49 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތް ކުރެއްވި ހަބީބާ ހުސެއިން ހަބީބުގެ ގެ، އެސްޓީއޯގެ މެނެޖިން ޑިރެކްޓަރު ހުސެއިން އަމްރު ބައްލަވައިގެންފިއެވެ.

ހަބީބާ ހުސެއިން ހަބީބުގެ ގެ ކަމަށްވާ ގ.ވައިލެޓް އަބީރު، އަކީ 1183.7 އަކަފޫޓިގެ ތަނެއް ކަމަށް އެ ގެ ވިއްކުމާ ބެހޭގޮތުން ސިވިލް ކޯޓުން މައްސަަލަ ނިންމާ ނެރުނު ހުކުމްގައި ވެއެވެ.

އެގޮތުން އަމްރު އެތަނުގައިވާ އެންމެހާ އިމާރާތްތަކާއި ނުއުފުލޭ މުދަލާ އަމިއްލަ ބިން، 8.4 މިލިޔަން ރުފިޔާގެ އަގަށް ބައްލަވާ ގަންފައިވާ ކަމަށް އެ ހުކުމްގައި ވެއެވެ.

އެހެން ކަމުން އެގޭގެ މިލްކުވެރިއަކީ އަމްރު ކަމަށް ހުކުމުގައި ބުނެއެވެ.

އެ ގެ ގަތުމަށް އެއްބަސްވެފައިވާ ގޮތުގެ މަތިން 8.4 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ހަބީބާ ހުސެއިން ހަބީބު ޝަރީއަތުގެ މަޖިލީހަށް ބަޔާން ދެއްވާފައިވާ ކަމަށް އެމައްސަލާގެ ހުލާސާ ރިޕޯޓުގައި ބުނެއެވެ.

އެމައްސަލާގެ ހުލާސާ ރިޕޯޓުގައި ބުނާގޮތުން ހަބީބާ ހުސެއިން ހަބީބަށް ދިރިއުޅުއްވޭނެ އިންތިޒާމު އޭނާގެ ދަރިފުޅު އިބްރާހިމް ޒުބެއިރުގެ ގެ، މއ. މާންދޫވިލާގައި ވަނީ ހަމަޖެހިފައެވެ.