ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި ބިލަކީ "މިޔަލީ ކަނޑި" އެއްގެ ގޮތުގައި އައްޑޫ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ސިފަކުރައްވައިފިއެވެ.
ޝަރީފް ވިދާޅުވީ މިބިލްގެ ޑްރާފްޓަކީ ވަރަށް ބޮޑަށް ބަލާ އެއާ ބެހޭ ގޮތުން ކަމާބެހޭ ވުޒާރާތަކާއި، އިދިކޮޅު ސިޔާސީ ފަރާތްތަކާއި ހަމައެހެންމެ އާންމު ރައްޔިތުންނާއެކު މަޝްވަރާކުރަންޖެހޭ ޑްރާފްޓްއެއް ކަމަށެވެ.
އަދި މިއީ އެތަށް ބައިވަރު އިސްލާހުތަކެއްވެސް ގެންނަންޖެހޭ ބިލްއެއް ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފަައެވެ.
ބިލު އަނބުރާ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމައިފިއެވެ.
މިހަހު 3 ވަނަ ދުވަހު މަޖިލީހުގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ އެ ބިލު އަދިވެސް އިތުރަށް ދިރާސާ ކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާލަން ހުށަހަޅުއްވައިފައެވެ. އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އާޒިމްގެ ހުށަހެޅުއްވުމަށް އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވަނީ ތާއީދު ކުރައްވާފައެވެ
ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލުގައި ވަނީ، ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ ދަށުން ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދާށެވެ. އެގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހެދުން ހިމެނެއެވެ. ބިލުގައި ބުނެފައި ވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރައިގެ ކުށެއް ކަމަށެވެ.
އެހެންކަމުން އެފަދަ ކުށެއް ކޮށްފި ނަމަ އެންމެ ބޮޑުވެގެން އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް ވެގެން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އެބިލަށް އިސްލާމިކް މިނިސްޓްރީން ވަނީ 3 އިސްލާހެއް ހުށަހަޅާފައެވެ. އެއީ އިސްލާމް ދީނުގެ ނަމުގައި މީހުންގެ އަބުރާއި މުދަލާއި ފުރާނަޔަށް ގެއްލުން ލިބުމަށް މަގުފަހިވާފަދަ ކުށްތައް މަނާކުރުމާ، އިސްލާމް ދީނުގެ ދައުވަތު ފެތުރުމާއި ހެޔޮކަންކަމަށް ގޮވާލުމާ ނުބައިކަންކަން ނަހީކުރުމުގެ މަތިވެރި ވާޖިބަށް ހުރަސް އެޅިދާފަދަ މާއްދާތައް އިސްލާހު ކުރުމާ، އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެބިލުގައި ހިމެނުމުގެ މައްޗަށް ކަމަށް މިނިސްޓްރީން ބުނެއެވެ.