އީރާންގެ ޒުވާނުންގެ ހިތްތަކުގައި ހަރުދަނާ ގޮތެއްގައި ދިގުދެމިގެންދާ ކައިވެނިތަކަށް ހިތްޖެއްސުމުގެ ގޮތުން، އިސްލާމިކް ޑޭޓިންގް އެޕްލިކޭޝަނެއް ތައާރަފު ކޮށްފިއެވެ.

ފާރިސީ ބަހުން "ހަމްދަމް" ނުވަތަ ބައިވެރިޔާގެ ނަމުން ނަން ދީފައި ވާ މި އެޕްލިކޭޝަނަކީ، ހަޔާތުގެ ބައިވެރިޔާ ހޯދުމުގައި އެހީތެރިވެދޭނެ އެޕްލިކޭޝަނެއް ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

އީރާންގެ ސައިބާސްޕޭސް ޗީފް، ކާނަލް އަލީ މުހައްމަދު ރަޖަބީ ވިދާޅުވީ، މިއީ އީރާނުގެ ދައުލަތުން ހަރަދުކޮށްގެން އޮޕަރޭޓް ކުރާ މިފަދަ ހަމައެކަނި ޕްލެޓްފޯމް ކަމަށެވެ. ޑޭޓިންގް އެޕްލިކޭޝަންތަކަކީ އީރާންގައި އާންމު އެޕްލިކޭޝަންތަކެއް ނަމަވެސް، "ހަމްދަމް" ފިޔަވާ ދެން ހުރި ހުރިހާ އެޕްލިކޭޝަންތަކަކީ ޣައިރު ގާނޫނީ އެޕްލިކޭޝަންތަކެއް ކަމަށްވެސް ރަޖަބީ ވިދާޅުވިއެވެ.

"ހަމްދަމް" ފަރުމާ ކޮށްފައި ވަނީ އީރާންގެ އިސްލާމިކް ޕްރޮޕަގަންޑާ އޯގަނައިޒޭޝަންގެ ގޮތްޕެއް ކަމަށްވާ ތިބްޔާން ކަލްޗަރަލް އިންސްޓިޓިއުޓްއިންނެވެ. މި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ، ދާއިމަށް ކައިވެންޏެއްގައި ދެމިހުންނަން ބޭނުންވާ ފިރިހެނުންނަށް، އަނބިން ހޯދާ ދޭ އުސޫލުންނެވެ. އަދި ކޮންމެ މީހަކަށްވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ހޯދޭނީ އެންމެ ބައިވެރިއެކެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ބައިވެރިން ހޯދަން މަސައްކަތް ކުރާއިރު، އެމީހެއްގެ ނަފްސާނީ ހާލަތު ދެނެގަންނަ އެސެސްމަންޓެއްވެސް ހަދައެވެ. މި އެޕްލިކެޝަން މެދުވެރިކޮށް ހޯދާ ބައިވެރިޔާގެ އާއިލާއާއެކު ދެ ފަރާތުގެ އާއިލާއިން ބައްދަލުކުރަނީ ހާއްސަ ކޮންސަލްޓުންގެ ހާޒިރުގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ. އަދި ކައިވެނި 4 އަހަރު، މި ކޮންސަލްޓަންޓުން، އެ ދެމަފިރިންނާއެކު މަސައްކަތް ކުރާނެ ކަމަށް ހަބަރު ލިބެއެވެ.

"ހަމްދަމް" އަކީ އެއްވެސް ފީއަކާ ނުލާ ބޭނުން ކުރެވޭ އެޕްލިކޭޝަނަކަށް ވާއިރު، މި އެޕްލިކޭޝަނަށް އާމްދަނީ ހޯދަނީ ކިހިނެއް ކަމެއް އީރާނުން ހާމަކޮށްފައެއް ނުވެއެވެ.

މި ދަނޑިވަޅަކީ، އީރާނުގައި އަލަށް އުފަންވާ ކުދިންގެ ނިސްބަތް، އިންތިހާއަށް ދަށްވަމުން ދާ ދަނޑިވަޅެކެވެ. އީރާންގެ ރޫހީ ލީޑަރު، އާޔަތުއްލޯ އަލީ ހާމަނާއީވެސް ވަނީ، އީރާންގައި މީހުންނާ އިންނަ އުމުރު ދޮށިވެ، ދަރިން ހޯދާ ނިސްބަތް ދަށް ވާކަމުގެ އިންޒާރު ކުރައްވާފައެވެ.