މާލެއާއި ހުޅުމާލެ އިންޓަކަނެކްޝަން މަސައްކަތް ކުރިއަށް ގެންދާތީ މާލޭގައި ބެހެއްޓި ވަގުތީ 4 ޖަނެރޭޓަރުގެ ބޭނުން ކުރުން އަންނަ ހުކުރު ދުވަހުން ފެށިގެން ހުއްޓާލަން ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން މިހެން ބުނީ މާލޭގައި ސްޓެލްކޯ އިން ވަގުތީ ޖަނަރޭޓަރުތަކެއް ބަހައްޓާފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރެވޭ ގޮތަށް ހަމަޖެއްސައިދިނުމަށް އެދި ސިވިލް ކޯޓަށް މިއަދު ބަޔަކު މައްސަލައެއް ހުށަހަޅުމާ ގުޅިގެންނެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ ކުންފުނިން ބުނީ، އެ ޖަނަރޭތަރުތައް ބޭނުންކޮށްފައި ވާނީ މަދު ހާލަަތެއްގައި ކަމަށާއި އެއީ އަބަދު ޖައްސާފައި ބަހައްޓަ ޖަނަރޭޓަރުތަކެއް ނޫން ކަމަށެވެ. އަދި އެ ޖަނަރޭތަރުތައް ބޭނުން ކުރުން ހުއްޓާލުމަށް ކުރިން މިމަހުގެ ނިޔަލަށް އޮތް ނަމަވެސް އަންނަ ހުކުރު ދުވަހު ހުއްޓާލާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
މާނިފާ ހިނގުމާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމައްޗަށްވާ ގޮތަށް، ކުޑަކުދިންގެ ބަގީޗާ ކައިރީގައި އޮންނަ ގާކޮށިތެރޭގައި ވަގުތީގޮތުން ޖަނަރޭޓަރުތަކެއް ބަހައްޓާފައި ވަނީ މާލެއަށް ކަރަންޓު ބޭނުންވާ ވަރު އިތުރުވަމުން ދާތީ ކަރަންޓު ނުކެނޑި ހިފެހެއްޓުމަށެވެ. ސްޓެލްކޯއިން ބުނީ އެއީ ވަގުތީ ޖަނަރޭޓަރުތަކެއް ކަމަށާއި އެ ޖަނަރޭޓަރުތައް ބެހެއްޓީ ހުޅުމާލެ އާއި މާލެ އިންޓަކަނެކްޝަން މަސައްކަތް ކުރިއަށް ގެންދާ އިރު މާލޭގައި ދޭ ކަރަންޓްގެ ހިދުމަތަށް ބުރޫ އެރިޔަ ނުދިނުމަށާއި މައި ޖަނަރޭޓަރުތަކަށް ބާރުބޮޑު ވުމުގެ ސަބަބުން ކަރަންޓެ ކެނޑުނަ ނުދިނުމަށް ކަމަށެވެ. މިހާރު ހުޅުމާލެއާއި މާލޭ އިންޓަކަނެކްޝަންގެ މަސައްކަތް ނިމިފައި ކަމަށް ސްޓެލްކޯއިން ބުނެއެވެ.
އެ ޖަނަރޭޓަރުތަކުގެ ސަބަބުން އުނދަގޫތަކާ ކުރިމަތިވާ ކަމަށް ބުނެ އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ވަނީ އެޗްއާރުސީއެމަށް މިދިޔަ އޭޕްރިލް މަހުގެ ތެރޭ މައްސަަލައެއް ހުށަހަޅާފައެވެ. އެޗްއާރުސީއެމަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ސްޓެލްކޯ ކޮށީގައި ބަހައްޓާފައި ހުރި ބޮޑެތި އިންޖީނުތަކުން ކަޅު ދުމާއި ތެޔޮ ވަހުގެ އަސަރު އެ ގޭގޭގައި އުޅޭ މީހުންނަށް ކުރާ ކަމަށެވެ. އެކަމުގެ ސަބަބުން ނޭވާލަން އުނދަގޫވެ، އަޑުގަދަ ވަމުން އެޕާޓްމަންޓުތަކުގެ ދޮރު ހުޅުވާލައިގެން އުޅުމަކީ ބޮލުގެ ރިހުމެއް ކަމަށް ބުނެފައި ވެއެވެ. އެޗްއާރްސީއެމުން އެ މައްސަލަ ބަލައި ވަނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ސަމާލުކަމަށް ވެސް އެކަން ގެނެސްފައެވެ.
އެ މައްސަލަ ބެލުމަށް ފަހު މިިދިޔަ މަހު އެޗްއާރްސީއެމުން ނިންމާފައި ވަނީ ސްޓެލްކޯ އިންޖީނުތައް ބަހައްޓާފައިވާ ސަރަހައްދުގައި ރައްޔިތުން އުޅެނީ ސިއްހަތަށް އެކަށީގެންވާ މާހައުލެއްގައި ނޫން ކަމަށާއި ލިބިފައިވާ ގެއްލުމުގެ ބަދަލު ނެގުމަށް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަށެވެ. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވެސް ވަނީ ވަގުތީ ޖަނަރޭޓަރުތައް ބޭނުންކުރުން ހުއްޓާލައި އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ދިމާވާ އުނދަގޫތައް ހައްލުކުރަން މި މަހުގެ ނިޔަލަށް ސްޓެލްކޯއަށް މުއްދަތު ދީފައެވެ.
ޖާގައިގެ ދަތިކަން އޮތް މާލޭގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ސްޓެލްކޯ އަށް ބާރު ބޮޑުވެ މީގެ ކުރިން ވަރަށް ގިނައިން މާލެއިން ކަރަންޓުގެ ހިދުމަތް ކެނޑެއެވެ. ކަރަންޓުގެ ޑިމާންޑް މަތިވަމުން އައިރު އެ ޑިމާންޑާ އެއްވަރަށް ކަރަންޓު އުފައްދާ ފޯރުކޮށްދޭނެ ޖާގަ މާލެގައި ނެތް ކަން އެ ކުންފުނިން މީގެ ކުރިން ވެސް ވަނީ ފާހަގަ ކޮށްފައެވެ.