އޭނާ މަގާމުން ދުރުކުރީ ރައްޔިތުންގެ މެންޑޭޓަކުން ނޫން ކަމަށާ، ނަމަވެސް ސުޕްރީމް ކޯޓުގެ އަމުރަކުން ކަމަށް ނޭޕާލްގެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވި ކޭޕީ ޝަރުމާ އޯލީ ވިދާޅުވެއްޖެއެވެ.

މަގާމުގައި ހުންނެވި އެންމެ ފަހު ދުވަހު ގައުމާ މުހާތަބު ކުރައްވާ ތަގުރީރު ކުރައްވަމުން އޯލީ ވިދާޅުވީ، ރައްޔިތުންގެ މެންޑޭޓާ މެދު ފުރިހަމަ އިތުބާރު އެބައޮތް ކަމަށާ، ނަމަވެސް ސުޕްރީމް ކޯޓުގެ އަމުރާ މެދު ސުވާލު އުފެދޭ ކަމަށެވެ. މި މޭރުމުން ތަގުރީރު ކުރިއަށް ގެންދަވަމުން އޯލީ ވިދާޅުވީ، ސުޕްރީމް ކޯޓުގެ ނިންމުމާ އެކު ޑިމޮކްރަސީވެސް ދުރަށް ޖައްސާފައި ވާ ކަމަށެވެ. އަދި ނޭޕާލްގައި އޮތް އެއް ޕާޓީއަށް ވުރެ ގިނަ ޕާޓީ އެކުލެވޭ ނިޒާމަށްވެސް ސުޕްރީމް ކޯޓުން ގޮންޖަހާފައި ވާ ކަމަށް އޯލީ ވަނީ ވިދާޅުވެފައެވެ.

އޯލީ ވިދާޅުވީ ސުޕްރީމް ކޯޓުން، އެ ކޯޓުގެ ހުދޫދު ފަހަނަ އަޅާ ގޮސް،. ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ތެރެއަށް ވަދެފައި ވާ ކަމަށެވެ.

ނޭޕާލްގެ އެންމެ މަތީ ކޯޓުން ވަނީ، ނޭޕާލްގެ ވަގުތީ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި އޯލީގެ މަގާމަށް، ޝޭރު ބަހާދަރު ދިއުބާ އައްޔަން ކުރުމަށް، ނޭޕާލްގެ ރައީސްއަށް އަމުރު ކޮށްފައެވެ. މީގެ އިތުރުން އުވާލާފައި ވާ ގާނޫނު ހަދާ މަޖިލީސްވެސް، ސުޕްރީމް ކޯޓުން ވަނީ އަލުން އިޔާދަ ކޮށްފައެވެ.

ތިން އަހަރާއި ބައިގެ މުއްދަތަކަށް ހިދުމަތް ކުރެއްވި ކަން ފާހަގަ ކުރައްވަމުން އޯލީ ވަނީ، ބޮޑުވަޒީރަކު އައްޔަން ކުރުމަކީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުގެ ނިންމުމަކީ ތާރީހީ ނިންމުމެއް ކަމަށް ރައްޔިތުން ބުނަނީ ބުނަން ވެގެން ކަމަށާ، އެހެނީ އެ ނިންމުމަކީ އެކަމަކުގެ އަސަރު، ދިގު މުއްދަތަކަށް ނޭޕާލަށް ފޯރާނެ ނިންމުމަކަށް ވުން ކަމަށްވެސް އޯލީ ވަނީ ފާހަގަ ކުރައްވާފައެވެ. މި މޭރުމުން އޯލީ ވަނީ، ނޭޕާލަށް ދެން އަންނަ ސަރުކާރާ މެދުވެސް ސުވާލު އުފައްދަވާފައެވެ.

ނޭޕާލްގެ އާ ބޮޑުވަޒީރު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ދިއުބާ، މިއަދުގެ ވަގުތެއްގައި މަގާމުގެ ހުވާ ކުރެއްވި ކަމަށް ހަބަރު ލިބެއެވެ.