ކުރިޔަށް އޮތް ސަރުކާރު ބަންދު ދުވަސްތަކުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވާނީ 2 ދުވަހު ކަމަށް ބީއެމްއެލްއިން ބުނެފިއެވެ.

އެގޮތުން އެދުވަސްތަކުގައި ބީއެމްއެލް ހުޅުވުމަށް ހަމަޖެހިފައިވަނީ ޖުލައި 21 އަދި ޖުލައި 27، 2021، ގައި ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ މިދުވަސްތަކުގައި ބޭންކުގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފަ ހުންނާނީ ހެނދުނު 08:30 އިން ފެށިގެން މެންދުރުފަހު 2:00 އަށް ކަމަށެވެ.

ބޭންކުގެ ހިދުމަތްތައް ހޯދުމަށް ކަސްޓަމަރުންނަށް ކިއުބީ އެޕް މެދުވެރިކޮށް ޓޯކަންއަށް އެދެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި ކިއުބީ އެޕް މެދުވެރިކޮށް ކިއުގައި ތިބި ކަސްޓަމަރުން ގެ އަދަދު ބްރާންޗަށް އައުމުގެ ކުރިން އޮންލައިންކޮށް ބަލާލެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. ބީއެމްއެލް އިން ބުނީ ބޭންކު ހުޅުވާފަ ހުންނަ ދުވަސްތަކުގައި ހެނދުނު 8.00 އިން މެންދުރު 12:00 އަށް އެޕް މެދުވެރިކޮށް ޓޯކަން ލިބޭނެ ކަމަށެވެ.

ބީއެމްއެލް އިން ބުނީ އެކައުންޓް އޯޕަނިން ސެންޓަރު، ލޯން ސެންޓަރު އަދި ބިޒްނަސް ސެންޓަރު މެދުވެރިކޮށް ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުން ކަމަށެވެ. އެގޮތުން ކަސްޓަމަރުންނަށް ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދުމަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އޭގެ އިތުރުން ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ބަންދު ދުވަސްތަކުގައި ވެސް 24 ގަޑިއިރު ފައިސާ ނެގުމާ، ފައިސާ ޖަމާކުރުމާ، ފައިސާ ދެއްކުމާއި ފައިސާ ފޮނުވުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ހަމައެހެންމެ މީހުން ދިރިއުޅޭ ރަށްރަށުގައި ގާއިމް ކޮށްފައިވާ ކޭޝް އޭޖެންޓުން މެދުވެރިކޮށް ބަންދު ދުވަސްތަކުގައި ވެސް ކަސްޓަމަރުންނަށް ބޭންކިން ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ ބޭންކުން ކަސްޓަމަރުންގެ ކިބައިން އެދެނީ މި ދަނޑިވަޅުގައި ގޭގައި ތިއްބަވައިގެން ބީއެމްއެލް އިންޓާނެޓް ބޭންކިން އަދި މޮބައިލް އެޕް މެދުވެރިކޮށް ބޭންކިން ހިދުމަތްތައް ހޯދުމަށް ކަމަށެވެ.