯގެ ކާރެއް. ގަޑިއަކީ މި ސަރުކާރު އައުމުގެ ކުރިންވެސް ‏އަޅުގަނޑު އަޅާ ގަޑިއެއް.“
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު

އަމްރު ވިދާޅުވީ މި ކަހަލަ ވާހަކަތައް އެނގިހުރެ މީހުންގެ އަގު ވައްޓައިލަން ލިޔުމަކީ ރަނގަޅުކަމެއް ނޫން ކަމަށާއި ލިޔަން ކޮންމެހެން ބޭނުންނަމަ ގުޅައިލާ މައުލޫމާތު ސާފުކޮށްލުމަކީ ނޫސްވެރިކަމުގެ އެއް އަސާސް ކަމަށެވެ. ހަމައެހެންމެ މީހުންނަށް އޮޅޭ ގޮތަށާއި، ދޮގު މައުލޫމާތު ލިޔުމަކީ ނޫސްވެރިކަމެއް ނޫންކަމަށް ވެސް އަމްރު ވިދާޅުވިއެވެ.