ޖަޕާނުން ވެކްސިން ހަދިޔާކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަޕާނު ސަރުކާރުން 10 މިލިއަން ޑޯޒް ވެކްސިން ހަދިޔާކުރާ 10 ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ.

އެއީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ހަދިޔާ ކުރުމަށް ނިންމާފައިވާ ވެކްސިން ކަމަށް ޝާހިދު ވިދާޅުވިއެވެ. އެކަމާ ގުޅިގެން ޝާހިދު ވަނީ ޖަޕާނު ސަރުކާރާއި ޖަޕާނުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖެހުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 318،756 މީހުންނެވެ. އޭގެތެރެއިން 235،615 މީހުން ވަނީ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.

މިދިޔަ އާދިއްތަ ދުވަހު ކޮވިޑް ވެކްސިން ޖުމްލަ 7513 މީހަކަށް ޖަހާފައި ވާއިރު، އޭގެ ތެރެއިން 306 މީހަކަށް ވަނީ ކޮވިޑް ވެކްސިންގެ އެއްވަނަ ޑޯޒް ޖަހާފައެވެ. އެއީ މާލެ ސަަހައްދުން 240 މިހަކާއި އަތޮޅުތެރެއިން 66 މީހެކެވެ.

ވެކްސިން ޖެހި މީހުންގެ ތެރެއިން ދެވަނަ ޑޯޒް ޖަހާ މީހުން މިހާރު އިތުރުވެފައި މި ވަނީ ރާއްޖޭގައި އަނެއްކާވެސް ކޮވިޝީލްޑް ވެކްސިން ޖަހަން ފެށުމުންނެވެ.