ޗައިނާގެ އިރުމަތީ ސިޓީއެއް ކަމަށް ސޫޝޯގައި ހޮޓަލެއް ވެއްޓި، މަރުވި މީހުންގެ އަދަދު، 17 އަށް އަރައިފިއެވެ.

54 ކޮޓަރީގެ އިމާރާތް ވެއްޓުނުއިރު އެތަނުގައި ތިބީ 18 މީހުން ކަމަށް ކުރިން ހީވި ނަމަވެސް، ރަޖިސްޓްރީ ނުކޮށްވެސް އެތަނުގައި ބަޔަކު ތިބިކަން، ފަހުން ވަނީ ހާމަވެފައެވެ.

އިމާރާތް ވެއްޓުނު ފަހުން 36 ގަޑިއިރަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި، ރެސްކިއު ޓީމުތަކުން ވަނީ، އިމާރާތުގެ ބައިތަކުގެ ދަށުން 23 މީހަކު ހޯދާފައެވެ. އޭގެ ތެރެއިން ފުރާނަ ހުރީ 6 މީހެއްގެ ކަމަށް މައުލޫމާތު ލިބެއެވެ.

މިހާތަނަށް ކުރިއަށް ގެންދިޔަ އިބްތިދާއީ ތަހުގީގުތަކުން އެނގުނު ގޮތުގައި، އިމާރާތް ވެއްޓިފައިވަނީ، އިމާރާތުގެ ސްޓްރަކްޗާއަށް، ވެރި ފަރާތުން ގެނައި ބަދަލުތަކެއްގެ ސަބަބުންނެވެ. ފަހުގެ ތާރީހަށް ބަލާއިރު، މި އިމާރާތް މަރާމާތު ކުރުމުގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

އިމާރާތް އެޅިއިރު އެއީ އެންމެ 3 ފަންގިފިލާގެ އިމާރާތެއް ނަމަވެސް، ފަހުން އެތައް ފަންގިފިލާއެއް އެ އިމާރާތުގައި ހުރި ކަމަށް މައުލޫމާތު ލިބެއެވެ.

ޗައިނާގައި އިމާރާތް ވެއްޓުމުގެ ހާދިސާތައް އާންމު ގޮތެއްގައި ހިނގާފައި ހުންނަނީ ކޮންސްޓްރަކްޝަން ފެންވަރު ދަށްވެގެންނެވެ.

ޗައިނާއިން ދާދި ފަހުން ވަނީ، އާދަޔާ ހިލާފަށް އުސް އިމާރާތްތައް އަޅަންވެސް ހުއްދަ ނުދޭން ނިންމާފައެވެ.