މާލޭ ސިޓީ ކައުންސިލުން ބަލަހައްޓަމުން ގެންދާ މާރުކޭޓްތަކުގެ ގޮޅިތައް ކުއްޔަށް ދިނުމަށް އާއްމުކޮށް ހުޅުވާލައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މާރުކޭޓު ގޮޅިތައް ކުއްޔަށް ދޫކުރަން ހަމަޖެހިފައި ވަނީ މާލޭ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުން ކަމަށެވެ.
މި ދެ މާރުކޭޓުން ޖުމްލަ 349 ގޮޅި ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖައްސާފައި ވާއިރު ލޯކަލް މާރުކޭޓުން 186 ގޮޅިއާއި ދަތުރުވެރިންގެ މާރުކޭޓުން 163 ގޯޅި ދިނުމަށް ހަމަޖެހިފައިވެއެވެ.
ސިޓީ ކައުންސިލް އިން ވަނީ މިދިޔަ ހަފްތާ ތެރޭގައި އަގުދީގެން މާލޭގައި ވެހިކަލް ޕާކު ކުރަން ޖާގަ ދޫކުރުމަށް ވެސް ހުޅުވާލާފައެވެ.
މިގޮތުން ދޫކުރަން ހަމަޖެހިފައި ވަނީ ޖުމްލަ 211 ޖާގަ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި ޖާގަ ދޫކުރާ ވެހިކަލް ތަކަކީ 350 ކިލޯގެ ޕިކަޕާއި ކާރު އަދި ވޭން ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.
މާރުކޭޓު ގޮޅިތަކާއި ޕާކިން ސްލޮޓްތައް ކުއްޔަށް ދޫކުރުމުގައި އަމަލުކުރާނީ ހުރިހާ މައުލޫމާތެއް އާންމުންނަށް ސާފުކޮށް ފެންނާނެހެން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީކައުންސިލުން ބަލަހައްޓަމުން ގެންދާ ދަތުރުވެރިންގެ މާރުކޭޓް އަދި ލޯކަލް މާރުކޭޓުން ކުއްޔަށް ދޫކޮށްފައިވާ ގޮޅިތަކުގެ މުއްދަތު ހަމަވެފައި ވާތީ އެ ގޮޅިތައް އަލުން ކުއްޔަށް ހިފުމަށާއި ޕާކިން ސްލޮޓްތައް ކުއްޔަށް ހިފަން އެދޭ ފަރާތްތަކަށް އެފުރުސަތު އާންމުކޮށް މާލެ ސިޓީ ކައުންސިލުން ވަނީ ހުޅުވާލައިފައެވެ.
ޑރ. މުއިއްޒު މިއަދު ވިދާޅުވީ މާރުކޭޓު ގޮޅިތަކާއި ޕާކިން ސްލޮޓްތައް ކުއްޔަށް ދިނުމުގެ ކަންކަން ކުރިއަށް ގެންދާނީ ހުރިހާ މައުލޫމާތެއް އާންމުކޮށް ފެންނާނެ ގޮތަށް ވަރަށް ޓްރާންސްޕޭރެންޓްކޮށް ކަމަށެވެ.
އަދި ގުރުއަތުން ނަގަން ޖެހިއްޖެނަމަ އެކަން ކުރިއަށް ގެންދާނީ ޓީވީއިން ލައިވްކޮށް ކަމަށްވެސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މާލެ ސިޓީ ކައުންސިލުން ގޮޅި ދޫކުރަން ކުރި އިއުލާނުގައި ބުނެފައި ވަނީ ކޮންމެ ފަރާތަކުން ވެސް ފޯމް ލެވޭނީ އެއްގޮޅިއަށް ކަމަށެވެ. އަދި ފޯމް ހުށަހަޅާއިރު އެ ފަރާތަކުން ކުރަން ބޭނުންވާ ވިޔަފާރިއާ ދިމާލުގައި އެއްގޮޅީގައި ފާހަގަ ޖަހަންވާނެ ކަމަށެވެ.