ކުރީގެ ރައީސް އަބްދުﷲ ޔާމީން، އާރަށުގެ މައްސަލަ ތަހުގީގު ކުރުމަށް އަނެއްކާ ވެސް ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމުން އެމަނިކުފާނުގެ ވަކީލުން އެ މައްސަލައިގެ ތަހުގީގު މަޖިލީހުން ތަނާޒުލްވެވަޑައިގެން ކަަމަށް އިސް ވަކީލު އަދި ކުރީގެ ނައިބު ރައިށް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ މިއަދު އަނެއްކާ ރައީސް އަބްދުﷲ ޔާމީން ފުލުހަށް ހާޒިރުކޮށް އާރަށުގެ މައްސަލައިގައި ކުރިއަށް ގެންދިޔަ ތަހުގީގުގެ މަޖިލިސް ނިންމާވާލެއްވުމަށް ފަހުއެވެ.

އޭނާ ވިދާޅުވީ، މިއަދު ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށް، މީގެ ކުރިން ގާނޫނީ އިންޒާރުދީ ސުވާލުކޮށް، ބަޔާން ނަގައި ނިމިފައިވާ މައްސަލައެއްގައި އަނެއްކާ ވެސް އަލުން ގާނޫނީ އިންޒާރުދީ ބަޔާން ނެގުމަށް އުޅޭ ކަމަށެވެ. އެކަމުގެ ގާނޫނީ ހުއްޖަތު ދެއްކުމަށާއި، އަދި، އެކަމުގެ ސައްހަކަން ކަށަވަރުކުރުމަށް ފުރުސަތު ދިނުމަށް އެދުމުން ވެސް އެ ފުރުސަތު ނުދީ ގަދަކަމުން ތަހުގީގު ކުރިއަށް ގެންދަން ފުލުހުން އުޅެފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ. އެހެންކަމުން ރައީސް ޔާމީންގެ ހައްގު ހިމާޔާތް ނުކުރެވޭތީ، އެމަނިކުފާނުގެ ވަކީލުން ވަނީ ތަހުގީގުގެ އެ މަޖިލީހުން ތަނާޒުލުވެފައއި ކަމަސް ޖަމީލް ވިދާޅުވިއެވެ.

ވ. އާރަށާ ގުޅޭ މައްސަލައިގައި މިއަދު ޔާމީން ފުލުހަށް ހާޒިރު ކޮށްފައި ވާއިރު މި މަހުގެ 10 ވަނަ ދުވަހުގެ އެމަނިކުފާނު ވަނީ އެ މައްސަލައިގެ ތަހުގީގަށް ސުވާލު ކުރުމަށް ފުލުހަށް ހާޒިރުކޮށްފައެވެ.

"މިދެންނެވި މައްސަލައަކީ މީގެ ކުރީ ދުވަހެއްގައި ރައީސް ޔާމީން ހާޒިރުވެވަޑައިގެން އެ މައްސަލައިގެ ތަހުގީގު މުޅިން ނިމި ސޮއިކުރައްވާފައިވާ މައްސަލައެއް. އެހެންނަމަވެސް އަލުން ބަލުން ބަލުން ހާޒިރުކުރައްވައިގެން މިއަދު ކުރެވުނު މަސައްކަތަކީ ނިމިފައި އޮތް މައްސަލައެއް ހުޅުވާލައިގެން ކުރިއަށް ގެންދިއުން"
ޑރ. މުހައްމަދު ޖަމީލް އަހްމަދު

މި މަހުގެ 10 ވަނަ ދުވަހު ރައީސް ޔާމީން ފުލުހަށް މި މައްސަލައާ ގުޅިގެން ސުވާލު ކުރަން ހާޒިރުކޮށްފައި ވުމުން ވެސް ޖަމިލް ވަނީ ހިތްހަމަނުޖެހުން ފާޅު ކުރައްވާފައެވެ. ޖމީލް އެ ދުވަހު ވަނީ މި މައްސަލަ އަނެއްކާ ތަހުގީގު ކުރަން ފެށުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ފުލުހުންނާ ވެސް ހިއްސާ ކުރެއްވި ކަމަށް ވިދާޅުވެފައެވެ. އެގޮތުން ފުލުހުން މި މައްސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އެ މައްސަލައިގައި އިތުރަށް ބަލަން ހުރި ކަންކަން ހުރުމުން ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ޖަމީލު ވިދާޅުވިއެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިރު ކޮށްފައި ވަނީ އެމްއެމްޕީއާރްސީގެ މައްސަލައެއްގައި ތަހުގީގަށް ސުވާލު ކުރުމަށް ކަމަށް ފުލުހުން ބުނި ނަމަވެސް އެއީ އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅުން ހުރި ކޮން މައްސަލައެއް ކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ރިސޯޓެއް ތަރައްގީ ކުރުމަށްޓަކައި ވ.އާރަށް ބޭރު ކުންފުންޏަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ރައީސް ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށްބުނެ އެމަނިކުފާނުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ އޭޕްރީލް 27 ގައެވެ. މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑްރިންގެ ކުށެވެ.