މި އަހަރު ތެރޭ ބީއެމްއެލް ކޮމިއުނިޓީ ފަންޑު މެދުވެރިކޮށް އިތުރު 10 ޕްރޮޕޯސަލް ހޮވުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލުން ބުނެފިއެވެ.

ރަށްރަށުގެ އާންމު ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތައް ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" އިފްތިތާހްކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ފެބްރުވަރީ މަހުގައެވެ.

ބީއެމްއެލުން ބުނީ މިހާތަނަށް ރާއްޖޭގެ 18 އަތޮޅެއްގައި ހިމެނޭ 49 ރަށަކަށް 50 ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އޭގެތެރެއިން 30 ރަށެއްގައި ހިންގުނު ޕްރޮޖެކްޓްތަކުގެ މަސައްކަތް ވަނީ ނިންމާފައި ކަމަށެވެ. އަދި މިއަހަރު ކުރިއަށް އޮތްތަނުގައި 10 ޕްރޮޕޯސަލް އެއް ހޮވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑު މެދުވެރިކޮށް ރަށްރަށުގައި ހިންގާފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން ޕްރޮޖެކްޓެއް

ނިމިފައިވާ ޕްރޮޖެކްޓް ތަކުގެ ތެރޭގައި ކޮމިއުނިޓީ ޕާކް، އައުޓްޑޯ ޖިމް، މަސްކަނޑާތަން، ކުޑަކުދިންގެ ޕާކް، ސޯލާ ލައިޓް ހަރުކުރުން، ތިމާވެއްޓާ ރައްޓެހި ކޮތަޅު ހަދިޔާ ކުރުން، ބިއްލޫރި ފުޅި ހަދިޔާ ކުރުން، ނޭޗާ ޕާކް ތަރައްގީ ކުރުން، ލައިބްރަރީ ތަރައްގީ ކުރުމާއި، ކުނި މެނޭޖް ކުރުމަށް އެހީތެރިވުމާއި ސްކޭޓް ޕާކާއި ޕިކްނިކް ސަރަހައްދު ގާއިމް ކުރުން ފަދަ ތަފާތު ޕްރޮޖެކްޓްތައް ހިމެނެއެވެ.

އެ ފަންޑުގެ ދަށުން ކޮންމެ އަހަރަކު ވެސް 1 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ފޮރުކޮށްދިނުމަށް ހަމަޖައްސާފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ. މުޖުތަމައަަށް ފައިދާ ކުރާނެ ޕްރޮޖެކްޓްތަކުގެ އިތުރުން ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ވެސް ޕްރޮޕޯސަލް ހުށަހަޅެމުގެ ފުރުސަތު ދެވިފައިވާ ކަން އެ ކުންފުނިން ފާހަގަ ކުރެއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް މެދުވެރިކޮށް ގިނަ ރަށްރަށަށް ވަނީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށް ގިނަ ކަންތައްތަކެއް ވަނީ ކޮށްފައެވެ.